އިއްޔެ އިލެކްޝަންސް ކޮމިޝަނުގައި ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅު ކުރުމަށް އެތަނަށް އެއްވެ ތިބި ރައްޔިތުންގެ މެދުގައި އޮތް ހަމަޖެހުން ނަގާލާފައި ވަނީ އެމްޑީޕީ އިން ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ލޯކަލްކައުންސިލް އިންތިޚާބު ދިވެހި ރައްޔިތުންގެ ވޯޓުން ވަނީ "މިކޯލިޝަނާއި ރައީސް ޔާމީންގެ ފިކުރަށް ކާމިޔާބު ކޮށްދީފައި" ކަމަށެވެ. އެހެނަސް އެނަތީޖާ ޤަބޫލު ނުކޮށް އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން ނަމަވެސް އިންތިޚާބުގެ ނަތީޖާ އެމްޑީޕީ ކޮޅަށް އަނބުރާލާނެ ކަމަށް ދޭހަވާ ގޮތަށް އެމްޑީޕީ ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ވާހަކަ ދައްކަވާ ޕްރެސް ދެއްވާފައި ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

"އިންތިޚާބުގެ ނަތީޖާ އަށް ވަކި ބައެއްގެ ނުފޫޒު ފޯރުވާ ކަން ދޭހަވާ ފަދަ އެތައް ކަމެއް މިހާރު ދަނީ ފެންނަމުންނެވެ. އެގޮތުން ބައެއް ފޮށި ތަކުން އިއުލާނުކޮށްފައިވާ ނަތީޖާ ނޫން ނަތީޖާ އެކޮމީޝަން ގެ ސައިޓަށް އެންޓަރ ކުރުމާއި ޕީ.ޕީ.އެމް. ގެ ކެންޑިޑޭޓުންނަށް ދިވެހި ރައްޔިތުން ދީފައިވާ ވޯޓު މަދުން އެންޓަރކޮށްފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ. ހަމައެއާއެކު މިއަދު އިލެކްޝަންސް ކޮމިޝަނަށް ދިވެހި ރައްޔިތުން ގޮސް ކަންބޮޑުވުން ފާޅުކޮށްފައިވަނީ، އިންތިޚާބުގެ ނަތީޖާ އެމްޑީޕީ ކޮޅަށް އަނބުރާލުމަށްޓަކައި ބައެއް ފޮށި ތައް ކަނޑާނެ ކަމަށް އެމްޑީޕީގެ ރައީސް ވެސް ވިދާޅުވެފައިވަނިކޮށް އެކަން އެގޮތަށް ކުރިއަށް ގެންދަން އުޅޭ ފަދަ ގޮތަކަށް އަޑުތައް ފެތުރިގެން ދިއުމުންނެވެ." ކޯލިޝަންގެ ނޫސްބަޔާނުގައި ވެއެވެ.

އެބަޔާނުގައި ބުނެފައިވަނީ ވޯޓުގުނާ މަރުކަޒުގައިއޮތް ހަމަޖެހުން ގެއްލި ތަން ހޫނުވީ އެވަގުތު އެމްޑީޕީގެ ރައީސް އާއި އިސްވެރިން އެތަނަށް ވަޑައިގަތުމުގެ އިތުރުން، އެތަނަށް އެއްވެ ތިބި ރައްޔިތުންނަށް ގޮން ޖައްސަވާ ބަސް ވިދާޅުވުމުގެ އިތުރުން އެތަނަށް އެއްވެ ތިބި ރައްޔިތުންނަށް ހަޑިހުތުރު ގޮތްގޮތަށް އަތުން ޢިޝާރާތް ކުރެއްވުމުން ކަމަށް ވެސް ބަޔާނުގައިވެއެވެ. އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެތަނަށް ވަޑައިގެން ތަން ހޫނު ކުރުމުން ރޯދައަށް ތިބި ދިވެހި ރައްޔިތުންގެ ލޮލަށާއި މޫނަށް ޕެޕަރ ސްޕްރޭ ޖަހާފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ބުނެފައިވެއެވެ. ހަމައެއާއެކު، ތަނުގައި ކަން ހިނގައި ދިޔަ ގޮތުގެ ހަޤީޤަތް އޮޅުވާލައްވާ ޕީ.ޕީ.އެމް ޕީއެންސީ ބަދުނާމު ކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ބޭއްވެވި ޕްރެސްގައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަކީވެސް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ. "އެކަންވެސް މިކޯލިޝަންގެ ފަރާތުން ކުށްވެރިކުރަމެވެ. ދިވެހި ރައްޔިތުންގެ ޙައްޤު ހޯދަމަށް ރައްޔިތުން ކުރާ ކޮންމެ މަސައްކަތެއްގައި މިކޯލިޝަން ސާބިތުކަމާއެކު ރައްޔިތުންނާއެކު ތިބޭނެ ކަމުގެ ޔަޤީންކަން މިފުރުޞަތުގައި އަރުކަވަމެވެ."

މިކަމާ ގުޅިގެން އެމްޑީޕީން ބުނެފައިވަނީ ޕީޕީއެމް/ޕީއެންސީގެ މީހުންވަނީ ވޯޓު ގުނާ މަރުކަޒަށް ގޮސް މަސައްކަތަށް ހުރަސް އަަޅައި މާރާމާރީ ވެސް ހިނގާފައި ކަމަށެވެ. އަދި އެކަންކުރި މީހުންނާ މެދު ފިޔަވަޅު އެޅުމަށް ވެސް އެދިފައިވެއެވެ.