ހަތަރު މޭޔަރުންނާއި އެއްހާސް ގޮނޑި ނަންގަވަން ގާނޫނު އަސާސީއާ ޚިލާފުވަނީތޯ ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ވަރުގަދަ ސުވާލުތަކެއް ކުރައްވައިފިއެވެ.

ސައުދު ކުރައްވާފައިވާ ޓުވީޓެއްގައި މި ސުވާލު ކުރައްވާފައިވަނީ ވޯޓު ފޮށި ތަކުގެ ކަންކަން ހިނގާނުހިނގާ ގޮތް ބެއްލެވުމަށް ކަމަށް ވިދާޅުވެ ވޯޓުލާ ބައެއް މަރުކަޒު ތަކަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ. ވޯޓުލާ ގޮތް އެގޮތަށް މޮނިޓަރ ކުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އޮތީ ކޮން ގާނޫނެއްގައިތޯ ވެސް އަހުމަދު ސައުދު ވަނީ ސުވާލު ކުރައްވައިފައެވެ.

"ކޮން ގާނޫނެއްގައިތޯ އޮތީ މަޖިލީހުގެ ރައީސަށް ވޯޓުލާގޮތް މޮނިޓަރ ކުރުމަށް. އެއްހާސް ގޮނޑިއާއި ހަތަރު މޭޔަރުން ނަގަން ގާނޫނު އަސާސީއާ ޚިލާފުވަނީތޯ؟" ސައުދު ވިދާޅުވެފައިވެއެވެ.

ފުރިފައިހުރި އެއްޗެއް ގުޑުގުޑު ނާޅާނެ ކަމަށް ބުނާއިރު ރައީސް ނަޝީދު ގުޑުގުޑު އަޅުއްވަނީ ކީއްވެތޯ ވެސް ސައުދުވަނީ ސުވާލު ކުރައްވައިފައެވެ. "ފުރިފައިހުރި އެއްޗެއް ކީއްވެތޯ ތިޔަ ގުޑުގުޑު އަޅަނީ. މަނިކުފާނު ތިޔަ ދައްކަވަނީ ހާދަހާވާ ރިވެތި ޑިމޮކްރަސީގެ މިސާލެއް ދެއްތޯ؟" ސައުދު ވިދާޅުވެފައިވެއެވެ.