ނިމިގެންދިޔަ ލޯކަލްކައުންސިލް އިންތިޚާބާއި އަހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ރައްޔިތުން ގޮތްނިންމަވައިފި ކަމަށާއި އެމްޑީޕީއަށްއޮތީ އެގޮތް ގަބޫލު ކުރުން ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ރައްޔިތުން ގޮތް ނިންމައިފި. ބަލި ޤަބޫލްނުކުރުމަކީ އެމްޑީޕީން ޑިމޮކްރެސީ ޤަބޫލްނުކުރުން،" ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވެފައިވަނީ އިންތިޚާބު ބެލެހެއްޓުމުގެ ޒިންމާ އޮތީ އިލެކްޝަންސް ކޮމިނަށް ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އޮތް ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެހެން ކަމުން ރައީސް ނަޝީދު މަޖިލީހުގައި އުޅުއްވާ ގޮތަށް ވޯޓާ ކުޅުއްވައި، އިންތިޚާބު ނަންގަވަން ނޫޅުއްވުމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.

"މުޙައްމަދު ނަޝީދު މަޖިލީހުގައި އުޅުއްވާ ގޮތަށް، ވޯޓާ ކުޅެ، އިންތިޚާބު ވަގަށްނަގަން ނޫޅުއްވާ،" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އެމްޑީޕީން ގެންދަނީ އެއްބަޔަކު އަނެއްބަޔަކު ވޯޓަށް ނުފޫޒު ފޯރުވައި ވޯޓު އޮޅުވުލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ކޮށްފައެވެ. އަދި ވޯޓު ގުނާ މަރުކަޒުކައިރިއަށް ގޮސް ޕީޕީއެމް/ޕީއެންސީ ގެ އިސްބޭފުޅުން މާރާމާރީ ހިންގައިފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ. މިކަންކަމާ ގުޅިގެން އީސީން ވަނީ ދެ ކޮޅުން ދައްކާ ވާހަކަތައް ވެސް ދޮގު ކޮށްފައެވެ.

އީސީގެ ރައީސް އަޙުމަދު ޝަރީފް ވިދާޅުވީ އެ ކޮމިޝަނުގެ އެއްވެސް ބޭފުޅަކު ރައީސް ނަޝީދާ ބައްދަލު ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނު ވެސް އީސީއަށް ވަދެ ވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ޕްރޮގްރެސިވް ކޯލިޝަންގެ ބޭފުޅުންނަށް ވެސް އީސީއަށް ވަދެވިފައި ނުވާކަމަށް ވިދާޅުވިއެވެ. އެހެނަސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު އެސަރަހައްދަށް ވަޑައިގެންނެވީ ޕީޕީއެމް/ޕީއެންސީގެ އިސްބޭފުޅުން އީސީއަށް ވަދެ ވަޑައިގެން 30 މިނިޓުވީއިރު ވެސް ނުކުމެ ވަޑައިގެންފައި ނުވާތީ ކަމަށެވެ.