ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ނަތީޖާ ނުކުތް ގޮތުން އެމްޑީޕީއަށް ދެން ލާމަރުކަޒީ ނިޒާމް ކަމަކު ނުދާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ ދެން އެމްޑީޕީ ކަންތައް ކުރާނޭ ގޮތަކީ ހުރިހާ ބާރުތަކެއް މުށުތެރެއަށް ނެގުން ކަމަށެވެ. ޢުމަރު ވިދާޅުވީ މާލެސިޓީއާއި އައްޑޫ ސިޓީފަދަ ތަންތަނަކީ މީގެ ކުރިން އެމްޑީޕީގެ ސުޕަރމެޖޯރިޓީ އޮންނަ އެޕާޓީގެ ހާލިތަކެއް ކަމަށެވެ. އެހެންނަމަވެސް މިހާރުވަނީ އެކަން މާޒީވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ނަތީޖާއާމެދު އެމްޑީޕީން ވަރަށްބޮޑަށް ވިސްނަންވާނެ. އެ މީހުންނަށް ހެދިފައިވާ ގޯސްތައް މަތިން ހަނދާންކޮށް އެކަންކަން އިސްލާހު ނުކޮށްފިނަމަ ދެންވެސް އޮތީ މިކަހަލަ ދުވަސްތަކަކަށް ވެދާނެ،" ޢުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލޭ ސިޓީގެ މޭޔަރަކަށް ޑރ. މުޢިއްޒު އިންތިޚާބުވެ ވަޑައިގެންނެވި އެމަނިކުފާނު ވެސް ވަކި ރަނގަޅުވެގެން ނޫންކަމަށެވެ. "އެމަނިކުފާނު އިންތިޚާބުވެ ވަޑައިގެންނެވީ އަނަސް ޢަބްދުއްސަރައްތާރަށްވުރެ ރަނގަޅުވީމާ،" ޢުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި އިންތިޚާބުން އެނގިގެންދިޔައީ އެމްޑީޕީ އަދި ޕީޕީއެމްގެ ސިޔާސަތުވެސް ރައްޔިތުންނަށް ކަމުނުދާކަން ކަމަށެވެ.