ށ. ފުނަދުއާ އެއްފަޅެއްގައި އޮންނަ ފަރުކޮޅާއިއެކު ގާތް ގަޑަކަށް މި ފަޅު ގެ ބޮޑުމިނުގައި 4 މޭލު ހުންނާނެއެވެ.
ޤުދުރަތީ ގޮތުން އުފެދުމުގައިވެސް އެހެން ރަށްރަށާއި ތަފާތު ގޮތްތަކެއް ފަރުކޮޅުގައި ހުރިކަން ފާހަގަ ކުރެވެއެވެ. މިއީ ތިމާވެށީގެ ގޮތުން ވަރަށް ޚާއްޞަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ. މި ގޮތުން މި ރަށުގެ ބޮޑު ސަރަޙައްދެއްވަނީ ކުޅި އާއި ޗަސްބިމުގެ މާޙައުލުން މުއްސަނދިވެފައެވެ. އަދި މިރަށް ބައްޓަން ވެފައިވަނީ ކޮއްލަވާނި ގޮތަށް އެކި ސަރަޙައްދުން ކުދި އުޅަނދުތަކަށް ވަދެ ނުކުމެވޭނެ ގޮތަށެވެ. މީގެ އިތުރަށް ރަށެއް ގައި ހުންނާނޭ ޤުދުރަތީ އެންމެ ރީތި ސިފަތައް މިރަށުގައިވެސް ވެއެވެ. ރަށުގެ ވަށައިގެން މޫދަށް ވާގޮތަށް ހެދިފައިވާ ކުރެދި ގަސްތަކާއި ހަލަވެލި ގަސްތަކުގެ ސަބަބުން ރަށުގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.
ފަރުކޮޅާ ގުޅިފައިވާ ދޮންވެލި ހުރަ އަކީވެސް އަޖައިބެއްފަދަ ރީތި ކަމެއް ލިބިފައިވާ ފިނޮޅެކެވެ. މި ހުރައާއި ފަރުކޮޅާއި ދޭތެރޭ ފަޅެއް އޮތަސް މި ފަޅުގެ ފުންމިނުގައި 3 ފޫޓުވެސް ނުހުންނާނެއެވެ. މަޑު ނޫކުލައިގައި އޮންނަ މި ބޮޑު ފަޅުގައި ބޮޑެތި ގާތަކާއި މުރަކަތަކެއް ނުހުރެއެވެ. މި ފަޅުގައި ހެދިފައިވާ ރަނޑޫ ގަސްތަކަކަކީވެސް މަދު ރަށަކުން ނޫނީ ނުފެންނަ ގަސްތަކެކެވެ.
މީގެ އިތުރުން ދަށްފަޅަށް ފެންވަދެ ނިކުމެވޭނެހެން ކަނޑިންމައެއް ނުވަތަ ނެރެއް، ބޭރު ކަނޑަށް (މަސްކަނޑަށް) ކެނޑިފައި ވެއެވެ. މިތަން ކެނޑިފައިވަނީ ފަރުކޮޅާއި ދޮންވެލި ހުރައާއި ދޭތެރެއިން ނެވެ. މިތަނަށް ކިޔަނީ ފުށޮޅި ކަނޑިންމައެވެ. ފަރުކޮޅު ދަށްފަޅަކީ މިޔަރު، މަޑި، ބޭންގު، ގުރުވަ، އުނިޔަ މެކުނު ފަދަ މަސްމަހާމެހި ވިހައި އާލާވާ ތަނެކެވެ. ފުނަދޫން ވާހަކަ ދެއްކެވި އެރަށު އާދަން އަބުދުއްރަޙުމާނު (ފަނާރު އާދަންބެ) ވިދާޅުވާ ގޮތުގައި ދަށްފަޅަށް ބޭރުން ވަންނަ ބޮޑެތި މިޔަރާއި މަޑިފަދަ ތަކެތި ވަންނަނީ މި ފުށޮޅި ކަނޑިންމައިންނެވެ.
މި ހިތްގައިމު ފަޅާއި އެފަޅާއި ގުޅިފައިވާ ފަރުކޮޅަކީ ޤުދުރަތީ އަދި ޠަބީޢީ ގޮތުން ރައްކާތެރިކޮށް ދަމަހައްޓާ ތަނެކެވެ. ފަރުކޮޅަކީ 2018 ވަނަ އަހަރު އޮކްޓޯބަރުން ފެށިގެން ޙިމާޔަތްކޮށްފައިވާ ސަރަޙައްދަކަށެވެ. އެގޮތުން މި ސަރަޙައްދުން ވަރަށް ގިނަ ކަންތައްތައް ކުރުން މަނާކުރެވިފައިވެއެވެ. މި ގޮތުން ދާޖަހައިގެން މަސްވެރިކަން ކުރުމާއި ނަނުފައްތައިގެން ފަރުމަހުގެ މަސްވެރިކަން ކުރުމަކީ މި ސަރަޙައްދުގައި މަނާ ކަމެކެވެ. މީގެ އިތުރަށް ބޮލި ހިލުމާއި ހުއި ފިލަނޑާ ނެގުމާއި މި ސަރަޙައްދުގެ ތިމާވެއްޓަށް ގެއްލުން ލިބޭނެ އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެކެވެ.
ނަމަވެސް ފަރުކޮޅަށް ދަތުރުގޮސް މޫދަށް އެރި އުޅޭނެ ސަރަޙައްދު މި ހިތްގައިމު މާހައުލުގައި ވެއެވެ. މަޑި އާއި މިޔަރު ނޫޅޭ ހިސާބު ރީތި ފަޅުގައި ފަތައި މޫދު ކުޅިވަރު ކުޅުމުގެ ފުރުޞަތު އެބަ އޮތެވެ. ތިމާވެއްޓަށް ގެއްލުން ނުވާނޭހޭން މި ސަރަޙައްދުގައި ހިތް އުފާ ކުރެވިދާނެއެވެ. އެހެނަސް ދަތުރު ދާމީހުންވެސް ވިސްނަންވީ މި ސަރަޙައްދަށް ކުނި ނޭޅުމަށެވެ. މޫދަށާއި ގޮޑުދޮށަށް ކުނި ނާޅައި މި ސަރަޙައްދު ރީތި ކޮށް ބެލެއްޓުމުން އެންމެންނަށްވެސް އެންމެންނަށްވެސް މިކަމުގެ ފައިދާ ކުރާނެއެވެ.