ލޯކަލް ކައުންސިލް އިންތިޚާބު 2021 ގެ އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް އިލްކެޝަންސް ކޮމިޝަން (އީސީ) ގައި ހިނގަމުން އެތަނުގައި މާރާމާރީ ހިންގައިފި ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް އެތަނަށް ޕީޕީއެމްގެ އިސްވެރިންނާއި ޕީއެންސީގެ ރައީސް ވަޑައިގެން އިލްކެޝަންސް ކޮމިޝަނުގެ މުވައްޒަފުންގެ މަސައްކަތް ކުރިޔަ ނުދީ އެމަސައްކަތަށް މިއަދު ހުރަސްއަޅާފައިވާ ކަމަށެވެ.

އޭގެ އިތުރުން އެބޭފުޅުންވަނީ އެ ތަނުގައި ހަމަޖެހުން ނަގާލައި ގަޔަށް އަތްލައި މާރާމާރީ ހިންގާފައި ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ. އެބޭފުޅުން ވަނީ "އެތަނުގައި ހަމަނުޖެހުން ހިންގައި ގަޔަށް އަތްލައި މާރާމާރީ ހިންގާފައެވެ. އެއީ މިޕާޓިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަމެވެ." އެ ބަޔާނުގައި ވެއެވެ.

އެމްޑީޕީން ބުނެފައިވަނީ ވޯޓުގުނާ މަރުކަޒުގައި ހަމަނުޖެހުން ހިންގި މީހުންނާމެދު ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

"އެފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ގޮވާލަމެވެ. ވޯޓުގެ ނަތީޖާ އިއުލާނު ކުރުމުގެ މަސައްކަތް ދެފުށް ފެންނަގޮތަށް އިލެކްޝަންސް ކޮމިޝަނުން ކުރުމުގެ ޖާގަ ދިނުމަށް މިޕާޓީން ގޮވާލަމެވެ." އެބަޔާވެ.

މި މައްސަލައާ ގުޅިގެން ޕީޕީއެމް/ޕީއެންސީން ބުނެފައިވަނީ އެމްޑީޕީން ގެންދަނީ ބާރާއި ނުފޫޒު ބޭނުންކޮށްގެން ވޯޓު ފޮށިތަކާ ކުޅެ ނަތީޖާ ބަދަލު ކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އެކަން އެގޮތަށް ވިޔަ ނުދޭނެ ކަަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެފައިވެއެވެ.