އިންޑިއާގެ ޖާސޫސީ އިދާރާ އިސްރޯގެ އިސް ސައިންޓިސްޓަކާއި ދިވެހި ދެ އަންހެނަކާއި އިތުރު ބަޔަކާ ގުޅިގެން ޖާސޫސްކުރި ކަމަށް ތުހުމަތުކޮށް ޓްރިވެންޑްރަމް ފުލުހުން ހިންގާފައިވާ ޖަރީމާ އަލުން ތަހްގީގު ކުރުމަށް އިންޑިއާ ސުޕްރީމް ކޯޓުން މިއަދު ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އަށް އަމުރުކޮށްފިއެވެ.

މަރިޔަމް ރަޝީދާއާއި ފައުޒިއްޔާއަށް ހިމެނޭ ގޮތަށް، އިސް ސައިންޓިސްޓް ނާމްބީ ނަރަޔާނަން ބަންދުކޮށްގެން ތަހްގީގު ހިގުމުގެ ސަބަބުން އިސްރޯ އިން ޖައްވަށް ފޮނުވަން ތައްޔަރު ކުރަމުން ދިޔަ ކްރިޔޮޖެނިކް އެންޖިން ހަރުކުރި ރޮކެޓް ފޮނުމުގެ މަސައްކަތްވެސް ލަސްވެގެން ދިޔައެވެ. އަދި ސައިންޓިސްޓް ނަރަޔާނަންގެ ހައްގުތައް ގެއްލި އިހާނެތިކަމާ ކުރިމަތިލާން ޖެހުނެވެ.

1994 ގައި ޓްރިވެންޑްރަމް ފުލުހުންނާއި ކެރެލާ އާއި އިންޑިއާގެ މަރުކަޒީ ސަރުކާރުގެ ވެރިކަމުގައި ތިބި ބައެއް ފަރާތްތަކުން ހިންގފައިވާ މި ޖަރީމާއިން ބަރީއަ ވުމަށް ނަރަޔާނަން ވަނީ މެދު ނުކެނޑި މަސައްކަތް ކޮށްފައެވެ. ދަށު ކޯޓުން ފެށިގެން ހައިކޯޓުން ލައިގެން ސުޕްރީމް ކޯޓާ ހަމައަށް އޭނާ ކުރި މަސައްކަތް ދިގުލައިގެން ގޮސް އޭނާ އަށް ސުޕްރީމް ކޯޓުން 2018ގައި ނަގައި ދީފައި ވަނީ 50 ލައްކަ ރުޕީސްގެ ބަދަލެކެވެ. އެއަށްފަހު، އޭނާ ވަނީ މި ހަދިސާއާ ބެހޭ ފޮތެއްވެސް އެކުލަވާލާފައެވެ. އަދި މި ފޮތުގެ މައްޗަށް މިހާރު ވަނީ ފިލްމެއްވެސް އެކުލަވާލާފައެވެ.

ނަރަޔާނަން މި މައްސަލާއިން ބަރީއަވެފައިވާ ތީ، އިންޑިއާގެ ބީޖޭޕީ ސަރުކާރުން ވަނީ، މިކަމުގައި ބައިވެރިވި ފުލުހުންގެ މައްސަލަ އަލުން ތަހްގީގު ކުރުމަށް އަމުރުކޮށްފައެވެ.

ސުޕްރީމް ކޯޓަށް މަރުކަޒީ ސަރުކާރުން ހުށަހަޅާފައި ވަނީ، މަތީ ފެންވަރުގެ ކޮމިޓީއެއް އެކުލަވާލައި އެކޮމިޓީން ފުލުހުންގެ ދައުރާ ބެހޭ ގޮތުން އެކުލަވާލާފައިވާ ރިޕޯޓެވެ.