އިއްޔެ ބޭއްވި އިންތިޚާބުތަކުން ދައްކައިދިނީ އެއްވެސް މީހަކަށް "ގޯޑު ފާދަރ" ހެދިގެން މި ރާއްޖޭގައި ނޫޅެވޭނޭ ކަން ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަޙުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު އެންމެވެސް ދަސްކުރަންވާ ފިލާވަޅަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވިއެވެ. އިންތިޚާބުގެ ނަތީޖާއަކީ ވެސް ދިވެހީން ދިން ވަރުގަދަ ފިލާވަޅެއް ކަމަށް ވެސް ވިދާޅުވިއެވެ.

"އިންތިޚާބުގެ ނަތީޖާއަށް ނަޒަރުކުރާއިރު، ދަސްވި ފިލާވަޅަކީ އަދި ލިބިގަންނަންޖެހޭ އިބުރަތަކީ އަދި ދިވެހިން ދިން މެސެޖަކީ، މިރާއްޖޭގައި އެއްވެސް މީހަކަށް "ގޯޑް ފާދަރ" ހެދިގެން ނޫޅެވޭނެކަމެވެ." ސައުދު ވިދާޅުވެފައިވެއެވެ.

ލޯކަލްކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެމްޑީޕީއަށް ވަނީ ހީވެސް ނުކުރާ ވަރުގެ ނާކާމިޔާބީއެއް ލިބިފައެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވުނު ކަމަކީ މާލޭ ސިޓީކައުންސިލްގެ މޭޔަރު ކަމާއި ކައުންސިލްގެ އަޣުލަބިއްޔަތު ޕީޕީއެމުން ނެގުމެވެ. އައްޑޫ ސިޓީން ވެސް ޕިޕީއެމުން ވަނީ އެޑީޕީ ހައިރާން ކޮށްލާ ވަރުގެ ނަތީޖާއެއް ނެރެފައެވެ.