މިއަދު އިސްލާމީ އުންމަތާ މި ބައްދަލު ކުރީ އީމާންތެރިކަން ވަރުގަދަކޮށް ﷲ ގެ އަޅުތަކުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އިތުރު ކުރުމަށް ނަފުސުތައް ހާނުވައިދޭ ރޫޙާނީ މައްސަރު ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ ދަންނަވައި ދެއްވި ޚިތާބުގައެވެ.

"މިއަދު އަޅުގަނޑުމެންނާ މި ބައްދަލުކުރީ، اللهُ سُبْحَانَهُ وَتَعَالَىގެ އެއްކައުވަންތަކަމުގެ ޢަޤީދާގެ އަލީގައި، އަޅުގަނޑުމެންގެ އީމާންތެރިކަން ވަރުގަދަކޮށް، އެކަލާނގެ އަޅުތަކުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އިތުރުކުރުމަށް، ނަފްސުތައް ހާނުވައިދޭ ރޫޙާނީ މައްސަރެކެވެ. އެހެންކަމުން މި ބަރަކާތްތެރި މޫސުމުގެ މަންފާ އެންމެ ހެޔޮގޮތުގައި ޙާޞިލުކުރުމަށްޓަކައި، ރޯދައިގެ އަޅުކަން ފުރިހަމަކޮށް، ގިނަގިނައިން ޤުރްއާން ކިޔަވައި، ރޭއަޅުކަންކޮށް، ޞަދަޤާތް ދީ، މީސްތަކުންނަށް ހެޔޮ ފޯރުވައި އުޅުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކުރަމެވެ." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ ދުޢާ އިޖާބަކުރައްވާ މަތިވެރި މޫސުން ކަމަށެވެ. އެހެން ކަމުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރައްވައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ދުޅަހެޔޮކަމާއި ޞިއްޙަތު ރައްކާތެރިކޮށްދެއްވުން އެދި، ގިނަގިނައިން ދުޢާ ކުރުމަށް ނަޞޭޙަތްތެރިވެ ވަޑައިގެންނެވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ މުޅި ދުނިޔެ، އެކަކު އަނެކަކަށް، އަދި އެއް ޤައުމު އަނެއް ޤައުމަށް، އެހީތެރިވެ އެއްބާރުލުމުގެ ރިވެތި ނަމޫނާއެއް ދައްކަމުން އަންނަ ދުވަސްވަރެއް ކަމަށެވެ. މިފަދަ ދުވަސްވަރަކާ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް އިއްތިފާޤުވެގެން އައުމަކީ، އިސްލާމީ މުޖުތަމަޢަކަށް ނުހަނު ގިނަ ކަންކަން ހަނދާންކޮށްދީ، އެތައް ޢިބްރަތްތަކެއް ލިބިދޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. "ރަމަޟާން މަސް، އަޅުގަނޑުމެންނަށް އުނގަންނައިދޭ އެންމެ މުހިންމު ފިލާވަޅަކީ، ދަތިކަމާއި ނިކަމެތިކަމުގައި ދިރިއުޅޭ އެހެން އިންސާނުންގެ ޙާލަތު އިޙްސާސްކޮށް، އަނެކުންނަށް އެހީތެރިވެ އޯގާތެރިވުމުގެ ރޫޙު އަށަގެންނެވުމެވެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ޢާންމު ދިރިއުޅުމުގެ ހުރިހާ ކަމަކަށް ބުރޫ އަރައިފި ކަމަށެވެ. އިޤްތިޞާދަށް ލޮޅުން އަރައިފި ކަމަށެވެ. އަދި ފަރުދުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް ވެސް ވިދާޅުވިއެވެ. "ނަމަވެސް، އަޅުގަނޑުމެންގެ އީމާންތެރިކަމާއި އިސްލާމީ އެއްބަނޑުއެއްބަފާކަމުގެ ވަރުގަދަ ގުޅުމުގެ ސަބަބުން، މި ބަލިމަޑުކަމުގެ ތެރޭގައިވެސް، އަޅުގަނޑުމެންގެ ހިތްތަކުގެ ގުޅުން އިތުރަށް ވަރުގަދަވެ، އެކަކު އަނެކަކަށް އެހީތެރިވުމާއި އެއްބާރުލުމުގެ ރޫޙު އިތުރަށް އާލާވެއްޖެއެވެ." އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިތާބު ނިންމަވާލެއްވީ މިފެށުނު ބަރަކާތްތެރި ރަމަޟާން މަހަކީ، ރާއްޖެއަށާއި، މުޅި އިސްލާމީ އުންމަތަށް، ހުރިހާ ގޮތަކުންވެސް ބާއްޖަވެރި، އުފާފާގަތިކަމުން ފުރިގެންވާ މައްސަރެއް ކަމުގައި ލެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.