ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓުދިން ރައްޔިތުންނަށް މަލާމާތްކުރުން ހުއްޓާލުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފިއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުން ހުރިހާ ނުފޫޒެއް ފޯރުވައިގެންވެސް ލިބުނީ 30 އިންސައްތަ ވޯޓު ކަމަށެވެ.

އަދި ވެރިކަމުގައި ބޮޑުކުރެވުނީ ހަމައެކަނި "އަންބޮޑިއާއި ވައްކަން" ކަމަށްވެސް ޖަމީލް ވިދާޅުވެފައިވެއެވެ.

"މާލެހިމެނޭ ގޮތަށް އެތައް ރައްޔިތުން އެމްޑީޕީީގެ އަތްދަށުން ސަލާމަތްވެގަތީ އެހެންވެ. ކާމިޔާބަކަށްވީ އެކަންތޯ؟ ވޯޓުދިން ރައްޔިތުންނަށް މަލާމާތްކުރުން ހުއްޓާލައްވާ." ޑރ ޖަމީލްގެ ޓްވީޓްގައިވެއެވެ.

ކައުންސިލް އިންތިހާބުން ސަރުކާރަށް ކާމިޔާބީ ލިބުނު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހް ވިދާޅުވީ މިހާތަނަށް ގުނުނު ވޯޓު ފޮށިތަކުގެ ނަތީޖާ ދައްކާގޮތުން އެމްޑީޕީއަށް 47 އިންސައްތަ ގޮނޑި ލިބިފައިވާކަމަށާއި، މިޓް-ޓާމް އިންތިހާބަކަށް ބަލާއިރު މިއީ މިހާތަނަށް ސަރުކާރަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.