ޚަބަރު ބަލައި އުޅޭ މީހުންނަށް ސީއެންއެންގެ ފަރީދް ޒަކަރިއްޔާ ކާކުކަން އެނގިދާނެއެވެ. އެހެންނަމަވެސް ކޮވިޑް19 ގައި ނިޔާވި އޭނާގެ މަންމަ ނޭނގިދާނެއެވެ.

ތަޖުރިބާކާރު ނޫސްވެރިޔާ، ފާޠިމާ ރަފީގް ޒަކަރިއްޔާ ނިޔާވީ އަންގާރަ ދުވަހު މުމްބާއީގެ ހަސްފަތާލެއްގައެވެ.

އޭނާއަކީ، މުމްބާއިގެ ސަންޑޭ ޓައިމްސް ނޫހުގެ ކުރީގެ އެޑިޓަރެވެ.

އޭނާގެ ފިރިކަލުން، ޑރ. ރަފީގް ޒަކަރިއްޔާއަކީ، މަހަރާޝްޓްރާ ސަރުކާރުގެ ކުރީގެ ވަޒީރެކެވެ. އަދި އިސްލާމް ދީނާ ބެހޭ ސްކޯލަރއެކެވެ. އެމީހުންގެ ދަރިފުޅު ފަރީދް ޒަކަރިއްޔާއަކީ، ބައިނަލްއަގްވާމީ މީޑިއާ ޝަޚްސިއްޔަތެކެވެ.

ރަފީގް ޒަކަރިއްޔާ ވަނީ މަހަރާޝްޓްރާގެ އައުރަނގައާބާދުގައި ހިލޭސާބަހަށް ތަޢްލީމު ދޭ، މައުލާނާ އާޒާދު އެޑިއުކޭޝަން ޓްރަސްޓް ގާއިމް ކުރައްވާފައެވެ. އަދި އޭނާ މަހަރާޝްޓްރާގެ ގާނޫނުހަދާ މަޖިލީހަށް އެތައް ފަހަރަކު، ހޮވި ވަޑައިގަތީވެސް މިދާއިރާއިންނެވެ. ފަހުން، ފާޠިމާ ވަނީ އޭނާގެ ފިރިކަލުން ބިނާ ކުރެއްވި ކިޔަވައިދޭ ތަންތަން އިސްލާޙުކޮށް ފައެވެ. މިހާރު މިއީ ގައުމީ ފެންވަރުގައި ވާދަ ކުރާފަދަ ސްކޫލުތަކެކެވެ.

އޭނާ ވަނީ ތާޖް ހޮޓެލް ގްރޫޕާ ގުޅިގެން ފަސް ތަރީގެ ހޮޓަލެއް، މައުލާނާ އާޒާދު އެޑިއުކޭޝަން ޓްރަސްޓްގެ ބިމުގައި ހަދައި، ހޮސްޕިޓަލިޓީ ކޯސްތައް ފަށައި، އަދި އިނގިރޭސި ޔުނިވަރސިޓީތަކާ ގުޅގެން މިކަން އިތުރަށް ފުޅާކޮށްފައެވެ. އައުރަނގައާބާދުގެ އިންސްޓިއުޓް އޮފް ހޮޓެލް މެނޭޖްމަންޓްގެ ބޯޑްގައި އޭނާ ވަނީ މެމްބަރުކަންވެސް ކޮށްފައެވެ.

އިންޑިއާ ސަރުކާރުން ވަނީ އޭނާގެ ގައުމީ ޚިދުމަތްތައް ފާހަގަކޮށް، 2008 ގައި އޭނާއަށް ޕަދްމާ ޝްރީގެ އެވަރޑްވެސް ދީފައެވެ. މިއީ އިންޑިއާއިން ދޭ ހަތަރު ވަނައަށް އެންމެ ޝަރަފްވެރި އެވަރޑެވެ.