މާލޭގެ މޭޔަރު ކަމުގެ މަގާމް ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބު ކުރުމަކީ ޕީޕީއެމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އެ ކާމިޔާބީއަށްފަހު ޑރ. މުޢިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ މާލޭގެ ރައްޔިތުން އެމަނިކުފާނަށް ކުރެއްވި އިތުބާރު ދަމަހައްޓަވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރަސްމީކޮށް މަސައްކަތާ ޙަވާލުވެ ވަޑައިގެން އެންމެ ފުރަތަމަ ފަށްޓަވާނެ މަސައްކަތަކީ މާލޭ ރައްޔިތުން ގެދޮރުވެރި ކުރުމުގެ މަންޒިލަކަށް ގުޅިފަޅު ހެއްދެވުން ކަމަށެވެ. އެކަން އެގޮތަށް ކުރެއްވުމަށްޓަކައި ސަރުކާރާ ވާހަކަ ދައްކަވައިގެން ރައްޔިތުން ބޭނުންވާ ގޮތަށް އެކަން ކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުން އެމަނިކުފާނަށް އިތުބާރު ކުރައްވައި މާލޭގެ މޭޔަރަކަށް އިންތިޚާބު ކޮށްދެއްވި ކަމުގެ ޒިންމާ ރައްޔިތުންނާއި ސަރުކާރާ ގުޅިގެން ފުރިހަމައަށް އަދާ ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ މާލޭ ރައްޔިތުން އެމަނިކުފާނު މޭޔަރަކަށް އިންތިޚާބު ކުރެއްވީ މާލޭގެ ވެއްޓަކީ އަމާންތަނަކަށް ހައްދަވައި ދެއްވުމަށް ކަމަށެވެ. އަދި މާލޭގެ މިސްކިތްތަކާއި ޕާކުތަކާއި އަވަށްތައް ސާފުތާހިރުކޮށް ބޭއްވުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންނަށް ކަންކަން ކޮށްދެއްވުމަށް އެމަނިކުފާނު މަސައްލަތް ކުރައްވާނީ އަށާރަ ކައުންސިލަރުންނާއެކު ޓީމެއްގެ ގޮތުގައި ނަތީޖާނެރެދެވޭފަދަ ވަރުގަދަކޮށް ކަމަށް ވެސް ވިދާޅުވިއެވެ. ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރެއްވުމުގައި ފަސްޖެހި ވަޑައި ނުގަންނާވާނެ ކަމަށާއި އެ ނޫންގޮތަކަށް ކަމެއްދާނަމަ ސަރުކާރާ މަޝްވަރާކޮށްގެން އެކަމެއް ރަނގަޅު ގޮތަށް ބަދަލު ކުރއްވަން މަސައްކަތް ކުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.