ބަރަކާތްތެރި ރޯދަ މަހުގެ ޚާއްޞަ ސިފަތަކުގެ ތެރެއިން މަތިވެރި މާތް ﷲ ލައްވާފައިވާ އެއް ސިފައަކީ ރޯދައިގެ ޖަޒާ ދެއްވުމުގައި އެއިލާހުގެ ޙަޟުރަތަށް އޭގެ ޖަޒާ ޚާއްޞަ ކުރެއްވުމެވެ. އަދި ޖަޒާ ދެއްވުމުގައި ކަނޑައެޅިގެންވާ ޙައްދެއް މިންވަރެއް ނެތި ޖަޒާ ދެއްވުމެވެ.

އިމާމު ބުޚާރީއާއި މުސްލިމު އެދެބޭކަލުންގެ ސަނަދުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ރިވާކުރަށްވާފައިވާ ޤުދުސިއްޔަ ޙަދީޡެއްގައި މިފަދައިން އައިސްފައި ވެއެވެ. މަތިވެރި މާތް ﷲ ވަޙީ ކުރެއްވިއެވެ. "އާދަމުގެ ދަރިޔާގެ އެންމެހައި ޢަމަލަކަށް ސަވާބު ދެއްވުމުގައި، ދިހަ ސަވާބުން ފެށިގެން ހަތް ސަތޭކައާ ދެމެދަށް ތިމަން ﷲ ވަނީ ގުނަ ކުރަށްވާފައެވެ. އެހެނަސް ރޯދައިގެ ސަވާބު ފިޔަވައެވެ. މިހެނީ ރޯދައަކީ ތިމަން އިލާހަށް ޚާއްޞަ އަޅުކަމެކެވެ. އެކަމުގެ ޖަޒާ ދެއްވާހުށީ ސީދާ ތިމަން އިލާހުއީމެވެ. ތިމަން އިލާހުގެ އަޅާ އޭނާގެ އެންމެހައި އެދުންތަކަކާއި ކެއުންބުއިން ދޫކޮށްލައިގެން އުޅުނީ ހަމައެކަނި ތިމަން އިލާހުގެ ޙައްޤުގައެވެ. ދަންނާށެވެ. ރޯދަ ވެރިޔާއަށް ދެ އުފަލެއް ލިބިގެން ވެއެވެ. އެއް އުފަލަކީ ރޯދަވީއްލާ ވަގުތު އޭނާ އިޙްސާސުކުރާ އުފަލެވެ. ދެވަނަ އުފަލަކީ އޭނާ ހައްދަވައި ގެންގުޅުއްވާ އިލާހުގެ ޙަޟުރަތަށް އޭނާ ޙާޟިރުވާ ހިނދު އެއިލާހުގެ ޙަޟުރަތުން އޭނާއަށް ލިބެނިވި ނިޢުމަތްތަކުގެ އުފަލެވެ."

ރޯދަވެރިޔާއަށް ލިބޭ ނިޢުމަތުގެ ތެރޭން ޚާއްޞަވެގެންވާ އެއް ނިޢުމަތަކީ ސުވަރުގެ ވަނުމަށްޓަކައި އޭނާއަށް ވަކި ދޮރުކޮޅެއް ޚާއްޞަވުމެވެ. އެއީ "ރައްޔާނު" ކިއުނު ދޮރުކޮޅެވެ. ހަމައެކަނި އެނިޢުމަތް ވެސް އޭނާއަށް ފުދޭނެއެވެ. އެދޮރުކޮޅުން ރޯދަވެރިއަކަށް ނޫނީ ނުވަދެވޭނެއެވެ. ރޯދަވެރިން އެންމެން ސުވަރުގެ ވަނުމާއެކު ރައްޔާން ދޮރުކޮޅު ބަންދު ކުރެވޭނެއެވެ. އޭގެކުރިން އިޢުލާން ކުރެވެމުން ދާނެއެވެ. ރޯދަ ވެރިއަކު އެބައުޅޭހެއްޔެވެ؟ ރޯދަ ވެރިއަކު އެބައުޅޭހެއްޔެވެ؟ ރޯދަވެރިއަކު އުޅޭނަމަ އަވަހަށް ސުވަރުގެ ވަންނާށެވެ.

ރޯދައިގެ މަތިވެރިކަން މިހާ ދަރަޖައަށް ގޮސްފައި އޮންނަހިނދު މިބަރަކާތްތެރި މައްސަރުގެ މައްޗަށް ތިމާގެ ޢަމަލު ގިނަކޮށް ގަދަވެގަންނަން ޖެހެއެވެ. އެމައްސަރު ތިމާގެ މުށުތެރެއަށް ލައިގެން ތިމާގެ މާތް، ހެއު ޢަމަލުތަކުން އެމައްސަރުގެ ފަސްބައި ބަންޑުން ޖައްސައިލަން ޖެހެއެވެ. ގިނަގުނަވެގެންވާ އުޖޫރަތަކުން ތިމާގެ ޚަޒާނާ ފުރާލަން ޖެހެއެވެ. ތިމާގެ ޢަމަލުން ދީލަތިވަންތަ މަތިވެރި މާތް ﷲގެ ދީލަތިކަމުގެ ފަރުދާ ވީދާލަން ޖެހެއެވެ. ދަންނާށެވެ! ރޯދަމަހުގެ ރޯދައަކީ ޣަނީމަތެކެވެ. އެޣަނީމާ ލިބިގަތުމުގައި ހިއްވަރާއި މިންނަތާއެކު މަސައްކަތް ކުރަންޖެހެއެވެ. ދުޢާ ކުރުމާއި ޞަދަޤާތް ދިނުމާއި ރޯދަވެރިންނަށް ރޯދަ އިފްޠާރު ފޯރުކޮށް ދިނުމާއި މުހުތާދުންނާއި މިސްކީނުންނަށް ހެއުފޯރުކޮށް ދިނުމެވެ. ޤުރުއާން ކިޔެވުމާއި ޛިކުރު ކުރުމެވެ. ތަރާވީޙު ނަމާދު ކުރުމާއި ދަމުނަމާދު ކުރުމެވެ. ﷲގެ ރަޙްމަތާއިގެން މަލާއިކަތުން އެއްވަނަ އުޑަށް ފައިބައި ވަޑައިގަންނަވާ ހިނދު އެރަޙްމަތް ލިބިގަތުމަށްޓަކައި ގިނަގުނަ ދުޢާކޮށް ﷲ އަށް ދެންނެވުމެވެ.

މިހުރިހާ ކަންތައްތަކުގެ އިތުރުން ތިމާއަށް ކެރިކުޅަދާނަވީ މިންވަރަކުން ރޯދަމަހު ކަޢުބަތު ﷲ ގެފުޅަށް ޢުމްރާއަށް ދެވޭތޯ ބަލަންޖެހެއެވެ. ދަންނަވަންތޯއެވެ؟ ރޯދަމަހު ޢުމްރާއެއް ނަޞީބުވުމަކީ ކީރިތި ރަސޫލާގެ އަރިހު ޙައްޖުވުން ފަދަ ކަމެކެވެ. އެހެނަސް މިބަލި މަޑުކަމުގެ ދުވަސްވަރު ޢުމްރާއަށް ދިއުމުގެ މަގު ފަހި ނުވިކަމުގައި ވިއަސް ﷲގެ ޙަޟުރަތުން ފުރިހަމަ ޖަޒާ ދެއްވާނެކަމަށް އުއްމީދު ކުރަންޖެހެއެވެ. މިހެނީ ﷲ ޖަޒާ ދެއްވަނީ ތިމާގެ އިޚްލާޞްތެރި ނިޔަތަށެވެ. ހަމައެއާއެކު ގިނަގިނައިން ނިކަމެތިންނަށް އޯގާތެރިވުމާއި ވީހާވެސް ބޮޑަށް ރޯދަ މަހު ތިމާގެ އަތަކީ ދީލަތި ކަމުން ފުރިފައިވާ އަތަކަށް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ.

އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅަމެން އެންމެންނަށް މިބަރަކާތްތެރި މާތް މޫސުމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމުގެ ތައުފީޤު ދެއްވުމެވެ. އެއިލާހުގެ ރަޙްމަތުގެ ޚަޒާނާ އަޅަމެންގެ މައްޗަށް އޮއްސަވާ ލެއްވުމެވެ. އާމީން!