މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބުގައި ލަސް ނުކޮށް ހުރިހާ ރައްޔިތުން ވޯޓު ލުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިލްތިމާސް ކުރައްވައިފިއެވެ.

މިއަދު ހެނދުނު 10:30 ގައި އެމަނިކުފާނު ވަނީ ވޯޓު ލައްވައިފައެވެ. ވޯޓު ލެއްވުމަށް ފަހު ކުރެއްވި ޓުވީޓެއްގައި ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނު ވޯޓު ލައްވައިފި ކަމަށެވެ.

"މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އަޅުގަނޑު ވޯޓުލައިފިން. ލާމަރުކަޒީ ރާއްޖެއެއް ބިނާކުރުމުގައި ރައްޔިތުންގެ ބައިވެރިވުން ލިބުމަކީ މުހިންމުކަމެއް. އަޅުގަނޑުގެ އިލްތިމާސަކީ ހުރިހާ ރައްޔިތުން ލަސް ނުކުރައްވައި ވޯޓުލެއްވުން،" ރައީސް ވިދާޅުވިއެވެ.

މިއަދު ކުރިއަށްދާ އިންތިޚާބުގައި ޖުމްލަ 701 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މާލެ ސީޓީގައި 242 ފޮށްޓާއި، އަތޮޅުތަކުގައި 325 ވޯޓު ފޮށްޓާއި، ރިސޯޓު ތަކުގައި 137 ވޯޓު ފޮށްތާއު ޖަލިގައި 4 ފޮށްޓާއި އިންޑިއާގައި ފޮޮށްޓަކާއި، ލަންކާގައި 4 ފޮށްޓެވެ.

އަވަށްޓެރި ލަންކާގައި ބަހައްޓާފައިވާ ފޮށްޓަކަށް ވޯޓުލާން ގޮސްތިބި ބައެއް މީހުން

މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެެ އަދަދަކީ 273،182 މީހުންނެވެ. އިންތިޚާބުގައި ކައުންސިލްތަކަށް ވަނީ 2،234 ކެންޑިޑޭޓުން ކުރިމަތިލައިފައެވެ. އަަންހެނުންގެ ކޮމިޓީތަކަށް ކުރިމަތިލައިފައިވަނީ 1،580 ކެންޑިޑޭޓުންނެވެ.