ކޮވިޑް 19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ފަހެއްގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް ފުރަތަމަ އިއުލާނުކުރީ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ.

ނަމަވެސް އެކި ފަހަރުމަތިން ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިތުރު ކޮށްފައެވެ.

އެގޮތުން އިތުރުކުރި އެންމެ ފަހުގެ މުއްދަތު މިއަދުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

ހެލްތު މިނިސްޓްރީ ހިންގެވުމާ ވަގުތީގޮތުން މިހާރު ހަވާލުވެ ހުންނެވި ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ވަނީ، ރާއްޖޭގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމަށާއި އަދި އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓާޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލު ކުރެވޭ ކަމަށް ލަފާ ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިއަހަރުގެ މާޗް 12 އިން ފެށިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ނޮވެމްބަރު ފަސްވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް ގަރާރުގައި ވިދާޅުވެފައިވެއެވެ.