ޗައިނާއިން މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަޤާމަށް އިންތިޚާބުވި ޑރ.މުހައްމަދު މުއިއްޒު އަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ކުރި ޓްވީޓުގައި ބުނެފައިވަނީ މުއިއްޒުއަށް އެ ގައުމުން މަރުހަބާ ދެންނެވީ އެ އެމްބަސީ ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި ޔޫ ޒުއެންގް ކުރެއްވި ފޯން ކޯލަކުން ކަމަށެވެ. އަދި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް އެ ދެ ބޭފުޅުން އެ ފޯން ކޯލްގައި މަޝްވަރާ ކުރެއްވި ކަމަށް ޗައިނާ އެމްބަސީންގެ ޓްވީޓުގައި ބުނެފައިވެއެވެ.
މާލޭގެ ފުރަތަމަ އިންތިހާބީ މޭޔަރުގެ މަގާމަށް ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ މުއިއްޒު އިންތިހާބުވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަނަސް އަބްދުއްސައްތާރާއި، އަމިއްލަ ގޮތުން ވާދަކުރެއްވި އަލްހާން ފަހުމީ އާއި ވާދަކޮށެވެ. އެގޮތުން މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ޗައިނާ އިން މުއިއްޒު އަށް މަރުހަބާ ކިޔާފައިވާއިރު މިދިޔަ ސަރުކާރުގައި ޗައިނާއާ ގުޅިގެން ހިންގި މަޝްރޫއުތަކުގެ އެންމެ އިސް އެއް މޭސްތިރިއަކީ މުއިއްޒު އެވެ.
މުއިއްޒު ވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށާއި އެގޮތުން އާ ކައުންސިލަކީ ނަތީޖާ ނެރޭނެ ކައުންސިލެއް ކަމަށް ވިދާޅުވެފައެވެ.