އެންމެ ބާރަށް ކޮވިޑް19 އިންޑިއާގައި ފެތުރުމަށް މެދުވެރިވީ ތަބްލީޣް ޖަމާއަތުން ކަމަށް ބުނެ ޑޮކްޓަރީ ކޯހުގެ ޓެކްސްޓް ފޮތް ލިޔުނު ފަރާތުން މުސްލިމުންގެ ކިބައިން މައާފަށް އެދެފިއެވެ.

ނިއުދިއްލީގެ އިސްލާމީ ދައުވާގެ މަރުކަޒެއްގައި މުސްލިމުންތަކެއް އެއްވެ ތިއްބައި، އިންޑިއާ ފުރަބަންދަށް ދިއުމާ ގުޅިގެން މިމީހުން ބަދުވެ ތިބެން ޖެހުނެވެ. މިމީހުންގެ ޓެސްޓްތައް ހެދި އިރު، އެމީހުން ޕޮޒިޓިވް ވިކަމަކަށް ނުދެއްކިއެވެ. ނަމަވެސް އެމީހުންގެ ވަޒަނަށް ދިޔަ ފަހުން ޕޮޒިޓިވްވެ، އެމީހުންގެ ފުށުން އެހެން މީހުނގެ ގަޔަށް ބަލި އެރިކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

އެއާއެކު، އިންޑިއާގެ މަސްއޫލު ފަރާތްތަކާއި މީޑިއާއިން ފަތުރާފައި ވަނީ ފުޅާ ދާއިރާއެއްގައި ކޮވިޑް19 ފެތުރީ މިމީހުން ކަމަށެވެ.

އެއީ މިދިޔަ އަހަރުގެ ތެރޭގައެވެ. ހަމަ އެމުއްދަތުގެ ތެރޭގައި ރިތިކޭޝްގައި ޔޯގާ ފެސްޓިވަލެއް ބާއްވައި ބޭރުގަމުތަކުންނާއި އިންޑިއާއިން މީހުން އެއްވިއެވެ. އެއަށް އެއްވެސް ފަރާތަކުން ސަމާލުކަން ދީފައެއް ނުވެއެވެ.

އެސެންޝަލްސް އޮފް މެޑިކަލް މައިކްރޮބައެލޮޖީ ފޮތުގައި ތަބްލީޣީ ޖަމާއަތުގެ މީހުން ބަދުނާމުކޮށް، އެމީހުންގެ ފުށުން ބަލި ފެތުރުނުކަމަށް ލިޔުނެވެ. އެމްބީބީއެސްގެ ދެ ވަނަ އަހަރުގެ ދަރިވަރުންގެ ޓެކްސްޓް ފޮތް ލިޔުއްވާފައި ވަނީ ޑރ. އަޕުރްބާ ސާސްތްރީއާއި ޑރ. ސާންދިޔާ ބަޓްއެވެ. މި ފޮތް ޝާއިއުކޮށްފައި ވަނީ ޖައިޕީންނެވެ.

ސްޓޫޑެންޓްސް އޮފް އިސްލާމިކް އޮގަނައިޒޭޝަން އޮފް އިންޑިއާއިން ވަނީ މި ފޮތުގެ މުސަންނިފުންނަށް އެމީހުންގެ ވާހަކައިގެ ދޮގު ބާބިތުކޯށްދީފައެވެ. އަދި އެމީހުންނާ ބައްދަލުކޮށް، މުސްލިމުން ބަރީއަކޮށް މުމްބާއި ހައިކޯޓުން މީޑިއާއާއި ފުލުހުންނާ ދެކޮޅަށް ކޮށްފައިވާ ތިން ޙުކުމެއްވެސް ކިޔައިދީ އެމީހުން ހޭލުންތެރި ކުރުމުގެ ސަބަބުން ތިން ވަނަ އިސްދާރްގައި މި ފަރާތްތަކުން ވަނީ ތަބްލީޣް ޖަމާއަތް ބަދުނާމުކޮށް ލިޔުނު ވާހަކަތަކަށް އުނިކޮށްފައެވެ. އަދި މިމީހުން ވަނީ މުސްލިމުންގެ ކިބައިން އެމީހުން ލިޔުނު ހަގީގަތާ ޚިލާފް ވާހަކައަށް މައާފަށް އެދިފައި ކަމަށްވެސް އިންޑޯއޭޝިއަން ނިއުސް ސަރވިސްއިން ރިޕޯޓް ކޮށްފައި ވެއެވެ.