ތިރީސް ވަނަ ބައި
"ލަމް މިތާ މަޑުކުރޭ.. އަހަރެން އަންނާނަން.." ޔޫޝައު އެހެން ބުނެލުމަށްފަހު ދާން ހިނގައިގަތް ވަގުތު ހުއްޓުން އެރީ އެދިމާއަށް އަންނަ ނާޒިމްއާއި ސަނާ ފެނިފައެވެ.
"ބައްޕާ! މަންމާ!" ޔޫޝައު މަޑުމަޑުން ގޮވާލިއެވެ.
"ދަރިފުޅަށް ކިހިނެއް މިތަނަށް އަންނަން އެނގުނީ؟" ނާޒިމް އަހާލިއެވެ.
"އަޅުގަނޑު އައީ ލަމްހާ ޑޮކްޓަރަށް ދައްކަން.. ނިމިގެން ދަނިކޮށް އައިކާގެ އެހީތެރިއަކަށް ގޮވި އަޑު އިވިގެން މި އާދެވުނީ.. ކީއްވެތޯ އަޅުގަނޑަށް އަންގާނުލީ؟" ޔޫޝައުއަށް ޝަކުވާ ކޮށްލެވުނެވެ.
"މީ އައިކާ ބޭނުންވި ގޮތް.." ޖަވާބުދިނީ ސަނާއެވެ.
"އަޅުގަނޑަށް ކަންތައް ކުރެވުނު ގޮތާއިމެދު އަޅުގަނޑު ލަދުވެތިވަން.. އަޅުގަނޑަށް މާފްކުރައްވާ.." ޔޫޝައު މާފަށް އެދުނެވެ.
"އެފަދަ މަންޒަރެއް ފެނުމުން ކޮންމެ މީހަކަށްވެސް ފުން އަސަރުތަކެއް ކުރާނެ.. ރުޅިވެސް އާދެވޭނެ.. އެކަމަކުވެސް ދަރިފުޅަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން.. އެކަމަކު ދަރިފުޅުގެ ކުށް ޤަބޫލުކޮށް މާފަށް އެދުނީތީ ބައްޕަމެން ދަރިފުޅަށް ހެޔޮހިތުން މާފްކޮށްފިން.." ނާޒިމް ޔޫޝައުގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.
"ތީ ކޮން ބޭސް ސިޓީއެއް؟" ސަނާ އަހާލިއެވެ.
"އާނ.. މީ އައިކާއަށް ނަގަން ދިން ބޭހެއް.. އަޅުގަނޑު ވަރަށް އަވަހަށް އެބަ އަންނަން.." ޔޫޝައު އެހެން ބުނެލާފައި އަވަސްއަވަހަށް ދިޔައެވެ. ޔޫޝައު ދިއުމުން ސަނާއާއި ނާޒިމް ގޮސް އިށީނީ ގޮނޑިބަރީގައި އިށީނދެގެން އިން ލަމްހާ ގާތުގައެވެ.
"ލަމްހާ! ކިހިނެއް އެކޮއިގެ ހާލު؟" ސަނާ އަހާލިއެވެ.
"އިރާދަކުރެއްވީތީ އަޅުގަނޑުގެ ހާލު ވަރަށް ރަނގަޅު.. ދައްތައާ ބޭބެގެ ހާލު ކިހިނެއްތޯ؟" ލަމްހާ އަހާލިއެވެ.
"އަލްޙަމްދު ލިﷲ.. ވަރަށް ރަނގަޅު.."
"މިހާރު ކިތައް މަސް؟" ސަނާ އަހާލިއެވެ.
"މިހާރު ފަސްމަސް.." ލަމްހާ ހީލަމުން ބުންޏެވެ.
ޔޫޝައުއަށް ބޭސް ނަގައިގެން އާދެވުނީ ނަރުސް ކުއްޖާ ނުކުތްތަނާއެވެ. ނަރުސް ކުއްޖާއާއި ބޭސްކޮތަޅު ހަވާލުކޮށްފައި ޔޫޝައު އައިސް ނާޒިމް ގާތުގައި އިށީނދެލިއެވެ. އިރުކޮޅެއްނުވެ އަނެއްކާވެސް ނަރުސް ކުއްޖާ ނުކުތެވެ.
"ކޮބާ ލޭ ހަދިޔާ ކުރާނެ ފަރާތެއް ހޯއްދެވިއްޖެތޯ؟" ނަރުސް ކުއްޖާ ނާޒިމް ގާތު އަހާލިއެވެ.
"އާދެ.. އަޅުގަނޑުގެ ހުންނަނީ އޯ ޕޮޒިޓިވް ލޭ.." ނާޒިމް އެހެން ބުނެލުމުން ނަރުސް ކުއްޖާ އެދުނީ އޭނާއާއެކު އައުމަށެވެ. ނާޒިމް ދިއުމުން ޔޫޝައުއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.
**********
"އިކާ އޮޕަރޭޝަނަށް ވައްދައިފި.." ލީން މާޒް ގާތު ބުނެލިއެވެ.
"އެހެންތަ؟ ކޮންކަހަލަ ކުއްޖެއްބާ ލިބޭނީ؟" މާޒްއަށް ބުނެވުނެވެ.
"އިކާ ބުނި ޓުވިންސްއެކޭ.. ދެވައްތަރު ދެކުދިންނޯ.." ލީން އޭނާއަށް އެނގޭވަރަށް ބުނެދިނެވެ.
"ޔޫޝައު ހާދަ ނަސީބު ރަނގަޅޭ ދޯ.."
"ކޮބާ ނަސީބު ރަނގަޅުވެފަ.. އަހަރެންނަކަށް ހިއެއްނުވޭ އިކާ ދެން އޭނައާ ގުޅޭނެހެނެއް.." ލީން ބުނެލިއެވެ.
"ކީއްވެ ތިހެން ތިބުނީ؟" މާޒް ހައިރާންވެފައި އަހާލިއެވެ.
"އެއީ އޭނަ އަބަދުވެސް ބުނާނެ އޭނާގެ ދިރިއުޅުމަށް އައިސްފަ އޭނަ ދޫކޮށްލާފަ ދާ މީހަކަށް ދެވަނަ ފުރުސަތެއް ނޯންނާނެ ވާހަކަ.. އެހެންވެ.." ލީން އޮޅުންފިލުވައިދިނެވެ.
"އެހެންތަ؟ އެކަމަކު ދަރިންނާ ދޭތެރޭ ވިސްނާލާފަ ޚިޔާލު ބަދަލުވެދާނެތާ.." މާޒް ބުނެލިއެވެ.
"އެނގިދާނެތާ.. އެކަމް ހިއެއްނުވޭ.."
**********
ޔޫޝައު އޮޕަރޭޝަން ތިއޭޓަރ ކައިރީ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ އައިކާއާ ބެހޭ އެއްވެސް ޚަބަރެއް ނުލިބޭތީ ކަންބޮޑުވެފައެވެ. ނާޒިމް ކަންބޮޑުވެފައި ހުރެވެސް ޔޫޝައުއަށް ހިތްވަރު ދެވޭތޯ ބެލިއެވެ. ސަނާއާއި ލަމްހާ ކަންބޮޑުވެފައި ގޮނޑިބަރީގައި ތިއްބެވެ. އިންތިޒާރުގައި ތިބޭތާ މާގިނައިރެއް ނުވަނީސް ތުއްތު ދެކުދިންގެ ރުއިމުގެ އަޑު އިވުނެވެ. އެންމެންނަށްވެސް ހިނިތުންވެލެވުނީ އެކުއެކީގައެވެ. ވަގުތަކީ ނަރުސް ކުއްޖަކު އެ އުފާވެރި ޚަބަރު ދިނުމަށް ނުކުތް ވަގުތެވެ.
"މަރުޙަބާ! އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް.. ތިންމައިންގެ ހާލުވެސް ރަނގަޅު.." ނަރުސް ކުއްޖާ އެހެން ބުނެލުމުން ޔޫޝައުއަށް ހިތްހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.
ކުޑައިރުކޮޅެއް ފަހުން ދެ ނަރުހުން ދެކުދިން ގޮވައިގެން އާއިލާ މީހުންނަށް ދައްކައިލުމަށް ނުކުތެވެ. އޭރު ދެކުދިންނަށްވެސް ވަނީ ނިދިފައެވެ. ނަރުސް ކުއްޖާ އެއްކުއްޖަކު ޔޫޝައުގެ އަތުތެރެއަށްލީ ވަގުތު ޔޫޝައުގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުނެވެ. ބައްޕަގެ ބީހުން އިހުސާސްކުރެވިގެން ކަންނޭނގެއެވެ. އެދަރިފުޅުގެ ލޯ ހުޅުވާލިއެވެ. އެވަގުތު ޔޫޝައުގެ ލޮލުން ވެއްޓުނު ކަރުނަތިކި އެ ތުއްތު ކުއްޖާގެ ކޮލުގައި ޖެހުމާއެކު އެ ކުޑަކުޑަ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެވަގުތު އެކުއްޖާގެ އެއްކޮލަށް އެޅިގެން ދިޔަ އަޑިކޮޅާއިއެކު ޔޫޝައުއަށް "މާޝާﷲ"އޭ ބުނެލެވުނެވެ. ކޮންމެ މީހަކުވެސް އެ ތުއްތު ދެކުދިން އުރާލުމަށްފަހު ނަރުހުންނާ ހަވާލުކުރިއެވެ.
"ކޮންއިރަކުތޯ އައިކާ ފެންނަވަރު ވާނީ؟" ޔޫޝައު އަހާލިއެވެ.
"ކުޑައިރުކޮޅެއް ވާނެ.." ނަރުސްކުއްޖާ ބުނެލިއެވެ. ޔޫޝައު ނަރުސް ކުއްޖާއަށް ޝުކުރު އަދާކުރުމަށްފަހު ދިޔައީ ޕްރައިވެޓް ރޫމެއް ހަމަޖެއްސުމަށެވެ. މާބޮޑު އުނދަގޫތަކަކާއި ކުރިމަތިނުވެ އެކަންވެސް ހަމަޖެހުނެވެ.
އައިކާ ޕްރައިވެޓް ރޫމަށް ބަދަލުކުރެވުމާއެކު ސަނާއާއި ނާޒިމް އެތެރެއަށް ވަނެވެ.
"ޔޫ! ހިނގާ ވަންނަން.." ލަމްހާ އެތެރެއަށް ވަންނަން ހިނގައިގަންނަމުން ޔޫޝައުގެ އަތުގައި ހިފާލާފައި ބުނެލިއެވެ.
"ލަމް ވަދޭ.. އަހަރެން ވަނީމަ ކަމަކު ނުދާނެ.. މިހާރު އައިކާއަށް ބޭނުންވާނީ ހިތްހަމަޖެހުމާއި އަރާމު.. އަހަރެންގެ ސަބަބުން އެކަން ގެއްލޭކަށް އަހަރެން ބޭނުމެއްނޫން.." ޔޫޝައު ދެރަވެފައި ބުނެލިއެވެ.
"ޔޫ! ތިހެން އުޅެގެން އައިކާގެ ހިތް ހަލާލެއް ނުލިބޭނެ.. ޔޫއަށް ކުރެވުނު ކުށަށް އައިކާގެ ކިބައިން މާފަށް އެދުނީމަ އޭނަ މާފްކުރާނެ.. އެއީ އޭނަ ޔޫދެކެ ވަރަށް ލޯބިވާތީ.. ހިނގާ ދާން.." ލަމްހާ ބެލީ ޔޫޝައުއަށް ވިސްނައިދެވޭތޯއެވެ.
"ޕްލީޒް! އަހަރެންނަށްޓަކާ.." ލަމްހާގެ އާދޭސްތަކަށް ޔޫޝައުއަށް ބީރު ކަންފަތެއް ނުދެވުނެވެ.
"އެންމެ ރަނގަޅު.."
"އައި ލަވް ޔޫ.." ލަމްހާ ބުނެލިއެވެ.
"ލަވް ޔޫ ޓޫ.."
ދޮރު ހުޅުވާލި އަޑަށް އައިކާ ބޯ ހިއްލާލައި ދޮރާއި ދިމާއަށް ބަލާލިއެވެ. އެތެރެއަށް ވަތް ލަމްހާ ފެނުމާއެކު އައިކާއަށް ހައިރާންކަމާއެކު ލަމްހާއަށް ގޮވާލެވުނެވެ. ނަމަވެސް އެ ހައިރާންކަމާއެކުވެސް އޭނާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާއަށް ކުޑަކޮށް ބޯ އަރިކޮށްލާފައި ދޮރާއި ދިމާއަށް ބަލާލެވުނީ ލަމްހާއާއެކު ޔޫޝައުވެސް އައިކަމުގައި ހީކޮށްފައެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ހިތުގައި އޮތް ކުޑަކުޑަ އުއްމީދުވެސް ގެއްލިއްޖެއެވެ.
އައިކާގެ މޫނަށް ވީގޮތް ފެނުމުން ލަމްހާ ފަހަތަށް އެނބުރުނީ ހިތްހަމަނުޖެހިފައެވެ. އޭނާ އެވަރަށް ބުނުމުންވެސް ޔޫޝައު އެތެރެއަށް ނުވަނީމައެވެ. ނަމަވެސް އޭނާއަށް ހިނިތުންވެލެވުނީ ދޮރު ހުޅުވާލާފައި ޔޫޝައު އެތެރެއަށް ވަނުމުންނެވެ. ޔޫޝައުއަށް ޖެހިލުންވެފައި ހުރެވުނީ އައިކާ އެ އެންމެންގެ ތެރޭ ހިނިތުންވެގެން އިންނަމަވެސް އޭނާއާއެކު އެކަނިވެއްޖެނަމަ ކަންތައް ކުރާނެ ގޮތް އެނގޭތީއެވެ.
އައިކާ ޔޫޝައުއަށް ބަލަން އިންއިރު އޭނާގެ މޫނުމަތީގައިވާ ހިނިތުންވުމުން އޭނާ ހިތްހަމަޖެހިފައިވާވަރު އޭނާ ފެނުނު ކޮންމެ މީހަކަށް އެނގޭނެއެވެ. ޔޫޝައު މަޑު ހިނގުމެއްގައި އައިސް ހުއްޓިލީ ދެކުދިން ބާއްވާފައި އޮތް ކުޑަ އެނދު ކައިރީގައެވެ. ޔޫޝައުގެ ހުރިހާ ހަރަކާތަކަށް އައިކާ ބަލަން އިނީ ޝައުޤުވެރިކަމާއެކުގައެވެ. ސަނާއަށް އައިކާ އިންގޮތް ފެނުމުން ނާޒިމް ގައިގައި ކޮއްޓާލާފައި ދައްކާލިއެވެ. ނާޒިމްއަށް އެމަންޒަރު ފެނުމުން ސަނާއަށް ބޭރަށް ނުކުތުމަށް އިޝާރާތްކުރަމުން ހިނގައިގަތީ ޔޫޝައުއާއި އައިކާ ޞުލްޙަވުމަށް ވާހަކަދައްކަން ފުރުސަތު ދިނުމުގެ ގޮތުންނެވެ. ސަނާއާއި ނާޒިމް ނުކުންނަމުން ލަމްހާއަށް އިޝާރާތްކޮށްލިއެވެ. އެމީހުންގެ އިޝާރާތް ވިސްނިގެން ލަމްހާވެސް އެމީހުންގެ ފަހަތުން ނުކުތެވެ.
އައިކާ ޔޫޝައުއަށް ބަލަން ގެއްލިފައި އިންދާ ޔޫޝައު އައިކާއާ ދިމާއަށް އެނބުރުނެވެ. އައިކާގެ ދެލޮލުގައި ކަރުނަތައް ގިނަވަމުން ދިޔަކަން ޔޫޝައުއަށް އެނގުނެވެ. އޭނާ މަޑު ފިޔަވަޅުތަކެއްގައި ގޮސް އައިކާ އޮތް އެނދު ކައިރީ ހުރި ގޮނޑީގައި އިށީނެވެ. ދެމީހުންގެ ލޮލާއި ލޯ ގުޅިފައި ތިބިއިރު ހިތާހިތުން އެތައް ވާހަކައެއް ދައްކަމުން ދިޔަނަމަވެސް ދުލާއި ހަމައަށް އެއިން އެއްވެސް ވާހަކައެއް ނައެވެ. ޔޫޝައުއަށް އައިކާގެ ދެލޮލުން ފެނުނު ރިހުމާއި ވޭނުން އޭނާގެ ހިތް ތޮރުފާލި ކަހަލައެވެ. އެދެލޮލުން އޭނާއަށްޓަކައިވި ސާފު ތެދުވެރި ލޯބީގެ އިތުރުން އޭނާއަށްޓަކައިވި އެތައް ޝަކުވާއެއް ފެނުނެވެ. ޔޫޝައު އައިކާގެ ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ވަރަށް ލޯތްބާއެކު ފޮހެލައިދިނެވެ.
"ނޫން.. ދެން ނުރޮއި.. މިހާރުވެސް މާގިނައިން ރޮއިފި.. އިތުރަށް މިދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭކަށް އަހަރެން ބޭނުމެއްނޫން.." ޔޫޝައު ބުނެލިއެވެ. އައިކާ ދުރަށް މޫނު އަނބުރާލިއެވެ.
"ޕްލީޒް.. މިކޮޅަށް އެނބުރި ބަލާލަބަލަ.. އަހަރެންނަށް އައިކާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތާއިމެދު ވަރަށް ދެރަވޭ.. ލަދުގަނޭ.. ހާލަތުގެ ގޮތުން އަހަރެންނަށް ވިސްނާލާނެ ފުރުސަތެއްވެސް ނުލިބުނީ.. ބުއްދިއަށްވުރެ ރުޅި އިސްކުރެވުނީ.." ޔޫޝައު އިސްޖަހައިގެން އިނދެ ބުނެލިއެވެ.
"އައިކާ!" ޔޫޝައު އައިކާގެ މަޑު އަތްތިލައިގައި ހިފާލަމުން މަޑުމަޑުން ގޮވާލިއެވެ. އައިކާ ޔޫޝައުއާ ދިމާއަށް އެނބުރިލިއެވެ. އޭރުވެސް އޭނާގެ ދެލޮލުން ކަރުނަތައް އޮހެމުންދިޔައެވެ.
"އަހަރެންނަށް މާފްކުރޭ.. އޭރު އަހަރެންނަށް ވިސްނާނުލެވުނީ.. އަހަރެން އައިކާދެކެ ވަރަށް ލޯބިވޭ.."
"ދޮގު.. ޔޫޝައު އަހަރެންދެކެ ކުޑަކޮށްވެސް ލޯބިވާނަމަ އަހަރެން އެރޭ ކުރި އާދޭސްތައް އެންމެ ފަހަރަކުވެސް އަޑުއެހީސް.. އަހަރެން ވާހަކަދައްކާނެ އެންމެ ފުރުސަތެއް ދިނީސް.. އެދަންވަރުގެ ވަގުތު އަހަރެން ވަރިކޮށްލާފަ ގެއިން ނުކުންނަން ބުނިއިރު އަހަރެން ގޮސް ވަންނާނެ އެއްވެސް ތަނެއް ނެތްކަންވެސް ޔޫޝައު ހަނދާނެއް ނެތް.. އެރޭ އަހަރެން އެގޮތަށް ނެރެލީމަ އަހަރެން ނިކަމެތިވާނެ ވަރެއް ޔޫޝައު ވިސްނާކަށް ބޭނުމެއްނުވި.. އަހަރެންގެ ބަނޑުގައިވި ޔޫޝައުގެ ދެދަރިން މަތިންވެސް އެރޭ ޔޫޝައު ހަނދާނެއް ނެތް.. އެރޭ ލަމްހާ ނެތްނަމަ އެ ދަންވަރުގެ ވަގުތު އަހަރެން މަގުމަތިވީސް.. ތީ އަހަރެންދެކެ ލޯބިވާކަމަށް ބުނާ މީހާއެއްނު.. އަހަރެން ރަށަށް ގޮސްވެސް މިވީ މަހެއްހާ ދުވަހު އެންމެ ފަހަރަކުވެސް އަހަރެންގެ ހާލު ބަލާނުލީ ކީއްވެ؟ ލޯބިވާވަރުން ދޯ އެހެންވެސް ކަންތައްކުރީ؟" އައިކާ އޭނާގެ ހިތުގައިވި ޝަކުވާތައް ޔޫޝައުގެ ކުރިމަތީ ބަންޑުންކޮށްލިއެވެ.
"އަހަރެން އަހަރެންގެ ކުށް ޤަބޫލުކުރަން.. އަހަރެންނަށް އައިކާއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް.. އަހަރެން އެކަން ޤަބޫލުކުރަން.. އަހަރެންނަށް މާފްކުރޭ.." ޔޫޝައު އަނެއްކާވެސް މާފަށް އެދުނެވެ.
"އަހަރެން ޔޫޝައުއަށް މާފްކޮށްފިން.."
"އަހަރެން ބޭނުން އަހަރެމެންގެ ދެކުދިންނަށް މައިންބަފައިންގެ ފުރިހަމަ ލޯބި ދޭން.. އެކަން އެންމެ ރަނގަޅު ގޮތުގައި ކުރެވޭނީ އަހަރެމެން ދެމީހުން އެކަތިގަނޑަކަށް ވެގެން.. އަހަރެމެން ދެމީހުން އެކައްޗެއް ކިޔައިގެން.. އަހަރެމެން ދެމީހުން ގުޅިގެން.. އެހެންވީމަ ކުރިން ވީ ހުރިހާ ކަމެއް ހަނދާން ނައްތާލާފައި ހިނގާ ދެމީހުން އިންނަން.." ޔޫޝައު އޭނާ އެދޭގޮތް ހާމަކުރިއެވެ.
"ނޫން.. އަހަރެން ބޭނުމެއްނޫން ޔޫޝައުއާ އިންނާކަށް.." އައިކާ ބުނެލިއެވެ.
"ކީއްވެ؟ އެކަމަކު އައިކާ ބުނީމެއްނު އަހަރެންނަށް މާފްކޮށްފީމޭ.." ޔޫޝައު އިނީ އައިކާ ދައްކާ ވާހަކައިން ވިސްނަންވީ އެއްޗެއް ނޭނގިފައެވެ.
"އާނ.. އަހަރެން ޔޫޝައުއަށް މާފްކޮށްފީމޭ.. މިހާރަކުވެސް އަހަރެން ނުބުނަމެއްނު އަހަރެން ޔޫޝައުއަށް މާފް ނުކުރަމެކޭ.." އައިކާ ދުރަށް މޫނު އަނބުރާލިއެވެ.
"ދެން؟" ޔޫޝައު އައިކާގެ މޫނުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލަމުން އަހާލިއެވެ.
"އަހަރެން ދެން އިތުރު ކައިވެންޏެއް ކުރާކަށް ބޭނުމެއްނޫން.. އެއީ ސަބަބަކީ.." އައިކާ އެހެން ބުނިއިރު ޔޫޝައުގެ ދެލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް އޭނާއަށް ސާފުކޮށް ފެނުނެވެ. އެހެންކަމުން އޭނާ އަނެއްކާވެސް ދުރަށް މޫނު އަނބުރާލީ ޔޫޝައުގެ ސަބަބުން އޭނާގެ ޢަޒުމަށް ގުޑުން އަރާފާނެތީއެވެ. އެހާ ފަސޭހައިން ޔޫޝައުއަށް މާފްކުރާކަށް އޭނާގެ ހިތެއް ނޭދެއެވެ.
"ޕްލީޒް! އަހަރެމެންގެ ދަރިންނަށްޓަކައި.. އަހަރެމެން ދެމީހުން ވަކިވީމަ އެކުދިންނަށް ވަރަށް ނިކަމެތިކަން ލިބޭނެ.." ޔޫޝައު އައިކާގެ އަތުގައި ހިފާލަމުން އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
"ނޫން.. އަހަރެމެން ދެމީހުން ނުގުޅުނަސް ކުދިންނަށް އޭގެ އެއްވެސް އަސަރެއް ފޯރިޔަކަ ނުދޭނަން.. ޔޫޝައު ބޭނުން އިރަކު ކުދިންނާ ބައްދަލުކުރެވޭނެ.. އަހަރެން އެކަމަކަށް އެއްވެސް ހުރަހެއް ނާޅާނަން.." އައިކާ އަނެއްކާވެސް ބުނެލިއެވެ.
"ކުރާނެ ކަމެއް ނެތް.. އަހަރެން ބޭނުން އަހަރެންގެ ތިން ކުދިންނަށްވެސް އެއްވަރަށް ލޯބިދޭން.. އެކަމަކު.. ދުރުގައި ތިބީމަ ކޮންމެ ގޮތެއްވިޔަސް ކައިރީގައި ހުންނަ ކުއްޖާއާ އެއްވަރަށް ލޯތްބެއް ނުދެވޭނެ.. އެކަމަކުވެސް އަހަރެން ބަލާނަން އަހަރެންގެ ތިދެކުދިންނަށްވެސް އަހަރެންގެ ކައިރީ ހުންނަ ކުއްޖާއާ ތަފާތުކުރުމެއްނެތި ބައްޕައެއްގެ ލޯބި ދެވޭތޯ.. އަދި އަހަރެން އެދެން ކަމަކަށް ދަތިވަންޏާ އަހަރެންނަށް އެންގުމަށް.. އަހަރެން ނޭދެން އައިކާއަށްވެސް އަދި އަހަރެމެންގެ ދެކުދިންނަށްވެސް ދެރަގޮތެއް ވާކަށް.. އަހަރެން އުއްމީދުކުރަން ދެކުދިންނާ ދޭތެރޭ ވިސްނާލާފައި ނަމަވެސް އަދި އައިކާގެ ޚިޔާލު ބަދަލުވާނެކަމަށް.. އެކަމަކު މިހާރު އަހަރެންގެ ބަސް ޤަބޫލުނުކޮށްފިއްޔާ އައިކާ ފަހުން ދެރަވާނެ.. އަހަރެން ދެން ދަނީ.. އިރާދަކުރެއްވިއްޔާ އަދިވެސް އަންނާނަން.." ޔޫޝައު އެހެން ބުނެފައި ދާން ހިނގައިގަތެވެ. އައިކާގެ ކަރުނުން ފުރިފައިވާ ދެލޮލުން ޔޫޝައު ދިޔަ ދިމާއަށް ބަލަން އޮތްއިރު ޔޫޝައު ދެލޯ ފޮހެލަމުން ބޭރަށް ނުކުތެވެ.
ޔޫޝައު ބޭރަށް ނުކުތްއިރު ބޭރު ގޮނޑިބަރީގައި ލަމްހާއާއި ސަނާއާއި ނާޒިމް ތިއްބެވެ. ޔޫޝައު ނުކުތުމުން ދެން ދަނީއޭ ބުނެފައި ލަމްހާ ޔޫޝައުއާ ދިމާއަށް ހިނގައިގަތެވެ. ލަމްހާ ޔޫޝައު ގާތު ހުރިހާ ކަމެއްވެސް ރަނގަޅުތޯ އަހާލިއެވެ. ލަމްހާ އެ އިޝާރާތްކުރީ ކޮން ކަމަކަށްކަން އެނގުމުން އޭނާ ބޯ ހޫރުވާލިއެވެ. ޔޫޝައުގެ މޫނުމަތިން ފެނުނު ކުލަވަރުތަކުން ކަންތައްތައް ރަނގަޅު ނޫންކަން ނާޒިމްގެ ތަޖުރިބާކާރު ސިކުނޑިން ދެނެގަތެވެ. އޭނާ ޔޫޝައުގެ ކޮނޑުގައި މަޑުމަޑުން ޖަހާލީ އަދި ރަނގަޅުވާނެޔޭ ބުނާފަދަ ގޮތަކަށެވެ.
"އަޅުގަނޑުމެން އަދި ފަހުން އަންނާނަން.." ޔޫޝައު އެހެން ބުނެލުމުން ނާޒިމް ބޯޖަހާލިއެވެ. ޔޫޝައު ލަމްހާއާ އަތް ގުޅުވާލައިގެން ނުކުންނަން ދިޔަތަން ބަލަން ތިބެފައި ނާޒިމްއާއި ސަނާ ވަނީ އައިކާ އޮތް ޕްރައިވެޓް ރޫމަށެވެ.
**********
ހަވީރު މާލެ ފުރާ ލޯންޗުން، ފިހާރައަށް މުދާ ބަލައި މާލެ ދިއުމަށްޓަކައި މާޒް ފައިސާ ގުނަން އިނީ އޭނާގެ އަމިއްލަ ކޮޓަރީގައެވެ. އޭނާ އެހެން އިންދާ ކޮޓަރީގައި ޓަކި ޖަހާލި އަޑު އިވުނެވެ.
"ވަދޭ.. ހުޅުވާފަ ހުރީ.." މާޒް ކާކުތޯވެސް ބަލާނުލާ ވަނުމަށް ހުއްދަ ދިނީ ގޭ މީހަކު ނޫނީ އޭނާގެ ކޮޓަރީގައި ޓަކި ނުޖަހާނެކަން އެނގޭތީއެވެ. ނަމަވެސް އޭނާ ހައިރާންވީ ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް ލީން ފެނިފައެވެ.
"ލީން! ހާދަ ނުގަޑިއެއްގައި.. އަނެއްކާ ކަމެއް ގޯސްވީތަ؟" ކަންބޮޑުވެފައި މާޒް އަހާލިއެވެ.
"ސާބަހޭ.. ހާދަ ކަންބޮޑުވެފައި.. އަހަރެން ނޫޅެމޭ ތީން ރުފިޔާއެއް ނަގާކަށް.." ލީން ސަމާސާކޮށްލިއެވެ.
"ތިކަމަކާ އަހަރެން ހާހެއް ނުވޭ.. އަހަރެންނަށް އިނގޭ ލީންއަކަށް މީގައި އަތްލާކަށްވެސް ނުކެރޭނެކަން.. އަސްލު، ދުވަހަކުވެސް މިގަޑީގައި ނާންނާތީ ހީކުރީ ވަރަށް ބޮޑު ކަމެއް ވީކަމަށް.." މާޒް އޮޅުންފިލުވައިދިނެވެ. ލީން ބޯހޫރާލީ ތިކަހަލަ އެއްވެސް ކަމެއް ނުވެޔޭ ބުނަމުންނެވެ.
"އައިކާ ވިހައިފި.. މިބުނީ އޮޕަރޭޝަން ކޮށްފި.. ދެވައްތަރު ދެކުދިން.." ލީން ބުނެލިއެވެ.
"އެހެންތަ.. މަރުޙަބާ.." މާޒް ފަރުވާކުޑަ ޖަވާބެއް ދީފައި އަނެއްކާވެސް ފައިސާ ގުނުމައިގެން ކުރިއަށް ދިޔައެވެ.
"ތިއުޅެނީ ތިޖޫރީގަ ފައިސާ ހަމަތޯ ބަލަންތަ؟ ތިޔަކުން މަދެއް ނުވާނެޔޭ.. މިގެއަކީ މީހުން ވަންނަ ގެއެއްވެސް ނޫނެއްނު.." މާޒް މަޑުޖެހިލި ވަގުތު ލީން ސަމާސާ ރާގެއްގައި ބުނެލިއެވެ.
"ސާބަސް.. މިއުޅެނީ ހަވީރު ލޯންޗުން މާލެ ދާންވެގެން.. ފިހާރައަށް މުދާ ބަލައި.. މާދަމާ ނޫން އަނެއް ދުވަހު އޮންނަ ދޯނިން އަންނާނަން އިރާދަކުރެއްވިއްޔާ.." މާޒް ބުނެލިއެވެ.
"މާދަމާ ނޫން އަނެއް ދުވަހު އޮންނަ ދޯންޏަކަށް އަރުވަން މުދާ ގަންނަން މިއަދު ދާން ތިއުޅެނީ؟ މުދާ ބަލައި ދާ ނަމުގައި އަހަރެންނަށް ހީވަނީ ތިދަނީ މުޅިން އެހެން ކަމަކުހެން.. އަޅެ މީ ދޮގެއްތަ؟" ލީން ދިމާކޮށްލިއެވެ.
"ލީން މިއަދު ކީކޭ ކިޔަން އުޅޭ ދުވަހެއްތަ؟"
"އަހަރެން މިބުނި އެއްޗެއް ވިސްނިއްޖެއެއްނު.. އެހެންވީމަ ބުނެބަލަ.. އަހަރެން މިބުނީ ދޮގެއްތަ؟" ލީން އަހާލިއެވެ.
"އަސްލުވެސް އަހަރެން މިދަނީ ތިކަހަލަ ކަމަކު ނޫން.. ހަމަ މުދާ ބަލައި މިދަނީ.. އެކަމް އިކާ ގާތަށް ގޮސްނުލާނަމެކޭ ނޫން.. އޭނަގެ ދެ ފުށްގަނޑު ދެކެލަން ދާނީ.. ކޮންމެހެން އޭނަ ދެކޭކަށް ނޫން.." މާޒް ވަރަށް ނޫން ގޮތަކަށް ބުނެލިއެވެ.
"ހޫމް.. ދެން އެންމެ ރަނގަޅޭ އެއްބަސް ނުވިޔަކަސް.."
"އަސްލު ބުނެބަލަ.. ކަމަކުތަ ތިއައީ؟" މާޒް އަހާލިއެވެ.
"ފިހާރައަށް އައީ.. އައިސްފަ އިކާ ވިހޭ ޚަބަރު ދޭންވެގެން މިވަނީ.."
"ފިހާރަ ހުސްކޮށްލައިގެންތަ ތިދަނީ؟" ލީންގެ އަތުގައި ގަތް އެއްވެސް އެއްޗެއް ނެތުމުން މާޒް ސަމާސާކޮށްލިއެވެ.
"އަހަރެން ގަންނަން އައި އެއްވެސް އެއްޗެއް ނެތް މިވަގުތު.. އެހެންވީމަ ހުސްއަތާއެއްނު ދާން ޖެހޭނީ.. ހޫނ.. ދެން ދަނީއޭ.. މިހާރު ޒިޔާ ގެއަށް އައިސްދާނެ.." ލީން އެހެން ބުނެލުމުން މާޒްވެސް ބޯޖަހާލިއެވެ.
ހަވީރުގެ ލޯންޗުން މާޒް މާލެ ދިޔައިރު އޭނާގެ ހިތް އަވަސްވަމުން ދިޔައެވެ. އައިކާ ދެކެލުމަށް އެހިތް އެދެމުން ދަނީއެވެ. އައިކާދެކެ ރުޅިއަންނަން އުޅުނުނަމަވެސް އޭނާގެ ބަސްނާހާ ހިތް އެކަމަކަށް އެއްބަހެއް ނުވެއެވެ. އައިކާ ފެންނަ ހިސާބަށް ދުވަހަކުވެސް ނުދާން ނިންމައިގެން ހުރި ނަމަވެސް އައިކާގެ ގާތަށް ދިއުމަށް އެހިތް މަޖުބޫރުކުރަނީއެވެ.
މާލޭގެ ފަސްގަނޑުގައި ފައި ޖެހުމާއެކު މާޒް ދަބަސް ހިފައިގެން ހިނގައިގަތީ ޓެކްސީއެއް ލިބޭތޯއެވެ. ނަސީބު ރަނގަޅުކަމުން ނުހަނު ފަސޭހައިން ޓެކްސީއެއް އަތުޖެހިއްޖެއެވެ. ޓެކްސީއަށް އެރުމަށްފަހު އޭނާ ގެސްޓް ހައުސްއެއްގެ ނަން ބުނެލުމާއެކު ޑްރައިވަރ ޓެކްސީ ދުއްވާލިއެވެ. މާދުރު ނޫންނަމަވެސް ހަވީރުގެ ވަގުތުކަމުން އިންތިހާއަށް ބާރުބޮޑު ޓްރެފިކުން ސަލާމަތްވެގެން ގެސްޓް ހައުސްއަށް ދެވުނީ ތިރީހަކަށް މިނެޓުންނެވެ.
ޑްރައިވަރަށް ފައިސާ ދިނުމަށްފަހު މާޒް ގެސްޓް ހައުސްއަށް ވަދެ ކައުންޓަރު ކައިރިއަށް ގޮސް އޭނާ މިއަދު މެންދުރު ބުކްކުރި ރޫމްގެ ނަންބަރު ބުނެލިއެވެ. އޭނާ ގޮސް ރޫމަށް ވަދެ ފުރަތަމަވެސް އެނދުގައި ޖައްސާލިއެވެ. މާ ކަނޑުގަދަ ނޫނަސް މަޑެއްވެސް ނޫނެވެ. އެހެންކަމުން އޭނާ ހުރީ ފާޑަކަށް ލޮޑުވެފައެވެ. އެހެންކަމުން އޭނާ ބޭނުންވީ ކުޑައިރުކޮޅަކު އޮވެލާށެވެ. ނަމަވެސް ތާޒާވެނުލައި އޮންނަން ބޭނުންނުވާތީ އޭނާ ކަންނެތް ގޮތަކަށް ތެދުވެ ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. ފެންވަރައި ތާޒާވެލައިގެން ނުކުމެ ހުސް ބޮކްސާގައި އޭނާ އެނދުގައި އޮށޯވެލީ އަރާމުކޮށްލާށެވެ. އެހެން އޮއްވާ އޭނާއަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގުނެވެ.
**********
"ލަމް! އަހަރެން މިދަނީ ހޮސްޕިޓަލަށް.. އެހާ ލަސްނުވެ އަންނާނަން އިނގޭ.." ޔޫޝައު ކޮޓަރިން ނުކުމެ ބަދިގެ ތެރޭގައި ރިހަ ހޫނުކުރަން ހުރި ލަމްހާ ގާތު ބުނެލިއެވެ.
"މަޑުކޮށްބަލަ އަހަރެންވެސް ގޮވައިގެން ދާން.."
"މާދަމާ ލަމް ގޮވައިގެން ދާނަން.. މިރޭ ހޮސްޕިޓަލަށް ގޮސްފަ އެބަޖެހޭ ރައްޓެއްސަކާއެކު ތަނަކަށް ގޮސްލަންވެސް.. އެހެންވެ ލަމް ނުލައި މިދަނީ.. އެކަނި ބޭރަށް ނުދައްޗޭ އިނގޭ.." ޔޫޝައު އެހެން ބުނެލުމުން ލަމްހާވެސް އެގޮތާއި އެއްބަސްވިއެވެ. ނަމަވެސް ޔޫޝައު ދިއުމުން އޭނާ އެކަނި ގޭގައި އިންނަން ޖެހޭތީ އިނީ ފޫހިވެފައެވެ.
ޔޫޝައު ހޮސްޕިޓަލަށް ވަދެފައި އޭނާގެ ރައްޓެއްސަކު ގުޅުމުން އެއްޗެއް ހަވާލުކޮށްލުމަށް ނުކުތް ވަގުތު މީހެއްގެ ގައިގައި ލައިގަތެވެ. އެވަގުތު އޭނާގެ އަތުން ފޯނު ދޫވެގެން ވެއްޓެން ދިއުމާއެކު އެމީހަކު އެ ވެއްޓުނަނުދީ ހިފިއެވެ.
"ތޭންކްސް.." ޔޫޝައު އެހެން ބުނަމުން އެމީހާއާ ދިމާ ބަލާލުމާއެކު އޭނާ ހުއްޓުން އެރީ މާޒް ފެނުމުންނެވެ.
"ސޮރީ!" މާޒް އެހެން ބުނެލުމާއެކު އެތެރެއަށް ވަންނަން ހިނގައިގަތެވެ. އޭނާ ޔޫޝައުއާ އެއްވެސް ވަރަކަށް ވާހަކަ ދައްކާ ހިތެއް ނެތެވެ. ނަމަވެސް ޔޫޝައު އޭނާއަށް ގޮވާލި އަޑު އިވުމުން އޭނާ މަޑުކުރިއެވެ.
"އަހަރެން ހިއެއް ނުކުރަން މާޒްއަށް މިތަނަށް އަންނަން ކެރޭނެ ކަމަކަށް.."
"ކީއްވެ ތިހެން ތިބުނީ؟" މާޒް ހައިރާންވެފައި އަހާލިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ހޮސްޕިޓަލަށް ވަނުމުގެ އަމުރު އޮންނަނީ ވަކި ބަޔަކަށްކަމެއް އޭނާ ނުދެނެހުއްޓެވެ. އެއީ އެންމެންގެވެސް ތަނެކެވެ. ވީއިރު ޔޫޝައުއަށް އެހެން ބުނުމަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟
"އައިކާއާ ދޭތެރޭ އެގޮތަށް ކަންތައް ކޮށްފަވެސް އައިސް އޭނައާ ބައްދަލުކުރަން ވަންނަން އުޅޭތީވެ.."
"ޔޫޝައުއަށް ކިހިނެއް އެނގެނީ އަހަރެން މިއައީ އައިކާއާ ބައްދަލުކުރަން ކަމެއް؟ އެހެންނޫނަސް މީ ޕަބްލިކް ތަނެއް.. މިތަނަށް އައިސް ވަންނަން އަހަރެން ލަދުގަންނަން ޖެހޭނެކަމެއް އަހަރެން ނުދެނަހުރިން.." މާޒް ވަރަށް ފުރިހަމަ ރައްދެއް ދިނެވެ.
"މީ ރޭގަނޑުކަން ޔަޤީންވާ ފަދައިން އަހަރެންނަށް ޔަޤީންވޭ މާޒް ތިއައީ އައިކާއާ ބައްދަލުކުރަންކަން.."
"އެހެންވިޔަސް ކޮބާ މައްސަލައަކީ؟ ޔޫޝައުއަކަށް އެކަމަކާ ނުބެހެވޭނެ.." ޔޫޝައުގެ ވާހަކަ ހުރިގޮތުން މާޒް ގާތަށް ރުޅިއައެވެ. ނަމަވެސް އޭނާ ވާހަކަދެއްކީ މަޑުމަޑުންނެވެ.
"ކީއްވެ ނުބެހެވެންވީ؟ އެއީ އަހަރެންގެ ދެކުދިންގެ މަންމަ.."
"އެކަމަކު މިހާރު ތީ އައިކާއަށް ހިލޭ މީހެއް.. އަހަރެންނެކޭ ޔޫޝައުއެކޭ ތިގޮތުން ވާނީ ހަމަހަމަ.. އަހަރެމެން ދެމީހުންކުރެ އެކަކަށްވެސް އަނެކަކު ކުރާ ކަމަކާ ބެހުމުގެ އެއްވެސް ޙައްޤެއް ނޯންނާނެ.. އައިކާއާ ގުޅޭ އެއްވެސް ކަމެއްގައި.. އަހަރެންނަށް ހީވަނީ އަހަރެންނަށްވުރެ ބޮޑަށް އައިކާއާ ބައްދަލުކުރަން މިތަނަށް އަންނަން ލަދުގަންނަންޖެހޭ މީހަކީ ޔޫޝައުހެން.. ދުވަސް ފުރެން ގާތްވެފަ އިންދާ ވަރިކޮށް ގެއިން ނެރެ އެއްލާލާފަ.. އަދި އެވަރުންވެސް އަހަރެންތަ ލަދުގަންނަންވީ އައިކާއާ ބައްދަލުކުރަން އަންނަން؟ އޭނަ ރަށުގަ ހުރިއިރު އޭނަ ގާތަށް އައިސްވެސްނުލާ، ހާލުވެސް ބަލާނުލާ އުޅެފަ ވިހެއީމަތަ ދެދަރިންގެ މަންމަކަން ހަނދާންވީ؟ އެ ދެމަސްދުވަސް ތެރޭ އޭނަ އުފުލި ބުރަތަކޯ؟ އޭނަ ކުރި ހިތާމަތަކޯ؟ މިއިން އެއްވެސް ކަމެއްގެ ބަދަލު ޔޫޝައުއަށް ދެވިދާނެތަ؟ ނުދެވޭނެ.. އަހަރެން ނަމަވެސް ނުދެވޭނެ.. ބަލަ އޭނަގެ ނިކަމެތި ހާލަށް އެހީވީ އަހަރެންނޭ.. އެހެންވީމަ އޭނައާ ބައްދަލުކުރަން ޔޫޝައުއަށްވުރެ އައުލާކަން ބޮޑީ އަހަރެންނެއް ނޫންތަ؟ އަހަރެން އުފާވޭ އަހަރެންނަށް ނިކަމެއްޗަކަށް އެހީވެވުނީމަ.. އަހަރެންނަކީ ކަލަ ގޮވާ މީހެއްވެސް ނޫން.. އެކަމަކު މިއަދު ކަލޭ އަހަރެން ލައްވާ އެކަންވެސް ކުރުވައިފީމު.. އެހެންވީމަ ވަރަށް ބޮޑަށް މަރުޙަބާ.. އެކަމަކު ދެންވެސް ހަނދާން ކޮށްދެން ނުބެހޭ ކަންތަކާ ނުބެހި ދުރުގައި ހުރުމަށް.." މާޒް ކިޔާނެ އެއްޗެއް ކިޔުމަށްފަހު، ޔޫޝައު ކިޔާނެ އެއްޗަކަށް ބެލުމެއްނެތި އެތެރެއަށް ހިނގައިގަތެވެ. މާޒް ދިޔަ ދިމާއަށް ބަލަން ހުރި ޔޫޝައުއަށް ދެއަތް މުށްކަވާލެވުނެވެ.
ޔޫޝައު ސަނާއަށް ގުޅާފައި އައިކާ އޮތް ކޮޓަރި އޮޅުންފިލުވިއެވެ. އޭނާ ގޮސް އައިކާ އޮތް ކޮޓަރީގެ ދޮރުމައްޗަށް ހުއްޓިފައި ފުން ނޭވާއެއްލީ ހިތުގެ ތެޅުން ހަމައަކަށް އަޅުވާލުމަށެވެ. ވަރަށް ހިތްވަރުކޮށްފައި އޭނާ އެތެރެއަށް ވަނެވެ. އެނދުގައި ތެދުވެ އިށީނދެލައިގެން އިން އައިކާ ފެނުމުން އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އެމޫނުމަތިން ވޭތުވެދިޔަ ދެމަހެއްހާ ދުވަހު ނުފެންނަފަދަ ހިތްގައިމު ހިނިތުންވުމެއް ފެންނަން ހުއްޓެވެ. އަނެއްކާ އެއީ ޔޫޝައުގެ ސަބަބުން ވެރިވި ހިނިތުންވުމެއްބާވައޭ އޭނާގެ ހިތަށްއެރިއެވެ. އެހެން ހިތަށް އެރުމާއެކު އޭނާގެ ކުޑަކޮށް މާޔޫސްވިއެވެ. ހިތްވަރު އެލޭގޮތްވިއެވެ. ނަމަވެސް އެހެން މީހަކަށް އެކަން ފާހަގަވުމުގެ ކުރިން އޭނާ ހަމަޖެހޭ ގޮތް ދައްކާލިއެވެ.
"ދައްތާ! ކިހިނެއް؟" މާޒް އެނދާއި ގާތަށް ހިނގައިގަންނަމުން އަހާލިއެވެ.
"އަލްޙަމްދު ލިﷲ! ވަރަށް ރަނގަޅު.. އެކޮއި ކިހިނެއް؟"
"އަލްޙަމްދު ލިﷲ! އިކާ ކިހިނެއް؟" މާޒް ހިނިތުންވެލަމުން އަހާލިއެވެ.
"ރަނގަޅު.." ދުރަށް މޫނު އަނބުރާލައިގެން އިނދެ އައިކާ ބުނެލިއެވެ. އެކަމުން މާޒްގެ ހިތަށް ތަދުވިއެވެ. އަދިވެސް އައިކާ ޙައްޤު ނޫން ކަމަކާ އޭނާއަށް އެހާ ނަފުރަތު ކުރާތީއެވެ.
"ކޮބައިތަ ބޭބީތައް؟ ދައްކަބަލަ ބަލާލަން.."
"ނިދިފައި އޮތީ މިހާރު.." އައިކާ އަވަސްއަވަހަށް ބުނެލިއެވެ.
"އަހަރެން އެކުދިން ހޭލައްވައެއް ނުލާނަމޭ.." މާޒް އެހެން ބުނެލުމުން އައިކާ އެއްފަރާތުގައި ހުރި ކުޑަ އެނދަށް އިޝާރާތްކޮށްލިއެވެ. އެވަގުތު ސަނާ އެބަ އަންނަމޭ ބުނެފައި ބޭރަށް ނުކުތެވެ.
މާޒް އެނދު ކައިރީ ހުއްޓި ހުރެ ވަރަށް ފަރުވާތެރިކަމާއެކު ދެކުދިންނަށް ބަލާލިއެވެ. އަންހެންކުއްޖާގެ ލޯ އެއީ ހަމަ އައިކާގެ ދެލޮލެވެ. ފިރިހެން ކުއްޖާގެ ކަނާއަތުގެ ކޮނޑުހުޅު ކައިރީ ބޮޑު ލަފެއް ހުއްޓެވެ. އެއީ ޔޫޝައުގެވެސް އަތުގެ މުލައްދަނޑީގައި ހުންނަ ކަހަލަ ލަފެކެވެ. ކޮންމެއަކަސް ދެމަފިރިންނާ ވައްތަރު ސިފަތަކެއް ލިބިފައިވާ ދެކުދިންނެވެ.
"މިހާރު ފެނިއްޖެއެއްނު.. ތިހާވަރަށް ތި ބަލަނީ ކީއްވެ؟ އެއްވެސް ކަހަލަ އައިބެއް ފެންނަން ނެތީމަ ދެރަވީތަ؟ އެސްފީނާ ޖައްސަންވެގެން ދޯ.." އައިކާ މަޑުމަޑުން ބުނިނަމަވެސް އޭނާގެ އަޑުގައިވާ ހިތްހަމަނުޖެހުން މާޒްއަކަށް ސިއްރެއް ނުވިއެވެ. އައިކާ ބުނެލި ވިހަގަދަ ބަސްތަކުން މާޒްގެ ހިތަށް ހީވީ ތުނޑު ތޫނު ކަށިތަކެއް ހަރާލިހެންނެވެ.
"ހެޔޮނުވާނެ ތިކަހަލަ އެއްޗެހި ބުނާކަށް.. އަހަރެން ކީއްވެ އެދެކުދިންނަށް އެސްފީނާ ޖެހޭތޯ އުޅެންވީ؟ އެދެކުދިންގެ އޮތީ ކޮން ކުށެއް؟ އިކާވެސް ކުށެއް ނުކުރޭ.. ކުށް ކުރެވުނީ އަހަރެންނަށް.. ލިބެން ނެތް އެއްޗަކަށްޓަކައި މާބޮޑަށް އުއްމީދުކުރެވުނީ.. މާބޮޑަށް އެދެވުނީ.. އަހަރެންނަކީ އެހާ ހިތުނިޔަތް ނުބައި މީހެއް ނޫނޭ އިކާ.. އިކާ މިއަދު ތިހެން އަހަރެންނާ ދިމާއަށް ހިތަށް އައިހާ އެއްޗެއް ގޮވިޔަސް އިކާގެ ދިރިއުޅުން ހަލާކުވުމުގައި އަހަރެންގެ އެއްވެސް އަތެއް ނެތްކަން އެނގޭ ދުވަހަކުން އިކާ ރޯނެ.. އަހަރެންނާ ދިމާއަށް ތިކިޔާ ހަޑިހުތުރު އެއްޗެހީގެ ސަބަބުން އަހަރެންނާ ކުރިމަތިލާން ލަދުގަންނާނެ.. މިއަދު ތިގޮތަށް ކަންތައް ކުރެވުނީތީ އެދުވަހަކުން ހިތާމަކުރާނެ.. މީ އަހަރެން އިކާދެކެ ރުޅިއައިސްގެން ދައްކާ ވާހަކައެއް ނޫން.. އަހަރެން ބޭނުންވަނީ އިކާއަށް އެއްޗެއް ވިސްނެން.. އަހަރެން ނޭދެން އިކާއަށް ދުވަހަކުވެސް ދެރަގޮތެއް ވާކަށް.. އެކަން އިކާއަށް ކޮންމެވެސް ދުވަހަކުން ވިސްނޭނެކަމަށް އުއްމީދުކުރަން.." މާޒް އޭނާގެ މޫނުމަތީގައި އަތް އަޅާލީ އޭނާގެ ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ފޮރުވުމަށްޓަކައެވެ. އައިކާގެ ކުރިމަތީ އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާލާކަށް އޭނާ ބޭނުމެއްނޫނެވެ. ކަރުނަތައް ހިންދާލުމަށްފަހު މާޒް މޫނުމަތިން އަތް ނެގިއެވެ.
"އަހަރެން މިތަނަށް މިއައީ އިކާގެ ރުހުން ހޯދާކަށް ނޫން.. އަހަރެން މިއައީ ހަމައެކަނި އިކާއާ އިކާގެ އެތިބަ ތުއްތު ދެކުދިންގެ ހާލު ބަލާލަންވެގެން.. އަހަރެން އުއްމީދުކުރިން އިކާ އަހަރެންނާ ރީތިކޮށް ވާހަކަދައްކާނެކަމަށް.. އެކަމަކު އަދިވެސް އަހަރެންނާ ދޭތެރޭ އިކާގެ ހިތް ބަދަލުނުވާކަން އެނގުނީމަ ވަރަށް ދެރަވެއްޖެ.. އަދިވެސް އިކާ އަހަރެންނާ ރީތިކޮށް ވާހަކަދައްކާނެ ދުވަހަކަށް އަހަރެން އިންތިޒާރުކުރާނަން.. އަހަރެން މިތަނަށް އައި ބޭނުން ފުދިއްޖެ.. އެހެންވީމަ ދެން ދަނީ.." މާޒް އެހެން ބުނެލުމަށްފަހު ދާން ތެދުވިތަނާ ދޮރު ހުޅުވާލާފައި ނާޒިމްއާއި ސަނާ އެތެރެއަށް ވަނެވެ. މި ހުރިހާއިރު އޭގެ ދެމީހުން ބޭރުގައި ތިބީ މާޒްއާއި އައިކާ ދެއްކި ވާހަކަތައް އަޑުއަހާށެވެ.
"މާޒް! އިހަށް މަޑުކުރޭ.. ބޭބެ ބޭނުން މާޒް ގާތު ވަރަށް ބޮޑު ކަމަކު ކިޔަން.. މިކަމަށް އަހަރެން ބޭނުންވަނީ ހަމައެކަނި މާޒްގެ ރުހުން.." ނާޒިމް ބުނެލިއެވެ.
"އެއީ އަނެއްކާ ކޮންކަމެއް؟" މާޒްގެ ހިތް ނުތަނަވަސްވިއެވެ.
"މާޒް އައިކާއާ އިންނަންވީނު.." ނާޒިމްގެ ޖުމްލައިން މާޒްއާ އައިކާއާ ދެމީހުންނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.
"އެކަމަކު ބައްޕާ.."
"އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއްނޫން.. އައިކާ އަހަރެމެން ގާތު ކަމަކު ބުނީމަ އަހަރެމެންވެސް ދެކޮޅެއް ނުހަދަން.. އަހަރެންގެ މުޅި ދިރިއުޅުން އަހަރެން ނުވެސް ދަންނަ މީހަކަށް އަހަރެން ހަވާލުކުރީ ހަމައެކަނި ﷲއަށް ވަކީލުކޮށްފައި.. އޭރަކުވެސް އަހަރެން ޔޫޝައުއާ ދޭތެރޭ އެހާ ބޮޑަކަށް ހިތްހަމައެއް ނުޖެހޭ.. އެހެންވީމަ މިފަހަރު އައިކާ އިންނަން ޖެހޭނީ އަހަރެން ދައްކާ މީހަކާ.. އޭނާ ޤަބޫލިއްޔާ، އައިކާ ޤަބޫލަސް ނުޤަބޫލަސް ޖެހޭނީ މިކަން ކުރަން.. މި ނިންމުން ބަދަލެއް ނުކުރެވޭނެ.." ނާޒިމްގެ މަޑުން ވާހަކަދެއްކި ނަމަވެސް އޭނާގެ އަޑުގައި ހަރުކަށިކަން އެކުލެވިފައިވެއެވެ. ނާޒިމްގެ ވާހަކަ ހުރިގޮތުން އައިކާގެ ކަރު އެލޭގޮތްވިއެވެ. އޭނާ މާޒްއާ އިންނާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ދެން އޭނާއަށް މާޒްއާ ނީނދެ ވާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެއެވެ.އެހެނަސް އޭނާއަކަށް މާޒްއަށް އަނތްބެއްގެ ފަރާތުން ކޮށްދޭން ޖެހޭ އެއްވެސް ކަމެއް ނުކޮށްދެވޭނެއެވެ. ކުޑަމިނުން ރުހުމުގެ ލޮލަކުން ބަލާވެސްނުލެވޭނެއެވެ. ވީއިރު ގަދަކަމުން އެ ކައިވެނި ކުރުވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
"ނޫން.. އަހަރެން އައިކާއަކާ ނީންނާނަން.." މާޒް ނާޒިމްގެ އެ ހުށަހެޅުމަށް ވަގުތުން އިންކާރުކުރިއެވެ. ނާޒިމްއާއި ސަނާގެ އިތުރުން އައިކާއަށްވެސް ލިބުނީ ސިހުމެކެވެ. އެމީހުން ހީކުރީ ނާޒިމް އެގޮތަށް އެކަން ހުށަހެޅުމުން މާޒް އުފަލުން އެކަން ޤަބޫލުކުރާނެކަމަށެވެ. ނަމަވެސް ކަންތައްވީ އެމީހުން ހީކުރި ގޮތަކަށް ނޫނެވެ.
"ކީއްވެ؟ މާޒް އައިކާދެކެ ލޯބިވެއެއް ނޫންތަ؟" ނާޒިމް އަހާލިއެވެ.
"ލޯބިވިން.. ވަރަށް ބޮޑަށް ލޯބިވިން.. މިހާރުވެސް ލޯބިވޭ.. އެކަމަކުވެސް އަހަރެން އައިކާއާ އިންނާކަށް ބޭނުމެއްނޫން.." މާޒް އޭނާ އެކަން ނުކުރާނެކަން ކަށަވަރުކޮށްދިނެވެ.
"އަހަރެން މި އަހަނީ ކީއްވެހޭ؟ ލޯބިވޭ.. އެކަމަކު އިންނާކަށް ބޭނުމެއްނުވޭ.. ލޯބިވަނީ ކީއްކުރަންތަ؟ ޒަވާޖީ ހަޔާތެއް ފަށާކަށް ނޫންތަ؟ ތީ ކޮންކަހަލަ ލޯތްބެއް؟" މާޒް އެކަމާ އެއްބަސްނުވުމުން ނާޒިމް ގާތަށް ރުޅިއައެވެ.
"ރަނގަޅު.. ލޯބިވަނީ ޒަވާޖީ ހަޔާތެއް ފަށަން.. އަހަރެންވެސް ލޯބިވީ އެމަޤުސަދުގައި.. އަދިވެސް އެކަން އޮތީ ހަމަ އެގޮތަށް.. އެކަމަކު އައިކާގެ ނުޤަބޫލަކު ނޫން.. އޭނަ ހިތުން ރުހުމުން އެކަމަށް އެއްބަސްވެ އަހަރެން ގާތު ބުނެފިނަމަ އަހަރެން މިހުރީ މިހާރުވެސް ތިކަން ކުރަން ތައްޔާރަށް.. އަހަރެން ލޯބިވީ ހަމައެކަނި އައިކާގެ ހަށިގަނޑު ދެކެއެއް ނޫން.. އައިކާގެ ހަށިގަނޑާ ހިތާ ފުރާނަދެކެ.. އައިކާގެ ކޮންމެ އުފަލަކީ އަހަރެންނަށްވެސް ލިބޭ އުފަލެއް.. އަދި ކޮންމެ ހިތާމައަކީވެސް އަހަރެންނަށް ލިބޭ ހިތާމައެއް.. އަހަރެންގެ ފަލްސަފާއަކީ މިލްކުކުރުމެއް ނޫން.. އަދި ޖަހައިގަތުމެއްވެސް ނޫން.. މިއީ ސަބަބަކީ.. އަހަރެން އެދެނީ ބޭބެމެންވެސް އައިކާއަށް ތިކަމަށް މަޖުބޫރު ނުކުރުމަށް.. އެމީހަކު ގުޅެންވާނީ އެމީހަކު ލޯބިވާ މީހަކާ.. އެމީހަކަށް ނަފުރަތު ކުރާ މީހަކާ އިނދެގެން ކިހިނެއް ދިރިއުޅޭނީ؟ އަހަރެން ހުރީ ބޭބެމެން ކޮންމެ ކަމަކު ބުންޏަސް އެކަމެއް އުފަލުން ކޮށްދޭން ނިންމައިގެން.. އެކަމަކު ބޭބެމެން ތި އެދޭ ކަންތައް އަހަރެންނަށް ކޮށްދެވޭކަށް ނެތް.. އަހަރެންނަށް މާފްކޮށްދޭތި.. ދެން ދަނީ.." މާޒް އެހެން ބުނެލުމަށްފަހު މަޑުވެސްކޮށްނުލާ ނުކުމެގެން ދިޔަތަން ބަލަން ނާޒިމްއާއި ސަނާ ތިބީ ބަސް ހުއްޓިފައެވެ. އައިކާގެ ހިތަށްވެސް ތަފާތު ގޮތެއް ވެއްޖެކަން ޔަޤީނެވެ. އެއްވެސް އިޚްތިޔާރަކާނުލާ އޭނާއަށް ރޮވެން ފެށުނެވެ. ސަބަބެއް ނޭނގެއެވެ.
ޖެހިގެން އައި ދުވަހެވެ. އައިކާ ހޮސްޕިޓަލުން ދޫކޮށްލުމުން އެމީހުން ބަދަލުވީ ކުލީ ކޮޓަރިއަކަށެވެ. ޔޫޝައު އެތައް އާދޭހެއް ކުރުމުންވެސް އައިކާ ޔޫޝައުގެ ގެއަށް ދާން އެއްބަސްނުވުމުންނެވެ. އޭނާ ބޭނުންވީ އަވަހަށް ރަށަށް ދާށެވެ. ނަމަވެސް ހަފްތާއެއް ވަންދެން މާލޭގައި މަޑުކޮށްލުމަށް އެދުމުން ނާޒިމްއާއި ސަނާ ވަރަށް ކިޔައިގެން އޭނާއަށް މަޑުކުރަން މަޖުބޫރުވީއެވެ. ހުރިހާ ޚަރަދެއްގައި ޔޫޝައު ހިފިއެވެ. އައިކާ ކިތަންމެ ނުރުހުނަސްވެހެވެ.
ދެދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. މާޒްވެސް ރަށަށް ގޮސްފިއެވެ. ހިތް ކުދިކުދިވެފައިވާ ހާލުގައެވެ. ނުހަނު ހިތް އެދުނު ވަގުތުކޮޅެއް އައިސް ހިތުގައި އަތް އަޅާލުމަށްފަހު އެކަމަށް ފުރަގަސްދީފައެވެ. އެއީ ހަމައެކަނި އައިކާގެ އުފަލަށްޓަކައެވެ. އައިކާގެ އެތިބަ ފުށްގަނޑެއްފަދަ ލޯބިލޯބި ދެކުދިންގެ މުސްތަޤުބަލަށްޓަކައެވެ. މަޖުބޫރުން އައިކާ އޭނާއާ އިނދެ އެދެކުދިންނަށް ދެރައެއް ލިބިއްޖެނަމަ އޭނާއަށް ދުވަހަކުވެސް އޭނާގެ އަމިއްލަ ނަފްސަކަށް މާފެއް ނުކުރެވޭނެއެވެ. އޭރުން އޭނާއަށް އިހުސާސްކުރެވޭނީ އެއީ އޭނާގެ ސަބަބުން އެކުދިންނަށް ލިބުނު ދެރައެއް ކަމަށެވެ. އައިކާއާއި އޭނާގެ ކައިވެންޏަށް އޭނާ އިންކާރުކުރި އެންމެ ބޮޑު ސަބަބަކީ އެއީއެވެ.
ހަފްތާއެއް ފަހެވެ. ޔޫޝައުއާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ އަޒްމީލް ތިބީ މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއްގައެވެ. ކޮފީއެއް ބޯލަން ގަސްތުކޮށްގެން ދިޔަނަމަވެސް އަޒްމީލްގެ އެދުމުގެ މަތިން ޔޫޝައުވެސް ކެއުމަކަށް އޯޑަރ ދިނީއެވެ.
"މަރުޙަބާ އިނގޭ.. އަދި މިއުޅެނީ ކުދިވެރިން ދެކިލަން ޖައްސާނުލެވިގެން.. އެނގެއެއްނު ދޯ މަގޭ ލައިފް ބިޒީވާނެވަރު.." އަޒްމީލް އެހެން ބުނެލުމުން ޔޫޝައު ބޯޖަހާލީ ހުރިހާ ކަމެއްވެސް ދެނެހުރީމޭ ބުނާފަދަ ގޮތަކަށެވެ.
"އާނ ދެން ބިޒީވާނެތާ ދޯ.. އަޒޭމެން ކުދިން ހޯދާއިރަކު ނުވިސްނާ ވިއްޔަ.. އަހަރު ދެކޮޅު ކުދިން ހޯދާއިރު ކެތްވާކަމޭ ހިތަށްއަރަނީ.." ޔޫޝައު ބުނެލިއެވެ.
"ކެތްނުކޮށް ކީއްކުރާނީ؟ ކޮންމެ ފަހަރަކުވެސް ގޯސް ހެދެނީއޭ މަށަށް.." އަޒްމީލް ބޯކަހާލަމުން ބުނެލިއެވެ.
"ހޫނ ދެން ތިއެއްނޫނޭ.. ކޮބައިތަ ވަރިކުރިފުޅު ރުއްސުމުގެ ކަންތައް ކިހާ ހިސާބެއްގަތަ އޮތީ؟" އަޒްމީލް އަހާލިއެވެ.
"އެކަން ނުވެގެން މިއުޅެނީ.. ވަރަށް ބޯހަރު މަންޖެއެއް.. އަސްލު ދެން އަހަރެންނަށްވެސް ވިސްނާނުލެވުނީމަ ވީގޮތް.. އޭރު އައިސްފައި ހުރި ރުޅީގައި ވަރީގެ ލަފްޒު ބޭރުވީ.." ޔޫޝައު އޭނާގެ ކުށް ޤަބޫލުކުރިއެވެ.
"އަދި ވާނެ.. ކެތްކޮށްލާ.. ޔޫޝައު އޭނަ ރަށުގަ ހުރިއިރު އޭނަ ކައިރިއަށް ގޮސް ގުޅާ ހާލު ބެލިނަމަ، އަހަރެންނަށް ސަތޭކަ ޕަސެންޓް ޔަޤީންކަން އެބައޮތް އޭނަ މިހާރު ހުންނާނީ ޔޫޝައުއަށް އާނބަސް ދީގެންކަން.." އަޒްމީލް ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ.
"ވެދާނެ ތިހެންކަމަށްވެސް.. އެކަމު އޭރު އަހަރެންނަށް ކަންތައް ކުރެވުނު ގޮތުން ނުކެރުނީ ތީން އެއްވެސް ކަމެއް ކުރަން.." ޔޫޝައު އިނީ ވަރަށް ސީރިއަސްވެފައެވެ. ކުއްލިއަކަށް އޭނާގެ ސަމާލުކަން ދަމައިގަތީ އޭނާ އިން މޭޒުގެ ފަހަތުގައި ހުރި މޭޒު ކައިރިން އިވުނު އަންހެންކުއްޖާގެ އަޑެވެ. އެއީ އޭނާއަކަށް އާ އަޑެއް ނޫނެވެ. ދާދި އިހަކަށް ދުވަހަކާ ޖެހެންދެން ކޮންމެ ދުވަހަކު އެތައް ފަހަރަކު އިވި ބާވެފައިވާ އަޑެކެވެ. އާނއެކެވެ. ނާޒްގެ އަޑެވެ.
"ހިނގާބަ މިރޭ ރޫމްއަކަށް ދާން.. މިރޭ ވަރަށް ފީލްވާ ރެޔެއް.." ނާޒް ބުނެލިއެވެ. އެކަހަލަ ހާމަކަން ބޮޑު ތަނެއްގައި އޭނާ އެކަހަލަ ވާހަކަ ދައްކާކަށް ލަދެއްވެސް ނުގަނޭބާއޭ ޔޫޝައުގެ ހިތަށްއެރިއެވެ.
"ރޫމަކަށް ދާނީއޭ ކެއުން ނިންމާލާފައި.. އަދި މަޑުކޮށްލަބަލަ.." ދެންވެސް އިވުނީ އާ އަޑެއް ނޫނެވެ. މާގިނަ ފަހަރު އިވިފައި ނުވިނަމަވެސް އެއީ ޔޫޝައު ދަންނަ އަޑެކެވެ. އެހެންކަމުން ވަރަށް ސިއްރު ސިއްރުން ފަހަތް ބަލާލިއެވެ. އާނއެކެވެ. ޔޫޝައުއަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. އެއީ ދިރިއުޅުމުގައި އޭނާއަށް އެންމެ ކަތި ފިޔަވަޅެއް އަޅުވަން މަޖުބޫރުކުރި އިންސާނާއެވެ. އައްޒާމްއެވެ.
"ދެން އަދިވެސް ކިޔައެއް ނުދެމެއްނު ބޭބީ ޖޮބުން ކަނޑާލީ ކީއްވެކަމެއް؟" އައްޒާމްގެ އެވާހަކައަށް ޔޫޝައު ސަމާލުވެލީ އަޒްމީލް ގާތު ވާހަކަ ނުދެއްކުމަށް އިޝާރާތްކޮށްފައެވެ.
"އެއީ ދެން ކުޑަ ކަމެއް ހިނގީ ބޮސްއާ ދެމީހުން ދޭތެރޭ.." ނާޒް ތަފްސީލެއް ނުދިނެވެ.
"ކޮންކަހަލަ ކަމެއް؟" އައްޒާމް އޮޅުންފިލުވަން ބޭނުންވިއެވެ.
"ލަވްއަށް އެނގެއެއްނު ނާޒްއަށް ފީލްވީމަ ކޮންޓްރޯލް ނުކުރެވޭކަން.. އެއްރެޔަކު ކޮންޓްރޯލް ނުވެގެން ބޮސްއަށް ނިދާ ބޭސް އަޅައި ކޮފީ ދީފަ ރަނގަޅަށް.." ނާޒް ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ.
"ވަޓް؟ އާރ ޔޫ ސީރިއަސް؟" ޔަޤީން ނުކުރެވިފައި އައްޒާމް އަހާލިއެވެ.
"ޔާ.."
"ވަޓް ދަ ހެލް!! ކީއްވެ؟ ކީއްވެ އަހަރެންނާ ރައްޓެހިވެގެން ހުރެ؟ އަހަރެން ކީއް ނުކޮށްދޭތީ؟" އައްޒާމް ވަރަށް ހިތްހަމަނުޖެހުނެވެ.
"ރުޅިމަޑުކޮށްބަލަ.. މީހަކަށް އަޑުއިވިދާނެއޭ.."
"ވަރިހަމައޭ އަޑުއިވުނަކަސް.. އަހަރެން ބޭނުމެއްނޫން އިތުރަށް އެންމެ މިނެޓަކުވެސް ނާޒްއާ އެކީ އުޅޭކަށް.. އަހަރެން ހިއެއްނުކުރަން ނާޒް ތީ އެކަހަލަ މީހެއް ކަމަކަށް.. އަހަރެން ހީކުރީ އަހަރެންނާ އެކީ އެހެން އުޅުނީ އަހަރެންނާ މެރީކުރަން ނިންމައިގެން ހުރީމަ ކަމަށް.." އައްޒާމް ވަރަށް ރުޅިއައިސްފައި ބުނެލިއެވެ.
"މެރީކުރާށޭ!!؟ ޗީ.. ނެވަރ.. އަހަރެން އެއްވެސް އިރަކު އައްޒާމްދެކެ ލޯތްބެއްނުވޭ.. އަހަރެން ބޭނުންވާ ކަންތައް އައްޒާމް ކޮށްދީފި.. ހީކޮށްލާ ތީ އަހަރެންގެ މިޝަނެއްގަ ބޭނުންކޮށްލި އެހީތެރިއެކޭ.." ނާޒްގެ އަޑުގައި އެއްވެސް ކަހަލަ ޖެހިލުންވުމެއް ނެތެވެ. އެއަޑުގައި ވަނީ މަލާމާތެވެ.
"ކޮން މިޝަންއެއް؟"
"އެއީ އަހަރެންގެ ދެ ދުޝްމަނުން، އައިކާއާއި މާޒްގެ ދިރިއުޅުން ބަރުބާދުކޮށްލުން.. އައިކާގެ ސަބަބުން މާޒް އެދުވަހު އަހަރެންގެ ލޯތްބަށް ފުރަގަސްދިނީ.. އޭނަ ދުވުނީ އައިކާގެ ފަހަތުން.. ކޮންމެ ފަހަރަކުވެސް މާޒް އައީ އަހަރެން އިގްނޯ ކުރަމުން.. އެކަމާ ހެދި އަހަރެންގެ ހިތުގައި އައިކާއާ ދޭތެރޭ ނަފުރަތު އުފެދުނީ.. އައިކާ ޔޫޝައުއާ އިނީމަވެސް އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނު.. އެއީ އޭނަ އުފަލުގަ އުޅޭތީ.. އެދުވަހު މާޒް އަހަރެންގެ ލޯތްބަށް ފުރަގަސްދިނީތީ އަހަރެންގެ ބައްޕަ ފައިސާއަށްޓަކައި އަހަރެން ވިއްކާލީ.. އަހަރެންގެ ޒުވާން އުމުރުގެ އެއްބައި މި ބޭކާރުވީ އެ ހަންޓޯޓޯ މީހާގަނޑާ އެކީ އުޅެ.. ދުވަހެއްގެ ކޮޅުންވެސް އޭނަ އަހަރެން ވަރިއެއް ނުކުރާނެ.. އެހެންވީމަ އަހަރެން ބޭނުންވީ އަހަރެންނަށް މާޒް ނުލިބުނުތާ އައިކާއަށްވެސް މާޒް ނުލިބޭނެ ގޮތެއް ހަދަން.. އެކަމާ އަހަރެން ވަރަށް ވިސްނިން.. އަހަރެން ހިތަށްއެރި ޔޫޝައު އައިކާ ދޫކޮށްލައިފިއްޔާ އައިކާ މާޒްއާ ގުޅިދާނެޔޭ.. އެހެންވެ އަހަރެން ބޭނުންވީ އައިކާގެ ދިރިއުޅުން ހަލާކުކޮށްލީ މާޒްކަމަށް އޭނައަށް ޤަބޫލުކުރެވޭނެހާ ގޮތަކަށް ކަންތައްތައް ކުރަން.. އެކަން އަހަރެންނަށް ކާމިޔާބުވެސް ކުރެވުނު.. ދެނެއް އައިކާ ދުވަހަކުވެސް މާޒްއަކާ ނުގުޅޭނެ.. މުޅި އުމުރަށް އޭނާއަށް ނަފުރަތުކުރާނެ.. ދެން ހުރީ ޔޫޝައު.. އޭނަ އަހަރެން ވަޒީފާއިން ވަކިކޮށްލުމުގެ ކުރިން އަހަރެންނަށް އޭނަގެ ކިބައިން އެކަމަށްވެސް ބަދަލު ހިފިއްޖެ.. އައިކާ ދެން ޔޫޝައުއަކާވެސް ނުގުޅޭނެ.. އެއީ އޭނައަކީ އެއްވެސް މީހަކަށް ދެވަނަ ފުރުސަތެއް ދޭނެ މީހެއްނޫން.. އަޅެ އަހަރެން މޮޅެއް ނޫންތަ؟ އަހަރެންނަށް ލަނޑެއް ދޭން ހިތަށް އަރުވާ މީހަކުވެސް ޖެހޭނީ މުޅި އުމުރަށް ރޯން.. އެއީ ކޮންމެ މީހަކަށްވިޔަސް.." ނާޒްގެ އަޑުގައި ވަނީ ނުރައްކާތެރިކަމެވެ. ބަދަލު ހިފުމުގެ ރޫޙުން އޭނާ ވަނީ ހަފުސްވެފައެވެ.
"އެކަމުގެ ތެރެއަށް އަހަރެން ވެއްދީ ކީއްވެ؟" އައްޒާމްގެ ހިތުގައި އުފެދުނު އޭނާއަށް އެންމެ އުނދަގޫ ކުރި ސުވާލު އޭނާ ނާޒްއާ ކުރިއެވެ.
"އެއީ މާޒް ކުރުވި ކަމެއްކަމަށް ދައްކަންވެގެން.."
"އެކަމަކު ކީއްވެ އަހަރެން؟" އައްޒާމް އަނެއްކާވެސް އޭނާގެ ހަޤީޤީ ސުވާލު ތަކުރާރުކުރިއެވެ.
"އަހަރެންނަށް އެނގުނު އައްޒާމް އަހަރެންނާ ދޭތެރޭ ދެކެނީ ކިހިނެއްކަން.. މިބުނީ އަހަރެންދެކެ ލޯބިވާކަން.. އެހެންވީމަ އަހަރެން ބުނާ ކޮންމެ ކަމެއްވެސް ކުރާނެކަން އަހަރެންނަށް ޔަޤީންވީ.. އެހެންވެގެން އަހަރެން އެގޮތަށް ކަންތައްކުރީ.." ނާޒް ފަޚުރުވެލިއިރު ހީވީ އޭނާއަށް މާ މޮޅު ކަމެއް ކުރެވިގެން އުޅޭހެންނެވެ. ކުއްލިއަކަށް ފަހަތުން އަތްތިލަބަޑި ޖަހަން ފެށި އަޑަށް ނާޒްއާ އައްޒާމް އެއްފަހަރާ ބަލާލިއެވެ.