މިއަހަރުގެ ފިޠުރު ޒަކާތް މިއަދުން ފެށިގެން ބަލައިގަންނަން ފަށައިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމިނިސްޓްރީން ވިދާޅުވެފައިވަނީ މިއަަހަރުގެެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެެހިފައިވަނީ ރަމަޟާން މަހު އެކަކުން ފެށިގެން 29 އާ ހަމައަށް ކަމަށެވެ. އެ މުއްދަތުގައި މާލޭގެ އިތުރުން އަތޮޅުތަކުގައި ވެސް ޒަކާތް ބަލައިގަންނާނެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވެފައިވަނީ އަތޮޅު ތަކުގެ ރަށްރަށުގައި ފިޠުރު ޒަކާތް ބަލައިގަންނާނީ އެރަށެއްގެ ރަށު ކައުންސިލް އިދާރާއިން ކަމަށެވެ. ސިޓީތަކުގައި ޒަކާތް ބަލައިގަންނަނީ ސިޓީ ކައުންސިލުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް މާލޭގައި ފިޠުރު ޒަކާތް ބަލައިގަންނާނީ އޮންލައިން ކޮށެވެ. އެއީ ކޮވިޑް 19 ގެ ނުރައްކާ އެސަރަހައްދުގައި އަދިވެސް ބޮޑުވީމައެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކޭނޭ ގޮތް ވެސް ހާމަކުރައްވައިފައެވެ.
ދިރާގު: ވެބްސައިޓު، ދިރާގު ޕޭ އަދި އެސްއެމްއެސް މެދުވެރިކޮށް
އުރީދޫ: އެމްފައިސާ އަދި އެސްއެމްއެސް މެދުވެރިކޮށް
ބީއެމްއެލް: ވެބްސައިޓު މެދުވެރިކޮށް
އެމްއައިބީ: ފައިސާ ނެޓް އަދި މާލެ އާއި ހުޅުމާލޭ ބްރާންޗު ކައުންޓަރުން
ފަހިޕޭ: އެޕްލިކޭޝަން މެދުވެރިކޮށް
މިނިސްޓްރީން ވިދާޅުވެފައިވަނީ މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރުތެރޭގައި އެ ރަށެއްގައި ބަނޑު ކެއުމެއްގެ ގޮތުގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯގެ އަގަށްވާ ފައިސާއެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމުގެ އަގަށްވާ ފައިސާ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ޒަކާތުގެ ގޮތުގައި ފައިސާ ދައްކަން ޖެހޭ އަދަދު (މާލޭ ސަރަހައްދު)
- އާދައިގެ ހަނޑޫ: 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ: 52 ރުފިޔާ
- ރަތް ހަނޑޫ: 78 ރުފިޔާ
- ބާސްމަތީ ހަނޑޫ (އާދައިގެ) 65 ރުފިޔާ
- ބާސްމަތީ ހަނޑޫ (މޮޅު): 89 ރުފިޔާ
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 125 ރުފިޔާ
- އާދައިގެ ފުށް: 10 ރުފިޔާ
- އާޓާ ފުށް: 59 ރުފިޔާ އެވެ.
ރަށްރަށުގައި ޒަކާތްނެރެންޖެހޭ އަގުތައް ކަނޑައަޅާނީ އެރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. އެއީ މާލެއާއި ރަށްރަށުގައި ކާޑުގެ އަގުތައް ތަފާތުވާނެތީއެވެ.