އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިތިޚާބާއި އެންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތީޚާބުން އެމްޑީޕީ ޢިބްރަތް ޙާސިލް ކުރަންޖެހޭ ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

އިންތިޚާބަށްފަހު އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ދުނިޔަވީ ކަންކަމުން ޢިބްރަތް ހާސިލްކޮށް ސިޔާސީ އޮއިވަރު ދެނެތިބެ އެމްޑީޕީ މެމްބަރުން އެކަތިކަނޑަކަށް ވާންޖެހޭ ކަމުގެ ފިލާވަޅުތައް ދަނީ ލިބުން ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ ޕާޓީގެ އެންމެ އިސްވެރިއަކީ އެވަގުތަކު ސިޔާސީ ގޮތުން އެންމެ އިސްކޮށް ހުންނަ ވެރިޔާ ނުވަތަ އެންމެ އިސް މީހާކަމަށް ދަންނަން ވެސް ޖެހޭ ކަމަށެވެ.

ޕާޓީގެ ވެރިކަމަކީ ވިރާސީ ވެރިކަމެއް ނޫންކަން ވެސް ގަބޫލު ކުރަންޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ. "ޕާޓީގެވެރިޔަކީ އެވަގުތަކު ސިޔާސީގޮތުން ހުންނަ އެންމެ އިސްމީހާކަން ޤަބޫލުކޮށް ޕާޓީގެ ވެރިކަމަކީ ވިރާސީ ރަސްކަމެއް ނޫންކަން ގަބޫލުކުރަންވީ." އޭނާ ވިދާޅުވެފައިވެއެވެ.

ރީކޯ މިހެން ވިދާޅުވީ އިންތިޚާބުން އެމްޑީޕީއަށް އެކަށީގެންވާ ނަތީޖާއެއް ނުނެރުމުންނެވެ. މާލޭ ސިޓީގެ އަޣުލަބިއްޔަތު ވެސް މިފަހަރު ނެގީ ޕީޕީއެމުންނެވެ. އައްޑޫ ސިޓީގެ ސުޕަރ މެޖޯރިޓީ ވެސް އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. މިނަތީޖާއާ އެކު ވޯޓަކާ ނުލައި އިންތިޚާބުވެފައިވާ މީހުންގެ މައްސަލަތައް ވެސް ދަނީ ކޯޓަށް ހުށަހަޅަމުންނެވެ.