ޗައިނާގެ ކުންފުންޏަކަށް ނޭޕާލް ސިފައިން ދީފައިވާ މަގު ހެދުމުގެ ކޮންޓްރެކްޓެއް ނޭޕާލް ޕާލަމެންޓުން ހުއްޓުވައިފިއެވެ. ޕާލަމެންޓުން ބުނެފައިވަނީ 2015 ގައި ހަދާފައިވާ ބިޑް ކުރުމަ ބެހޭ ގާނޫނާ މި މަސައްކަތް ހަވާލުކުރުމުގައި ޚިލާފްވެފައިވާ ކަމަށެވެ. އަދި މަސައްކަތް ޗައިނާގެ ޕޮލީ ޗާންގްޑާ އިންޖިއަރިންގ ކުންފުންޏާ ހަވާލުކޮށްފައިވަނީ ބިޑްގައި ބައިވެރިވި އެހެން ކުންފުނިތަކުގެ ހުށަހެޅުންތަކަށް ބެލުމެއް ނެތި ކަމަށެވެ.

މި މަސައްކަތަކީ ކަޓްމަންޑޫ އިން ޓެރީއަށް އޮންނަ ހައިވޭއެއް ބިނާ ކުރުމުގެ މަސައްކަތެވެ. މި ހައިވޭއިން ދަތުރުކުރުމުގެ ވަގުތު ތިން ބައިކުޅަ އެއްބަޔަށް ކުޑަކޮށްލާނެއެވެ. މީގައި ބިމުއަޑީ މަގުތަކާއި ބްރިޖްތައްވެސް ހިމެނެއެވެ.

މުޅި ކޮންޓްރެކްޓްގެ އަގަކީ އެއް ބިލިއަން އެމެރިކާ ޑޮލަރެވެ. ބޮޑެތި އަގުތަކުގައި ޗައިނާއިން ގައުމުތަކުން ނަގާ މަސައްކަތަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައި އޮންނަނީ ޗައިނާގެ ބެންކަކުން ނަގާ ލޯނަކުންނެވެ. މިކަން ބައިނަލްއަގްވާމީ ފަރާތްތަކުން ސިފަ ކުރަނީ އަގު ބޮޑުކޮށް މަސައްކަތް ނަގައި ދަރަނީގެ ދަންތުރައެއްގައި ގައުމު ފިއްތާލުމެއް ކަމަށެވެ.