ރޮހިންގާ ރެފިއުޖީން އިންޑިއާއިން ބޭރު ކުރެވޭނީ އެކަމަށް އުސޫލުތަކެއް ސަރުކާރުން ކަނޑައެޅުމަށްފަހު ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ. ނަމަވެސް ޖައްމޫގެ ޖަލުގައި ބަންދުކޮށްފައިވާ 170އެއްހާ ރޮހިންގާ ރެފިއުޖީން މިނިވަން ކުރުމަށް ކޯޓުން ޙުކުމެއް ނުކުރިއެވެ.

ރޮހިންގާ ރެފިއުޖީންގެ ފަރާތުން ވަކާލާތުކޮށްފައި ވަނީ ގާނޫނީ ވަކީލު ޕްރަޝާންތު ބޫޝާން އެވެ. މިއީ އިންޑިއާ ޗީފް ޖަސްޓިސްއަށް ޖޯކްޖަހައިގެން އެއް ރުޕީސްއިން ޖުރިމާނާ ކުރުމުންވެސް ޖުރިމާނާ ދެއްކުމަށް ދެކޮޅު ހެދި ގާނޫނީ ވަކީލެވެ.

އިންޑިއާ ސުޕްރީމް ކޯޓުން މި މައްސަލާގައި މުހިންމު ކަންތައްތަކެއް ފާހަގަ ކުރިއެވެ.

ކޯޓުން ބުނެފައި ވަނީ 2018 ގައިވެސް މި ފަދަ ދައުވާއެއް ވެއްދުމުން ކޯޓުން އެމައްސަލަ ބޭރުކޮށްލާފައި ވާނެ ކަމަށެވެ.

އިންޑިއާ ސަރުކާރުން ބުނެފައި ވަނީ މިމީހުން ގައުމުގައި ބޭތިބުމަކީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. އެއީ އިންޑިއާގެ ބިމުގެ ސަރަހަށް އެކި ދިމަދިމާއިން ފަސޭހައިން ވަދެވޭ ގޮތަށް އޮތުމުން ވިޔަފާރިއަށް މީހުން ވަގަށް ގައުމަށް އެތެރެ ކުރާ ފަރާތްތަކުން އެކަން ކުރަމުން ދިއުމާ ގުޅިގެންނެވެ.

ރޮހިންގާގެ ވަކީލުގެ ހުށަހެޅުމަށް ރިއާޔަތް ކޯށް މަތީ ކޯޓުން ބުނެފައި ވަނީ އިންޑިއާގެ ގާނޫނުއަސާސީގެ މާއްދާ 14 އާއި 21 ބިދޭސީންގެ މައްޗަށްވެސް ހިނގާނެ ކަމަށެވެ.

މާއްދާ 14 އަކީ، ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވުމާ ބެހޭ މާއްދާއެވެ.

މާއްދާ 21އަކީ، އެއްވެސް މީހެއްގެ ކިބައިން ދިރިހުރުމުގެ ހައްގާއި ޒާތީ މިނިވަންކަމުގެ ހައްގު ނިގުޅައި ނުގަނެވޭނެ ކަމަށް ބުނާ މާއްދާއެވެ.

އެހެންނަމަވެސް ގާނޫނުއަސާސީގެ މާއްދާ 19 ގެ 1 ގެ ބ ހިނގާނީ ހަމައެކަނި ގައުމުގެ ރައްޔިތުންނަށް ކަމަށެވެ. މި މާއްދާއަކީ، އިންޑިއާގައި މީހަކު އެމީހުން ބޭނުންތަނެއްގައި ދިރިއުޅުމަށް ހުއްދަ ދޭ މާއްދާއެވެ.

ރޮހިންގާގެ ވަކީލު ބުނެފައި ވަނީ، މިޔަންމާރ ގައި އިންތިޚާބްވެފައި އޮތް ޑިމޮކްރެޓިކް ސަރުކާރެއް އޮތް އިރުވެސް ރޮހިންގާއިންނަށް އަނިޔާ ދެވުނު ކަމަށެވެ. އަދި އެ ސަރުކާރު ވައްޓާލައި ސިފައިންގެ ސަރުކާރެއް އޮތް އިރު އެމީހުންގެ އެއްވެސް ހައްގެއް ކަށަވަރު ނުވާނެ ކަމަށެވެ. އެހެންވެ، ރޮހިންގާއަށް އޮތް ނުރައްކާ ބޮޑު ކަމަށެވެ.

ވަކީލު ބުނެފައި ވަނީ އިންޑިއާއަކީ، މީހުން ގެއްލުމާ ދެކޮޅަށް އެކުލަވާފައިވާ ބައިނަލްއަގްވާމީ މުއާހަދާއާއި އަނިޔާ ކުރުމާ ދެކޮޅަށް އެކުލަވާލާފައިވާ ބައިނަލްއަގްވާމީ މުއާހަދާގައި ބައިވެރިވެފައިވާ ގައުމެއްކަމުން އިންޑިއާއަށް ޒިންމާތަކެއް އޮތް ކަމަށެވެ.

ސުޕްރީމް ކޯޓުން ފާހަގަ ކުރިގޮތުގައި އިންޑިއާއަކީ ރެފިއުޖީންނާ ބެހޭ އދގެ ބައިނަލްއަގްވާމީ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމެއް ނޫނެވެ. އެހެންވެ، އިންޑިއާގެ ގާނޫނުއަސާސީގެ މާއްދާ 51ގެ (ނ)އަށް އަމަލު ކުރަން ރިއާޔަތް ކުރުމަށްވެސް ކޯޓުން ސަމާލުކަން ދިނެވެ.

އެގޮތުން ރަށުގެ ގާނޫނުތަކާ ފުށުއެރުންތަކެއް ނުވާނަމަ، ބައިނަލްއަގްވާމީ މުއާހަދާތަކުގެ ރޫހުން އިބްރަތް ލިބިގަންނަން ޖެހޭނެ ކަމަށް މަތީ ކޯޓުން ބުންޏެވެ.

އެހެންވެ، މަތީ ކޯޓުން ޙުކުމް ކޮށްފައި ވަނީ އުސޫލުތަކެއް ކަނޑައެޅިފައި ނުވާހާ ހިނދަކު، ރޮހިންގާ ރެފިއުޖީން އިންޑިއާއިން ޑިޕޯޓް ކޮށް ނުލެވޭނެ ކަމަށެވެ.

އިންޑިއާއިން ރެފިއުޖީންނާ ބެހޭ އދގެ މުއާހަދާގައި ސޮއިކޯށްފައި ނުވާކަމުގެ ބަހުސް އަލުން ކުރެވެން ފެށިފައި ވަނީ މިޔަންމާރއިން އިންޑިއާގެ އާސާމަށް ރެފިއުޖީން ވަނުމާ ގުޅިގެންނެވެ. މިމީހުންނަށް ސަރުކާރުން މަރުހަބާ ކިޔަން ބޭނުން ނުވިނަމަވެސް ހިސާބުގެ މީހުން ވަނީ މިމީހުން އަނބުރާ ފޮނުވާލުމާ ދެކޮޅު ހަދާފައެވެ.