އިލެކްޝަންސް ކޮމިޝަން (އީސީ) އިދާރާ ދޮށަށް ރައީސް މުޙައްމަދު ނަޝީދު ވަޑައިގަންނަވަން ޖެހުނު ސަބަބު އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު އީސީދޮށަށް ވަޑައިގެންނެވީ ޓީ4 ފޯޓު ފޮށި އަލުން ގުނަން ތައްޔާރުވެފައިވަނިކޮށް ޕީޕީއެމްގެ ލީޑަރާއި އިސްވެރިންނަށް އެ އިދާރާއަށް ވަދެވަޑައިގެން 30 މިނިޓުވީ އިރު ވެސް ނުކުމެ ވަޑައި ނުގަތުމުން ކަމަށެވެ.
"އަޅުގަނޑު އީސީގެ އިދާރާ ދޮށަށް ދާންޖެހުނީ ޓީ 4 ގެ ވޯޓު ފޮށި އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް ޕީޕީއެމްގެ ލީޑަރ އާއި އިސްވެރިން އީސީ އިދާރާއަށް ވަދެވަޑައިގަނެ 30 މިނިޓު ވީއިރުވެސް ނުނުކުންނެވީމައި،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އެމަނުކުފާނު ވިދާޅުވެފައިވަނީ އެ ހާލަތުގައި "އޮފިޝަލުން ނޫން އެއްވެސް މީހަކަށް އިސީ އިދާރާއަށް ވަދެވިގެން ނުވާނެ،" ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު އިސީއަށް ވަދެ ވަޑައި ނުގަންނަވާ ކަމަށެވެ. އެމަނިކުފާނު ހުންނެވީ ބޭރުގައި ކަމަށް ވަނީ ވިދާޅުވެފައެވެ.
މިކަމާ ބެހޭ ގޮތުން އެމްޑީޕީން ބުނެފައިވަނީ އެޕާޓީގެ އިސްވެރިން ވޯޓު މަރުކަޒަށް ދާން މަޖުބޫރުވީ ޓީ4 ގެ ވޯޓު ފޮށި އަލުން ގުނަން ތައްޔާރުވެފައިވަނިކޮށް ޕީޕީއެމް ގެ އިސްވެރިން ވޯޓު މަރުކަޒަށް ވަޑައިގެން އެތަނުގައި އަޑުގަދަ ކުރައްވައި ހެދުމުން ކަމަށެވެ. "ގާނޫނުގައިވާ ގޮތަށް ވޯޓުގެ ކަންތައް ކުރިއަށް ދިއުމުގެ ފުރުސަތު ދިނުމަށް ޕީޕީއެމް އަށް ވެސް ދަންނަވަން،" އެމްޑީޕީން ބުނެފައިވެއެވެ.
ޕީޕީއެމް/ޕީއެންސީ އިން ވިދާޅުވެފައިވަނީ އިންތިޚާބުގެ ނަތީޖާ ބަދަލު ކުރުމަށް އެމްޑީޕީއިން އީސީއަށް ނުފޫޒު ފޯރުވައި ނަތީޖާ ބަދަލު ކުރަމުންދާ ކަމަށެވެ. އެއީ ކަންބޮޑުވާ ކަމެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ. މި މައްސަލާގައި އީސީގެ ބަހެއް އަދި ނުލިބެއެވެ.