އިނގިރޭސި ރާނީ އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިިލިޕް އަވަހާރަވެއްޖެއެވެ.

ފިލިޕްގެ ހާލުކޮޅު ގޯސްވުމުގެ ސަބަބުން އެމަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވަނީ ފެބްރުއަރީ 16ގައި، ކިންގް އެޑްވާޑް ދަ ސެވެންތް ހަސްފަތާލުގައެވެ. އަދި އޭގެ ފަހުން ހިތުގެ ބައްޔާއި ގުޅޭ ޓެސްޓުތަކެއް ހެދުމަށް، ކާޑިއެކް ކެއާ އަށް ހާއްސަ ހޮސްޕިޓަލެއްކަމަށްވާ ސެއިންޓް ބާތޮލޮމިއު ހޮސްޕިޓަލަށް ފިލިޕް ބަދަލުކުރެވުނެވެ.

ބަކިންހަމް ޕެލަސް އިން ނެރުނު ބަޔާނެއްގައި ބުނީ އުމުރުފުޅުން 99 އަހަރުގައި ޕްރިންސް ފިލިޕް އަވަހާރަވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ރަސްމީ މަސްއޫލިއްޔަތުތަކުން މީގެ ހަތަރު އަހަރު ކުރިން އެކަހެރިވެވަޑައިގެންފައިވާ ޕްރިންސް ފިލިޕަށް މި ފަހުން އެކި ކަހަލަ ސިއްހީ މައްސަލަތައް ކުރިމަތިވެގެން ފަރުވާ ދީފައިވެއެވެ.