ބަސް ނައަހާ މީހުންނާ ހެދި ޕާކިސްތާންގައި ކޮވިޑް19ގެ ހާލަތު ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށް ބޮޑު ވަޒީރުގެ މުސްތަޝާރު ޑރ. ފައިސަލް ސުލްތާން ވިދާޅުވެއްޖެއެވެ. އާންމުކޮށް މީހުން މާސްކް ނާޅާ ކަމަށާއި މާސްކް އަޅަނީ ހަމައެކަނި އާބާދީގެ 5 އިންސައްތަ ކަމަށް އޭނާ ވިދާޅުވެއެވެ. އަދި ޕާކިސްތާންގެ ސިއްޙީ ފަރުވާގެ ކަންކަން އޮތީ މިދިޔަ ޖޫން މަހު ހާލަތު އެންމެ ބޮޑަށް ގޯސްވިއިރު އޮތް މިންވަރަށް ވުރެން ގޯސްކޮށް ކަމަށް އޭނާ ވިދާޅުވެއެވެ.
ނޭޝަނަލް ކޮމާންޑް އެންޑް އޮޕަރޝަން ސެންޓަރ އިން ހާމަކޮށްފައިވާ އަދަދުތައް ބުނާ ގޮތުން ދުވާލަކަށް މިހާރު، 60އާ ކައިރި ކުރާ އަދަދަށް މީހުން މަރުވެއެވެ. އަދި ދުވާލަކަށް 4500އަށް ވުރެން ގިނަ ޕޮޒިޓިވް ކޭސްތައް ރިޕޯޓް ކުރެއެވެ.
ޑރ. ފައިސަލް ވިދާޅުވިގޮތުގައި ޕަންޖާބްއާއި ޚައިބަރު ޕަޚްތޫންޚުވާއާއި ކަޝްމީރާއި އިސްލާމްއާބާދުގައި އެއްވެސް ކޮންޓްރޯލެއް ނެތެވެ. އަދި ކުރިއަށް އޮތް ދުވަސްތެރޭ އިތުރަށް މިތަންތާނގެ ހާލަތު ގޯސްވާނެއެވެ.
އޭނާ ވިދާޅުވީ ގައުމުގެ ދަތުރުފަތުރުގެ ނިޒާމުން ވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން ކަނޑައަޅާފައިވާ އުސޫލުތަކާ މުޅިން ޚިލާފްވެފައެވެ.
ރޯދަ މަހުވެސް މީހުން ކޮވިޑް19ގެ އުސޫލުތަކަށް އަމަލު ކުރުމަށް ބާރުއަޅައި ދިނުމަށް ދަންނަބޭކަލުންގެ އަރިހުން އޭނާ އެދިވަޑައިގަތެވެ.
ޕާކިސްތާންގައި މީހުން ކޮވިޑް ވެކްސިން ޖެއްސުމަށް ދާ މިންވަރުވެސް މަދެކެވެ. ޕާކިސްތާންގައި ބެނުން ކުރަނީ ސައިނޯވެކް ވެކްސިންއެވެ.