އިއްޔެ ބޭއްވި އިންތިޚާބުން ރައްޔިތުން ވަނީ ސަރުކާރަށް ސާފުކޮށް ނޫނެކޭ ބުނެފައި ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރައްވައިފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިންތިޚާބު ގާތްވުމުން ސަރުކާރުން ކުއްލި މަޝްރޫޢުތައް ހިންގައި އެކި މީހުންނަށް "ވަޒީފާ ބަހައި" ދައުލަތުގެ މީޑިއާ ހިސާރުކޮށް ރިޝްވަތު ވެސް ދިންކަމަށެވެ. "ހުރިހާ ބާރެއް ނަގައިގެން، އިދިކޮޅު ލީޑަރ ޖަލުގައި ބާއްވައިގެން އިންތިޚާބުން ބަލިވުމުން އެނގެނީ ސާފުކޮށް ސަރުކާރަށް ނޫނެކޭ ބުނެފިކަން،" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ އިންތިޚާބުން އެނގުނީ ރައީސް ޔާމީންގެ ތަރައްޤީ ރައްޔިތުން ބަލައިގެންފައިވާ މިންވަރު ކަމަށެވެ. "ސަރުކާރުގެ މިސްރާބެއް ނެތި ހަމައެކަނި ބާރުތައް މުށުތެރެއަށްލާންކުރާ މަސައްކަތަށް ނޫނެކޭ ވިދާޅުވެ ޕީޕީއެމްއަށް އިތުބާރުކުރެއްވި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޝުކުރު،" ދަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ޑރ. ޖަމީލް ވަނީ އިންތިޚާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުންނާއި އިންތިޚާބުގައި ކާމިޔާބު ހޯއްދެވި ޕީޕީއެމް ކެންޑިޑޭޓުންނަށާއި ވަކިން ޚާއްސަކޮށް މާލެ ސިޓީގެ އިންތިޚާބީ މޭޔަރ ޑރ. މުޙައްމަދު މުއިއްޒަށް ތަހުނިޔާ ވިދާޅުވެފައެވެ.