އިލެކްޝަން ކޮމިޝަންގެ އިންތިޚާބީ މަރުކަޒުގައި މިއަދު ހިނގާދިޔަ ހަމަ ނުޖެހުމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިންނާއި އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެއްވެސް ސިޔާސީ ޕާޓީއަކަށް އަދި ސިޔާސީ ޕާޓީއެއްގެ ބޭފުޅަކަށް އިންތިޚާބުގެ މައިމަރުކަޒަށް ވަންނަން އިލެކްޝަނުން ހުއްދަ ދީފައި ނުވާކަމަށެވެ. އަދި އެގޮތަށް ޕީޕީއެމްއާއި އެމްޑީޕީގެ ބޭފުޅުން ކުރި މަސައްކަތް ހުއްޓުވައި މަރުކަޒުން ނެރެފައިވާނެކަމަށެވެ.

ޝަރީފް ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔައީ ސިޔާސީ ޕާޓީތަކުން ހުށަހެޅި ޝަކުވާގެ މައްސަލަ ބެލުމުގެ މަސައްކަތް ނޫންކަމަށެވެ. މިއަދު ކުރިއަށް ގެންދިޔައީ އިލެކްޝަނުން އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުުރުމުގެ މަސައްކަތް ކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު މަސައްކަތް ކުރީ ނަތީޖާ ޝީޓްތަކެއްގައި މައްސަލަތަކެއް ހުރުމުން އެކަން ޔަގީން ކުރުމުގެ މަސައްކަތް ކަމަށެވެ. އެއްވެސް ހާލެއްގައި ވަކި ކެންޑިޑޭޓަކަށް ލިބުނު ނަތީޖާއެއް ބެލުމަށް ވޯޓު ގުނުމަށް މަސައްކަތް ނުކުރައްވާކަމަށެވެ. ޝަރީފް ވިދާޅުވީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިއިންތިޚާބުގައި އިލެކްޝަންގެ އެއްވެސް މެމްބަރަކާއި ބަދަލުކޮށްފައި ނުވާކަމަށެވެ.

އަދި މިއަދުވެސް ނަޝީދު ހުންނެވީ ބޭރުގައި ކަމަށާއި، ނަޝީދާއި މިއަދުވެސް ބައްދަލުކޮށްފައި ނުވާނެކަމަށެވެ.