އިންޑިއާގެ ހަރިދްވާރްގައި ކޮވިޑަށް ބެލުމެއް ނެތި، ލައްކައިން މީހުން ގަންގާ ކޯރަށް ފައިބައިފިއެވެ. އުއްތުރަކާންދް ސްޓޭޓްގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ހަރިދްވާރްގެ ކުމްބް މޭލާގައި 28 ލައްކަ މީހުން އަޅުކަމުގެ ބޭނުމަށް، ފާފައިން ތާހިރުވުމަށް ގަންގާ ކޯރަށް ފެންވަރަން އެރުނު ކަމަށެވެ. މަސްއޫލުވެރިން ބުނެފައިވާ ގޮތުގައި ހެނދުނު 11.30އާއި ހަވީރު5 އާ ދެމެދު އެމީހުންނަށް 18169 މީހުން ޓެސްޓް ކުރެވުނު ކަމަށެވެ. އަދި މީގެ ތެރޭން 102 ޕޮޒިޓިވް ކޭސްތައް ފެނުނު ކަމަށެވެ.

އިންޑިއާ ގައި ކޮވިޑް19 ފެތުރި، ފުރަބަންދަކަށް ދިޔައިރު، މުސްލިމުންގެ ޖަމާއަތަކުން ކޮވިޑް ފެތުރުމުގައި ބޮޑު ދައުރެއް އަދާކުރިކަމަށް ބުނެ މީހުންތައް ހައްޔަރުކޮށް ޖިނާއީ ދައުވާ ކޮށްފައި ވެއެވެ.

އިންޑިއާގެ މީޑިއާއިން ބުނެފައިވާ ގޮތުގައި ކުމްބް މޭލާ ފެށިގެން 48 ގަޑިއިރު ވީއިރުވެސް، ހަރިދްވާރްގެ ރޭލްވޭ ސްޓޭޝަނުން ގަންގާ ކޯރުގެ އައްސޭރިފަށާހަމައަށް އޮތް ސަރަހައްދުގައި މީހުން މާސްކް އަޅައިގެން އުޅެނިކޮށް ފެނިފައެއް ނުވެއެވެ. އަދި އެހިސާބުގައި މީހުންގެ ހުންބެލުމަށް މެޝިންތަކެއްވެސް ބަހައްޓާފައެއް ނުވެއެވެ. އަދި މިހިސާބުގައި ބަހައްޓާފައިވާ އާރޓިފިޝަލް އިންޓެލިޖެންސްއިން އޮޕަރޭޓް ކުރާ ކެމެރާތައް މަސައްކަތް ކުރިނަމަވެސް އެއިން ފެންނަ މަންޒަރަކަށް ކަމާ ބެހޭ ފަރާތަކުން އަޅާލާފައެއް ނުވެއެވެ. އަދި މޭލާއަށް ދާމީހުން ކޮވިޑް ނެގެޓިވް ޕީސީއާރް ޓެސްޓެއް ގެންދިއުމަށް މަޖުބުރުކޮށްފައި ވީނަމަވެސް ޓެސްޓް ނެތް މީހުންނަށްވެސް މޭލާގައި ބައިވެރިވާން ފުރުސަތު ދިންތަން ފެނުނުކަމަށް އިންޑިއަން އެކްސްޕްރެސްއިން ރިޕޯޓް ކޮށްފައި ވެއެވެ.