ކޮވިޑް-19ގެ ވަކި ކޭސްއަކާ ގުޅުމެއްނެތި ފުލުހުންގެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އުތުރުގެ 6 ރަށެއް މޮނިޓަރިންގގެ ޙާލަތަށް ގެންގޮސްފިއެވެ.

ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވްވި ފުލުހުންގެ މީހާއަކީ ކުޅުދުއްފުށީގައި މަސައްކަތްކުރާ މީހެއްކަމަށެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ކުޅުދުއްފުށީގައި ހުއްޓާކަމަށާ، ނަމަވެސް އެކި މަސައްކަތްތަކުގައި އޭނާވަނީ ކުޅުދުއްފުށީގެ އިތުރުން މިވަގުތު މޮނީޓަރިންގެ ޙާލަތަށް ގެންދިޔަ އަނެއް 5 ރަށަށްވެސް ދަތުރުކޮށްފައިވާކަމަށެވެ.

"6 ރަށެއްމިވަނީ މޮނިޓަރިންގއަށް ލާފައި. އެއީ ފުލުހުންގެ މީހާ އެރަށްތަކަށް އެކި މަސައްކަތްތަކުގައި ދަތުރުކޮށްފައިވާތީ. މިއީ އެހެން ކޭސްއަކާއި ގުޅުންހުރި ކޭސްއެއްކަމަކަށް އަދި ފާހަގައެއްނުވޭ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވްވި މީހާއަކީ ފަހުގެ ތާރީޚެއްގައި މާލެއަށް ދަތުރުކޮށްފައިވާ މީހެއް ނޫންކަމަށާ މިކޭސްއާ ގުޅިގެން 6 ރަށް މޮނީޓަރިންގއަށް ލާފައިވަނީ ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށާ، މިޙާލަތުގައި އެ ރަށްރަށަށް އަރާ ފޭބުން މަނާ ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.