މިއީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ މުހިންމު އިންތިޚާބެއްކަމަށާ، ވީހާވެސް ގިނަބަޔަކު ނުކުމެ ވޯޓުލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

ކައުންސިލް އިންތިހާބުގެ ވޯޓު ލެއްވުމަށްފަހު ޖަމާލުއްދީން ސްކޫލުގައި މީޑިއާއާ ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކާއި މުޅި ރާއްޖޭގެ ހިންގުމަށް މި ވޯޓުގެ ނަތީޖާއާ އެކު ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އެހެން ކަމުން މި ފަހަރުގެ އިންތިހާބަކީ ނުހަނު މުހިއްމު އިންތިހާބަހަކަށް ވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ވަރަށް މުހިއްމު ވޯޓެއް މި ކުރިއަށް ދަނީ. މުޅި ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ރަނގަޅު ބަދަލުތަކެއް އަންނާނެ އިންތިހާބެއް،" ރައީސް ވިދާޅުވި އެވެ.

އިންތިހާބުގައި ވޯޓު ލާން ނިކުތް މީހުންގެ އަދަދުތައް މިހާތަނަށް މަދު ކަމަށް ފެންނާތީ އެކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ މިއީ ދަތި އުނދަގޫ ދަނޑިވަޅެއް ނަމަވެސް، ވީހާ ވެސް ގިނަ ބަޔަކު ވޯޓު ލާން ނިކުންނަން އިލްތިމާސް ކުރައްވާ ކަމަށެވެ.