ދެލެގުގެ އެގްރިގޭޓުން 3-1 އިން ލިވަޕޫލް ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ދެވުމަކީ ކާމިޔާބީއެއް ކަމަށާއި އެކަމަކު މިކަމާ ހިތްހަމަ ޖައްސާލައިގެން ތިބެވެން ނޯންނާނެ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފިއެވެ.
ރެއާލް މެޑްރިޑަށް ޖެހިޖެހިގެން 3 ފަހަރު ޗެމްޕިއަންސް ލީގް ތަށި ކާމިޔާބު ކޮށްދިން ކޯޗް ޒިދާން ބުނީ މިސީޒަން ފެށިއިރު އޭނާ ކަނޑައެޅި އަމާޒަކީ ޗެމްޕިއަންސް ލީގް ސެމީފައިނަލް ކަމަށެވެ. "ކަނޑައެޅި އަމާޒް ހާސިލް ކުރެވުމުން އަހަރެން މިހުރީ ހިތްހަމަ ޖެހިފައި. ވަކިން ހާއްސަކޮށް ކުޅުންތެރިންގެ ފަރާތުން ލިވަޕޫލާ ދެކޮޅަށް ފެނުނު ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އެކަމަކު އަދި އަހަރެމެންނަށް އެއްވެސް މުބާރާތެއް މިސީޒަނުގައި އަދި ކާމިޔާބު ނުކުރެވޭ. ސެމީފައިނަލަށް ދެވުނަސް ހިތްހަމަ ޖައްސާލައިގެން ތިބެވޭކަށް ނެތް" ޒިދާން ބުންޏެވެ. މީގެ އިތުރުން ޒިދާން ބުނީ އެންމެފަހުން ސްޕެނިޝް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗަށްވުރެ މިމެޗް ކުޅުންތެރިން ނިންމާލީ ފިޒިކަލީ ރަނގަޅު ހާލަތެއްގައި ތިބެ ކަމަށާއި މިއީ ކުރިއަށްހުރި މެޗުތަކަށް ރަނގަޅު އަސަރުކުރާނެ ކަމެއް ކަމަށެވެ.
ފުރަތަމަ ލެގް ރެއާލްގެ ދަނޑުގައި 3-1 އިން ރެއާލްއިން ކާމިޔާބު ކުރިއިރު ރޭ ލިވަޕޫލްގެ ދަނޑުގައި މިދެޓީމު ބައްދަލު ކުރި މެޗް ނިމުނީ ލަނޑެއް ނުޖެހިއެވެ. މެޗުގެ ނަތީޖާ ލިވަޕޫލް ކޮޅަށް އަނބުރާލާނެ ރަނުގެ ފުރުސަތުތައް ލިވަޕޫލަށް ލިބުނެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަ ކޮށްލެވުނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހަށް ލިބުނު ފުރުސަތު ތަކެވެ. މީގެ އިތުރުން ހޮލެންޑުގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމްއަށް ލަނޑުޖަހަން ލިބުނު ފުރުސަތު ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ.
މެޗަށްފަހު ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނީ ނަތީޖާ އަނބުރާ ނުލެވުނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުމުން ކަމަށެވެ. "މެޗް ކޮންޓްރޯލްކޮށްގެން ކުޅެ ލަނޑު ޖަހާނެ ރަނުގެ ފުރުސަތުތަކެއް އަހަރެމެން ހޯދިން. މިފެންވަރުގެ މެޗެއްގައި ލަނޑުޖަހަން މާގިނަ ހުސް ފުރުސަތުތަކެއް ނުލިބޭނެ. ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނުނަމަ ނަތީޖާ ތަފާތުވީސް ކަމަށް ގަބޫލް ކުރަން" ކްލޮޕް ބުންޏެވެ.
މިއީ 13 ފަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައިވާ ރެއާލްއިން މިމުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދި 30 ވަނަ އަހަރުކަން ފާހަގަ ކޮށްލެވެއެވެ. ސެމީފައިނަލުގައި ރެއާލް ބައްދަލު ކުރަން ޖެހޭނީ ޗެލްސީއާއެވެ. ފުރަތަމަ ލެގް މިމަހުގެ 28 ވަނަ ދުވަހު ރެއާލްގެ ދަނޑުގައި ކުޅެންޖެހޭއިރު ދެވަނަ ލެގް ޗެލްސީގެ ދަނޑުގައި ކުޅޭނީ އަންނަ މަހުގެ 6 ވަނަ ދުވަހުއެވެ.
ސެމީފައިނަލުގައ ދެން ބައްދަލު ކުރާނީ ޗެމްޕިއަންސް ލީގުގެ ތަށި ފުރަތަމަ ފަހަރަށް ކާމިޔާބު ކުރުމުގެ ހުވަފެންތައް ދެކެމުން އަންނަ ޕީއެސްޖީ އާއި މެންޗެސްޓަރ ސިޓީއެވެ.