އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އާއްމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން 2 ކުންފުންޏަށްވުރެ އިތުރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ފަރާތަކަށް ވެގެންނުވާނެކަމަށާ އެ ފަރާތަކީ ކުންފުނީގެ ޙިއްޞާދާރެއް ކަމުގައިވުމާއި އުމުރުން 25 އަހަރު ވެފައިވާ މީހެއްކަމުގައި ވާންޖެހޭނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީގެ ޙިއްޞާގެ ނިޞްބަތަށް ބަލާ ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ޙިއްޞާދާރުންގެ ތެރެއިން 2 ޑިރެކްޓަރުން އިންތިޚާބުކުރަންޖެހެއެވެ. މި 2 ޑިރެކްޓަރުންގެ ތެރެއިން 1 ޑިރެކްޓަރަކު، މިދިޔަ މަހު ބޭއްވި ކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ވަނީ އިންތިޚާބު ކޮށްފައެވެ.

އެމްޓީސީސީން ވިދާޅުވީ، އާންމު ހިއްސާދާރުންގެ ފަރާތުން ހުސްވެފައިވާ ގޮނޑިއަށް ޑިރެކްޓަރުން އައްޔަންކުރުން އޮންނާނީ މިއަހަރު ބާއްވާ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގައިކަމަށެވެ.