އެފްރިކާގެ ކުޑަ ބިންކޮޅަކުން ޗައިނާ ރުޅިއަރުވާލައިފިއެވެ. ސޯލާމިއާ އިން ވަކިވެގެންފައިވާ ސޯމާލީ ލޭންޑް އިން ވަނީ ޓައިވާނާ ސިޔާސީ ގުޅުން ގާއިމް ކޮށްފައެވެ.

ސޯމާލީލޭންޑާއި ޓައިވާނަކީ، ބޮޑެ ދެ އަވައްޓެރިން ތިބޭ، އަދި މިނިވަން ގައުމުތަކެއް ކަމަށް ބަލައިގެންފައި ނުވާ ދެ ތަނެވެ.

ސޯމާލިއާ އިން ބުނާ ގޮތުގައި ސައްޔާދު ބައްރީގެ ވެރިކަން ވައްޓާލުމަށްފަހު އުފެދުނު އަހްލީ ހަނގުރާމައިގައި ވަކިވި ސޯމާލީލޭންޑަކީ ސޯމާލިއާގެ ބައެކެވެ.

ޓައިވާނަކީ، ޗައިނާއިން ބުނާ ގޮތުގައި ޗައިނާއިން ވަކިވެގެންފައިވާ ޗައިނާގެ ބައެކެވެ.

ޓައިވާނުން ވަނީ ސޯމާލީލޭންޑްގައި ޑިޕްލޮމެޓިކް އޮފީހެއް ގާއިމް ކޮށްފައެވެ. އަދި އޭގެ ބަދަލުގައި ސޯމާލީލޭންޑުންވެސް ވަނީ ޓައިވާންގެ ޓައިޕެއި ގައި އޮފީހެއް ހުޅުވާފައެވެ. ޓައިވާނުން ވަނީ ސޯމާލީލޭންޑްގެ ދަރިވަރުން ޓައިވާންގައި ކިޔެވުމަށް ސްކޯލަރޝިޕްތަކެއްވެސް ދީފައެވެ.

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނާއެކު ސޯމާލީލޭންޑުން ސިޔާސީ ގުޅުން އުފެއްދުމުން ޗައިނާގެ މެރިޓައިމް ސިލްކު ރޯޑަށް އަސަރު ކުރާނެއެވެ. އަދި ޗައިނާގެ މަސްއޫލުވެރިން ވަނީ ސޯމާލީލެންޑަށް ވަޑައިގެން އެގައުމުގެ ސިޔާސަތު ބަދަލުކުރުމަށް ބާރުއަޅުއްވާފައެވެ. އެހެނަމަވެސް ޓައިވާނާ ގުޅުން ކަނޑާ ނުލާނެ ކަމަށް ސޯމާލީލޭންޑްގެ ސަރުކާރުން ބުންޏެވެ.

ސޯމާލީލޭންޑަކީ މިނިވަން ގައުމެއްކަމަށް ބަލައިގެންފައި ނުވީނަމަވެސް އެގައުމުގައި ސަރުކާރުގެ މުއައްސަސާތަކާއި ފުލުހުން ތިބެއެވެ.

އެފްރިކާއިން ޓައިވާނާއެކު ސިޔާސީ ގުޅުން ގާއިމް ކޮށްފައިވަނީ ސޯމލީލޭންޑާއި އެސްވާޓިނީން އެކަންޏެވެ.