މަރްޙޫމް، ޑރ. މުޙައްމަދު ޟިޔާއުއްރަހްމާން އަޢްޒަމީ އަކީ މަދީނާ ޔުނިވަރސިޓީގެ ހަދީސް ފެކަލްޓީގެ ޑީންއެވެ. އޭނާ އެންމެ ބޮޑަށް ފާހަގަ ވެފައި ވަނީ، ހަދީސް ޢިލްމުގެ ދިރާސާގައި ފުންނާބު އުސް ޝަޚްޞިއްޔަތެއްގެ ގޮތުގައެވެ.

ޑރ. ޟިޔާއުއްރަޙްމާނަކީ، މަދީނާ އިސްލާމީ ޔުނިވަރސިޓީގައި ތަޢްލީމު ހާސިލުކުރުމަށް ފުރުސަތު ލިބުނު ހިންދީ ދީނަށް ކުރިން ނިސްބަތްވި ފުރަތަމަ މީހާއެވެ.

އޭނާ އުފަންވެ ވަޑައިގަތީ، އިންޑިއާގެ އުއްތުރަ ޕްރަދޭޝްގެ އަޢްޒަމްގަޅު (ފިލްމީ ތަރި ޝާބާނާ އަޢްޒަމީގެ އާއިލާވެސް އެ ސިޓިއަކަށް ނިސްބަތްވާ އަޢުޒަމްގަޅު) އަށެވެ.

އިންޑިއާގެ މަތީ ފަންތީގެ ބްރަހަމިން އާއިލާއަކަށް 1943ގައި އުފަންވި، ބާންކީ ލާލްއަށް 1950ގެ ފަހުކޮޅުގައި ޔުނިވަރސިޓީގައި ކިޔެވުމަށް ފުރުސަތު ލިބުނެވެ. އޭނާގެ ޔުނިވަރސިޓީ ހަޔާތުގައި އެންމެ އުނދަގޫ ކަމަކަށްވީ، މުސްލިމަކާއެކު ޑޯމިޓްރީގެ ކޮޓަރި ހިއްސާ ކުރަން ޖެހުމެވެ. އޭނާގެ ބްރަހިން ކާސްޓްގެ އާދަކާދައާއި ރިވާޖް ބުނާ ގޮތުން އޭނާއަކަށް ބްރަހަމިން ނޫން މީހެއްގެ ގައިގައި އަތެއް ނުލެވޭނެއެވެ. އަދި އެނޫން ބަޔަކާއެކު ކައިބޮއެ ނުހެދޭނެއެވެ. އަދި އޭނާއަށް ދީފައިވާ ވަރުގަދަ ބްރަހަމިން ތަރުބިއްޔަތުން ކަސިޔާރު ވާކަށް އޭނާ ބޭނުމެއް ނުވިއެވެ. ހޮނިހިރު ދުވަހާއި އަންގާރަ ދުވަހު ބަރާބަށް ފައްޅިއަށް ގޮސް ދޭވަތާއިންނަށް ފޮނި ކާނާ ހަދިޔާކޮށް، ކާށި ފަޅައި ހެއްޖެވެ.

އޭނާގެ އަމާޒަކަށް އޭނާއާ އެކު ކޮޓަރި ހިއްސާކުރާ ކާފަރު މީހާ އޭނާގެ ދީނަށް ވައްދާށެވެ. އެހެންވެ، އެންމެ ފުރަތަމަ އޭނާ ބޭނުންވީ އެމުސްލިމު މީހާގެ ދީނާ ބެހޭ ގޮތުން އެނގޭށެވެ. މި ދަތުރުގައި އޭނާއަށް ލިބުނު މަޢްލޫމާތުން މުސްލިމު މީހާ ކާފަރު ކުރުމުގެ ބަދަލުގައި އޭނާ އަމިއްލަ ދީނަށް ކާފަރުވެ، އިސްލާމް ދީނަށް ރުޖޫއަ ވިއެވެ. އަދި އިސްލާމް ދީނާ ބެހޭ ގޮތުން އިތުރު މަޢްލޫމާތު ހޯދަން ބޭނުންވި އިރު އެ މަޢްލޫމާތު އަރަބި ބަހުން ލިބެން ހުރުމުން އަރަބި ބަސް ލިޔެވުމަށް ޝައުގުވެރިވީއެވެ.

އާއިލާއާއި އަވަށް ދޫކޮށް އޭނާ ހިޖުރަ ކުރީ ޓެމިލްނާޑޫގެ އުމަރުއާބާދަށެވެ. އޭނާ ތަޢްލީމު ހާސިލުކުރި އުމަރުއާބާދުގެ ދާރުއްސަލާމަކީ، ދިވެހި އިސްލާމީ ވެށްޓަށް ފގިނަ ޚިދުމަތްތަކެއް ކުރި ދަންނަބޭކަލުން އެތަނަކުން އުފަންކޮށްދިން މަދަރްސާއެވެ.

ދާރުއްސަލާމްގައި ފަސް އަހަރު ތަޢްލީމު ހާސިލުކުރުމަށްފަހު، މަދީނާގައި އަލަށް ހުޅުވި، މަދީނާ އިސްލާމިކް ޔުނިވަރސިޓީއަށް އެޕްލައި ކުރުމުން އޭނާ ހޮވުނީ އެ ޔުނިވަރސިޓީގައި ތަޢްލީމު ހާސިލުކުރާ ހިންދީ ދީނުން އިސްލާމް ދީނަށް ރުޖޫއަ ވެފައިވާ ފުރަތަމަ މީހާގެ ގޮތުގައެވެ.

ޟިޔާއުއްރަޙްމާން އަޢްޒަމީ، މަދީނާ ޔުނިވަރސިޓީން ބީއޭ ހާސިލުކުރުމަށްފަހު މާސްޓާޒްއަށް ކިޔެވީ މައްކާގެ އުއްމުލް ޤުރާ ޔުނިވަރސިޓީގައެވެ، އެއަށްފަހު އަލްއަޒްހަރު ޔުނިވަރސިޓީން އޭނާ ޕީއެޗްޑީ ހާސިލު ކުރެއްވިއެވެ.

ފަހުން މަދީނާ ޔުނިވަރސިޓީގައި އަލަށް އިފްތިތާހު ކުރި ހަދީސް ފެކަލްޓީގެ އެސިސްޓެންޓް ޕްރޮފެސަރ ގެ މަގާމުން އެ ފެކަލްޓީގެ ޑީންކަންވެސް ކުރެއްވިއެވެ. އޭގެ ކުރިން ސައޫދީ ރަސްގެފާނު އޭނާއަށް ސައޫދީ ރަށްވެހިކަންވެސް ދެއްވިއެވެ.

ޑރ. ޟިޔާއުއްރަޙްމާން އަޢްޒަމީ ވަނީ ޙަދީސް ޢިލްމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އޭނާ ތައުލީފް ކުރެއްވި ފޮތްތަކުގެ ތެރޭގައި އެންމެ މަޝްހުރު ފޮތަކީ، ހުރިހައި ސަޙީޙް ހަދީސްތައް އެއް ފޮތެއްގައި ޖަމާ ކުރެއްވުމަށް އޭނާ ތައުލީފް ކުރެއްވި 20 ވޮލިއުމްގެ މައްޗަށް އެކުލެވޭ 16 ހާސް ހަދީސްގެ ފޮތްބައެވެ. އަދި ހިންދީ ބަހުން އެނާ ލިޔުއްވި ޤުރުއާންގެ އިންސައިކްލޯޕީޑިއާއާއި އުރުދޫ ބަހުން އޭނާ ލިޔުއްވި އޭނާ އަލުން އިސްލާމް ދީނަށް ރޫޖުރަ ވުމުގެ ވާހަކަ ހިމެނޭ "ގަންގާއިން ޒަމްޒަމްއަށް" ހިމެނެއެވެ. މިއާއެކު ޖުމުލަ ހަތްދިހަ ފޮތެއް އޭނާ ތަސްނީފް ކުރެއްވި ކަމަށް ވެއެވެ.

އޭނާ އަހަވާރަވީ 2020 ޖުލައި 30 ގައެވެ. އަދި ފަސްދާނު ލެވުނީ ޖަންނަތުލްބަޤީޢުގައެވެ.