ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުގެ ދެވަނަ ލެގުގައި ރޭ ބަލިވިނަމަވެސް، ދެލެގުގެ އެގްރިގޭޓުން ކުރި ހޯދައި ސެމީފައިނަލުން ފްރާންސްގެ ޕީއެސްޖީ އާއި އިންގްލެންޑުގެ ޗެލްސީ ރޭ ޖާގަ ހޯދައިފިއެވެ.
މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަޔާން އަތުން ބަލިވި ޕީއެސްޖީ މިފަހަރު ބަޔާން ރޮއްވާލުމަށްފަހު ސެމީފައިނަލުން ފުރުސަތު ހޯދީ ރަށުން ބޭރުގައި ކާމިޔާބު ކޮށްފައިވާ ލަނޑުގެ ތަފާތުންނެވެ. ފުރަތަމަ ލެގް ބަޔާންގެ ދަނޑުގައި ޕީއެސްޖީ މޮޅުވެފައި ވަނީ 3-2 އިންނެވެ. ދެވަނަ ލެގް ޕީއެސްޖީގެ ދަނޑުގައި ބަޔާނުން 1- އިން ކާމިޔާބު ކުރުމުން 3-3 އިން އެގްރިގޭޓް ނަތީޖާ އެއްވަރުވެ އަވޭ ލަނޑުގެ ތަފާތުން ޕީއެސްޖީއަށް ކުރި ލިބުނީއެވެ.
ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މިމެޗުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ނޭމާ އަށާއި ފުރަތަމަ ލެގުގައި ތަރިޔަކަށްވި ޒުވާން ފޯވާޑް ކިލިޔަން އެމްބައްޕޭއަށެވެ. ފުރަތަމަ ހާފުގައި ނޭމާ ފޮނުވާލި ދެހަމަލާ އަމާޒުވީ ބަޔާންގެ ގޯލުގެ ދަނޑިއަށެވެ. އަނިޔާގެ ސަބަބުން އިތުބާރު ފޯވާޑް ރޮބާޓް ލެވަންޑޮސްކީ ނުލައި ކުޅެމުންދިޔަ ބަޔާނުން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލެވިދާނެ ކަމުގެ އުއްމީދު ހޯދީ ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް ޗުޕޯ މޯޓިންގ ކާމިޔާބު ކުރި ލަނޑުންނެވެ. ދެވަނަ ހާފުގައި ގިނަވަގުތު ބޯޅަ ގެންގުޅެ ބަޔާނުން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. މީގެ ތެރެއިން ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ތަޖުރިބާކާރި ކީޕަރު ކޭލާ ނަވަސްއެވެ.
ޗެލްސީ ސެމީފައިނަލުން ފުރުސަތު ހޯދީ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ޕޯޓޯ އަތުން ފަހު ވަގުތު 1-0 އިން ބަލިވިނަމަވެސް ދެލެގުގެ އެގްރިގޭޓުން 2-1 އިން ކުރި ހޯދައިގެންނެވެ. ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ އިރާނުގެ ފޯވާޑް މެހްދީ ތެރެމީއެވެ. މިލަނޑަކީ މިފަހަރު ޗެމްޕިއަންސް ލީގުގައި ފެނިގެންދިޔަ އެންމެ ރީތި އެއްލަނޑެވެ. މެހްދީއަކީ ޕޯޓޯއިން ދެވަނަ ބުރުގައި ޔުވެންޓަސް ކަޓުވާލިއިރުވެސް އެންމެ ބޮޑަށް ވިދާލި ކުޅުންތެރިޔާއެވެ.
ކުއާޓާފައިނަލުގައި މިރޭ މެންޗެސްޓަރ ސިޓީ އާއި ބްރޯޝިޔާ ޑޯޓްމަންޑް އަދި ލިވަޕޫލް އާއި ރެއާލް މެޑްރިޑް ބައްދަލު ކުރާނެއެވެ. ފުރަތަމަ ލެގް މެން.ސިޓީން 2-1 އިން ކާމިޔާބު ކޮށްފައިވާއިރު ފުރަތަމަ ލެގުގައި ލިވަޕޫލްގެ މައްޗަށް ރެއާލްއިން ކުރި ހޯދާފައި ވަނީ 3-1 އިންނެވެ. މިދެމެޗްވެސް ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައެވެ.