އިންޑިއާއިން އީރާނުގައި ހަދަމުންދާ ޗާބާރު ބަނދަރުގެ މަސައްކަތް އަވަސް ކުރުމުގެ ސަބަބުން މި ބަނދަރު މި އަހަރުގެ މޭ ހާތާނގައި ހުޅުވާނެކަމަށް އެމެރިކާގެ ކޮންގްރެސްގެ ރިސާޗް ކަރުދާހެއްގައި ބުނެފިއެވެ.

ޗާބާރު ޕޯޓާ އެކު އެ ބަނދަރުން އަފްޣާނިސްތާންގެ ސަރަހައްދަށް ފޯރާ ރޭލު ލައިނެއް އެޅުމަށް އިންޑިއާއިން ވަނީ 500 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައެވެ.

މިއީ އިންޑިއާގެ މުދާ އަފްޣާނިސްތާނަށް ފަސޭހައިން ވެއްދުމަށް އިންޑިއާއިން ހުޅުވާލާ މަގެކެވެ. އެމެރިކާގެ ކުރީގެ ވެރިޔާ ޓްރަމްޕް ވެސް ވަނީ އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރިއިރު، އިންޑިއާއިން އީރާންގައި ކުރާ އިންވެސްޓްމެންޓ އެއިން އިސްތިސްނާ ކޮށްފައެވެ.

ކޮންގްރެޝަނަލް ރިސަރޗް ސަރވިސްއިން ތައްޔާރުކޮށްފައިވާ 100 ސޮފްހާގެ ރިޕޯޓްގައި ބުނެފައި ވަނީ 2021 ގައި އިންޑިއާއިން ވަނީ މި ބަނދަރުގެ މަސައްކަތް ހަލުއިކޮށްފައެވެ. އަދި އީރާންގެ އިގްތިސާދު ދެކުނު އޭޝިއާގެ އިގްތިސާދާއި ގުޅި ލާމެހިފައިވާ ކަމަށާއި ނަމަވެސް އީރާނުން އިންޑިއާ ތެޔޮ ގަތުން ހުއްޓާލާފައި ވާކަމަށްވެސް ބުނެފައި ވެއެވެ. އަދި ޕާކިސްތާނަށް އީރާނުގެ ގޭސް އެތެރެ ކުރުމަށް އަޅަމުން ދިޔަ ހޮޅި ލައިންގެ އީރާން ފަޅީގެ މަސައްކަތް ނިމުނުކަމުގައި ވިއަސް ޕާކިސްތާނު ފަޅީގެ މަސައްކަތް ވަޅު ޖެހިފައި ވާ ކަމަށާއި ޕާކިސްތާނުން މިކަން ކުރިއަށް ގެންދިއުމަށް އީރާމަށް ޔަގީންކަމެއް ދީފައި ނުވާކަމަށްވެސް ބުނެފައި ވެއެވެ.

މިއީ ކޮންގްރސްއިން މަޝްވަރާ ކުރާ މައްސަލަތަކުގެ ފަސް މަންޒަރު ކުރަހާލުމަށ ތައްޔާރު ކުރާ ރިޕޯޓްތަކެވެ. އަދި މިއީ ރަސްމީ ސިފައެއްގައި އެއަށް ހަވާލާ ދެވޭ އެއްޗެއް ނޫނެވެ.