ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ މޭޔަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ގުޅުއްވައި މަރުހަބާ ދަންނަވައިފިއެވެ

ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، މާލެ ސިޓީ ފިޔަވައި ހުރިހާ ސިޓީއެއްގެ މޭޔަރު ކަން ލިބިފައި ވަނީ އެމްޑީޕީއަށެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފައި ވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އިންތިހާބީ މޭޔަރުންނަށް ރައީސް ރޭގައި ގުޅުއްވައި މަރުހަބާ ދަންނަވާފައިވާ ކަމަށެވެ.

އަދި ލާމަރުކަޒީ ނިޒާމްގެ ތެރެއިން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީން ކަން ރައީސް ދެއްވި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީން ބޮޑު ކާމިޔާބީއެއް އިދިކޮޅު ޕީޕީއެމަށް ވަނީ ލިބިފައެވެ.