ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށްމަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓުތައް ކަށަވަރު ކުރުމަށްޓަކައި ބައެއް ދާއިރާތަކުގެ ވޯޓު ފޮށި އަލުން ގުނަން ހަމަޖެހިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އީސީން ބުނީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށްމަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓުތައް ކަށަވަރު ކުރުމަށް ބޭނުންވާތީ މިހާތަނަށް ފާހަގަވެފައިވާ ދާއިރާތަކުގެ ވޯޓު ކަރުދާސް ގުނުން މިއަދު 13:30 ގައި އިންތިޚާބާއި ބެހޭ މަރުކަޒުގެ ރީ- ރަޖިސްޓްރޭޝަން ހޯލުގައި ބޭއްވުމަށް ނިންމާފައިވާކަމަށެވެ.
އަދި ގުނަ ހަމަޖެހިފައިވާ ދާއިރާތަކުގެ ކެނޑިޑޭޓުންނަށް އެސްއެމްއެސް ކޮށް ވޯޓު ގުނާ މަރުކަޒަށް ވަޑައިގެންނެވުމަށް ދައުވަތު ދެވިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. މިފޮށިތައް ގުނަމަށް ހަމަޖެހިފައިވަނީ ކެނޑިޑޭޓުންނާއި މީޑިޔާތަކުގެ ކުރިމަތީގައިކަމަށް އިލެކްޝަނުން ބުނެއެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ ރޭ ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށާފައެވެ.