ދެކުނު ޗައިނާ ކަނޑުގެ ޖަޒީރާތަކާއި ފަޅުތަކާއި ގިރިތައް ޗައިނަގެ ބަރުގެ ދަށަށް ގެނައުމަށް އައު އުކުޅެއް ޗައިނާއިން ބޭނުން ކޮށްފިއެވެ. ޗައިނާއިން ދެކުނު ޗައިނާ ކަނޑުގައި ދައުވާ ކުރާ ގާ ތަކާއި ފަޅާއި ގިރިތައް މިހާރު ވަނީ ޓްރޭޑްމާރކެއްގެ ގޮތުގައި ރެޖިސްޓްރީ ކޮށްފައެވެ. މި ގޮތަށް އެތައް ސަތޭކަ ތަނެއް ޗައިނާއިން އަމިއްލަ ޓްރޭޑްމާކެއްގެ ގޮތުގައި ރެޖިސްޓްރީ ކޯށްފައި ވެއެވެ.

ޗައިނާގެ އައު ފިޔަވަޅަށް ވިއެޓްނާމާއި ފިލިޕީންސްއިން އަދި ޓައިވާނުން ވަނީ ދެކޮޅުހަދައި އެކަން ކުށްވެރިކޮށްފައެވެ.

މީގެ އިތުރުން ޗައިނާއިން ދެކުނު ޗައިނާ ކަނޑުގެ ޖަޒީރާތަކަށް ސިޔާދަތު އޮންނަ ކަމަށް ނިންމުމުގެ ގޮތުން ޗައިނާއިން ވަނީ ދެކުނު ޗައިނާ ކަނޑުގެ މެދުގައި އައު ޕްރޮވިންސެއްވެސް ގާއމް ކޮށްފައެވެ. މިއީ، ސާންޝާ ސިޓީއެވެ. ދެކުނު ޗައިނަ ކަނޑުގެ މެދުގައި، 14 ހާސް މީހުން ދިރިއުޅޭ ސާންޝާ ސިޓީއަކީ ހަގީގީ ސިޓީއެއް ނޫނެވެ.

ނަމަވެސް 2012 އިން ފެށިގެން ގާއިމް ކޮށްފައިވާ މި ޕްރޮވިންސަކީ، ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ސިޔާދަތު އޮތްކަމަށް ބުނާ ހުރިހައި ތަނެއް އިދާރީގޮތުން ބަލަހައްޓާ މަރުކަޒެވެ. މިއީ ހިކި ދިޔައިގައި ފެނުން މަތީގައި ފެންނަން ހުންނަ 281 ގަލާއި، ތިލަ ފަޅާއި، ފަރުފަދަ ތަންތަނެވެ.

ޓައިވާނުން ބުނާ ގޮތުގައި ޗައިނާއިން ޓްޜޭޑް މާރކްގެ ގޮތުގައި ދެކުނު ޗައިނާ ކަނޑުގެ ތަންތަން ރެޖިސްޓްރީ ކުރިނަމަވެސް ޓްރޭޑް މާރކަކީ ވިޔަފާރި ބޭނުންމަށް ކުރެވޭ ކަމެއް ކަމުން މިކަމުގެ ސަބަބުން ޗައިނާއަށް މިއިން ތަނަކަށް ސިޔާދަތު އޮންނަ ކަމަކަށް ސާބިތު ކޮށެއް ނުދެވޭނެއެވެ.