ނޭވާލާ ނިޒާމުގެ ގިނަ ބަލިތައް އިންސާނުންނަށް ޖެހެނީ ވައިގެ ޒަރީއާއިންނެވެ. ދުނިޔޭގެ ބައިބޯ ސިޓީތަކާއި، ރަށްތަކުގައި ނުވަތަ ގިނަ ބަޔަކު ތޮއްޖެހިގެން އުޅޭ ތަންތަނުގައި ނޭވާލާ ނިޒާމުގެ ބަލިތައްޖެހޭ މީހުންގެ އަދަދު ގިނައެވެ.

ނުކަތާވަރަށް ވެހިކަލްތައް ގިނަވުމަކީ އެއިން ބޭރުވާ ވިހަ ދުމުން އިންސާނާގެ ސިއްހަތަށް ނުރައްކާ ފޯރާ ސަބަބަކަށް ވެއެވެ. އަދި އެފަދަ ވެހިކަލްތައް ދުއްވުމުގެ ސަބަބުން ހިރަފުހާއި ދުމާއި އެކުވެގެން ވައި ނުސާފުވެ އިންސާނުންގެ ސިއްހަތަށް އެތައް ނުރައްކާތަކެއް ފޯރަމުންދެއެވެ. އެހެންވެ، ވައިގެ ނުސާފުމިން ހުންނަންޖެހޭނޭ އެންމެ މަތީ މިންވަރަކީ ކޮބައި ކަމާއި، އިންސާނުންގެ ސިއްހަތަށް ނުރައްކާވަނީ ކިހާ މިންވަރަށް ހުރުމުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިންގަނޑެއްވެސް ކަނޑައަޅާފައި ވެއެވެ. އެއީ، ވައިގެ ނުސާފުމިން ބަލާ އިންޑެކްސްއެވެ.

ބައިބޯ ރަށްތަކާއި ސިޓީތަކުގައި ކިތަންމެ ވައި ނުސާފު ވިޔަސް، މާސްކް އެޅުމަކީ ކުރިން މީހުން ސަމާލުކަންދޭ ކަމެއްނޫނެވެ. ވައިރަލް ހުރުމުގެ ރޯގާތައް ކިތަންމެ އިތުރުވި ނަމަވެސް، އަދި ސިއްހީ ފަރާތްތަކުން އިރުޝާދުދޭ ހާލަތްތަކުގައި ވެސް މާސްކް އެޅުމަށް މީހުން އެހާ ސަމާލުކަމެއް ނުދެއެވެ.

ކޮވިޑް ބައްޔާ ގުޅިގެން މާސްކް އަޅާން ސިއްހީ މާހިރުން ފުރަތަމަ އިރުޝާދު ދިނުމުން ގިނަމީހުން އެޔަކަށް އަމަލެއް ނުކުރިއެވެ. ބަލީގެ ހާލަތު އިތުރަށް ގޯސްވާން ފެށުމުން ބައެއް ގައުމުތަކަށް ޖެހުނީ މާސްކް އަޅަން މަޖުބޫރު ކުރާށެވެ. އެވަރުން ވެސް ކިޔަމަން ނުވުމުން ޖޫރިމަނާވެސް ކުރާށެވެ.

ސިއްހީ މާހިރުން އިރުޝާދު ދެމުންގެންދިޔަ ނަމަވެސް އަދިވެސް ބައެއް ގައުމުތަކުގައި، ތަންކޮޅެއް ބޯހަރުމީހުން މާސްކް އަޅާކަށް ބޭނުމެއް ނުވެއެވެ. ގެންދަނީ ދެކޮޅު ވެސް ހަދަމުންނެވެ.

އެކަމަކު، ކޮވިޑް-19 ބަލީގެ ހާލަތާ ގުޅިގެން ހުރިހާކަމެއް މިވަނީ ބަދަލުވެގެންގޮސްފައެވެ. ގިނަމީހުން މާސްކް އަޅަން ފެށުމުން ވައިގެ ޒަރީއާއިން ފެތުރޭ ތަފާތު ބަލިމަޑުކަން ވަރަށް މަދުވެގެން ގޮސްފައިވާ ކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެއެވެ. އެބޭފުޅުން އެކަން ފާހަގަކުރައްވަނީ، އެފަދަ ބަލިތަކުގައި ރިޕޯޓްކުރާ މީހުންގެ އަދަދުތަކަށް ރިއާޔަތްކޮށެވެ.

މާސްކް އެޅުމަކީ ބައެއް މީހުންނަށް އުނދަގޫ ވެދާނެ ކަމެެކެވެ. މޫނުމަތި ރަތްވެ، ހަންގަނޑު ހިރުވައި ނުވަތަ ނޭވާ ހާސްވުންފަދަ ކަންކަންވެސް މެދުވެރިވެދާނެއެވެ. އެހެން ނަމަވެސް، ވައިގެ ޒަރީއާއިން ނޭފަތާއި އަނގަޔަށް ވަންނަ ދުމާއި، ހިރަފުހުގެ ސަބަބުން ދިމާވާ އެލަޖީވުންފަދަ ތަފާތު ސިއްހީ މައްސަލަތައް ވަރަށް ބޮޑަށް މަދުވެފައިވާކަން ވަނީ ހާމަވެފައެވެ.

ކްލީވްލޭންޑް ކްލިނިކްގެ އެލަޖިސްޓް ޑރ. ޑޭވިޑް ލަންގް ގެންދެވީ، ކޮވިޑް ބަލިމަޑުކަން އައުމުގެކުރިންވެސް، އެލަޖީގެ ބޮޑެތި މައްސަލަތައް ހުންނަ މީހުން ޚާއްސަކޮށް ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމަށް ނަސޭހަތްތެރި ވަމުންނެވެ.

ސާޖިކަލް މާސްކާއި، އެން95 މާސްކް ބޭނުންކުރާ 215 ނަރުހުންގެ މައުލޫމާތު ދެ ހަފްތާވަންދެން އެއްކުރުމަށްފަހު، ރިސާޗަރުން ބުނެފައިވަނީ، ހިރަފުހަށް އެލަޖީވުމުގެ ބޮޑެތި މައްސަލަ ކުރިން ހުންނަ 44 ނަރުހަކަށް، މާސްކް އެޅަން ފެށުމުން ކިނބިހި އެޅުން މަދުވެ، ނޭފަތުން ފޭބުމާއި، ނޭފަތް ބެދުމުގެ މައްސަލަތައް ދިމާވުން ވަރަށް ކުޑަވެގެންދިޔަ ކަމަށެވެ.

އެލަޖީގެ މެދުމިނުގެ މައްސަލަތައް ހުންނަ 91 ނަރުހަކު ސާޖިކަލް މާސްކް އެޅުމުން، %30 މީހުންގެ ހާލަތު ރަނގަޅުވެގެން ދިޔަ ކަމަށާއި، އެން95 މާސްކްއެޅި %40 ހާލަތު ރަނގަޅުވެގެން ދިޔަ ކަމަށެވެ.