ކުރިއަށް އޮތް 24 ގަޑިއިރު ހުވަދުއަތޮޅާއި މާލެއަތޮޅާ ދެމެދު މޯސުންގޯސްވެ ވިއްސާރަވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ކ. އަތޮޅުން ފެށިގެން ހައްދުންމައްޗާ ދެމެދަށް ވައިޓް އެލާޓް ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައިވަނީ މިރޭ އިރުއޮއްސި 18:00އިން ފެށިގެން މިރޭ 11 ޖެހުމާހަމައަށެވެ.

ދެކުނު އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެކަމަށާއި އެހެން އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް އެއިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

ދެކުނުގެ އަތޮޅު ތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، އެހެން ހިސާބު ތަކުގެ ކަނޑުތައް އާދައިގެވަރަކަަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މޫސުމާބެހޭ ޤާއުމީ ޢިދާރާއިން ވިދާޅުވިއެވެ.

މިރޭގެ 8 އިން މާދަމާރޭގެ 8 އަށް މެދުރާއްޖޭތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާ، އުތުރުގެ ރަށްތަކަށް ކެރީގެ އަސަރުފޯރި ނަމަވެސް މޫސުން ރަނގަޅުވާނެކަމަށް މޫސުމާބެހޭ ޤައުމީ ޢިދާރާއިން ވިދާޅުވިއެވެ

ކުރިއަށްއޮތް 24 ގަޑިއިރު ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުކަމަށާއި މިހާރު ރާއްޖެއަސް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައަށްވީނަމަވެސް ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.