ލަންކާގެ ސިފައިންގެ މިހާރުގެ ކޮމާންޑަރު ބްލެކްލިސްޓްކޮށް އޭނާއާ ދެކޮޅަށް އިނގިރޭސިވިލާތުން ފިޔަވަޅު އެޅުމަށް ގޮވާލައިފިއެވެ. އިންޓަރނޭޝަނަލް ޓުރުތު އެންޑް ޖަސްޓިސް ޕްރޮޖެކްޓް (އައިޓީޖޭޕީ) އިން ވަނީ ލަންކާގެ އާމީ ކޮމާންޑަރ ޖެނެރަލް ޝާވެންދްރަ ޑިސިލްވަގެ ފައިލް އިނގިރޭސިވިލާތުގެ ފޮރިން އޮފީހާ ހަވާލުކޮށްފައެވެ.

50 ސަފްހާގެ މައްޗަށް ހިމެނޭ މި ފައިލްގައި އޭނާގެ ކުޅައުމުގެ ތަފްސީލުތައް ހިމަނާފައި ވެއެވެ.

6 ޖުލައި 2020ގައި ފާސްކޮށްފައިވާ ޔުނައޓެޑް ކިންގްޑަމް ގްލޯބަލް ހިއުމަން ރައިޓްސް ސެންކްޝަންގެ ދަށުން ގައުމުތަކުގެ އިންސާނީ ހައްގަށް އަރައިގަންނަ މުޖުރިމުން ބްލެކް ލިސްޓްކޮށް އެމީހުންނާ ދެކޮޅަށް މި ގާނޫނުގެ ދަށުން ދަތިކުރުމުގެ ފިޔަވަޅު އެޅޭނެއެވެ.

ޖެނެރަލް ޑިސިލްވާއާއި އާއިލާއާ ދެކޮޅަށް 2020ގައި އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. ލަންކާގެ ތަމަޅައިންގެ އިންސާނީ ހައްގުގެ ހުރުމަތް ކަނޑާލައިގެން އޭނާއާއި އާއިލާއަށް އެމެރިކާއަށް ނުވަދެވޭ ގޮތަށާއި އެމީހުންގެ ފައިސާތައް ފްރީޒް ކުރުމަށް އެމެރިކާއިން ވަނީ ނިންމާފައެވެ.

ސްރީލަންކާއަކީ ބައިމަދު ތަމަޅައިންނާއި ކްރިސްޓިއަނުންނާއި މުސްލިމުންނަށް އިހާނެތިކޮށް ހިތުމުގައި ކުރިއަރަމުން އަންނަ ގައުމެކެވެ. ލަފާ ކުރެވޭ ގޮތުގައި ސްރީލަންކާގެ ނަސްލީ ތަފާތުކުރުމަށް އަޅާނުލައިފިނަމަ، މިގައުމު ވެގެންދާނީ ދެކުނު އޭޝިއާގެ ބަރުމާއަށެވެ.

ޖެނެރަލް ޑިސިލްވާއަކީ، 58 ވަނަ ޑިވިޜަންގެ ކޮމާންޑަރުގެ ހައިސިއްޔަތުން 2009 ގައި ލަންކާގެ އަހުލީ ހަނގުރާމަ ނިމުމަށް ދިޔައިރު، ބައިމަދު ތަމަޅައިންގެ އިންސާނީ ހައްގަށް އަރައިގަތުމުގެ ގިނަ އަމަލުތައް ހިންގާފައިވާ މީހެކެވެ.

އައިޓީޖޭޕީން ހިމަނާފައިވާ މަޢްލޫމާތުގައި ޖެނެރަލް ޑިސިލްވާގެ ލާއިންސާނީ އަމަލުތައް ތަޖުރިބާ ކުރި މީހުންގެ ހެކިބަސްވެސް ހިމަނާފައި ވެއެވެ. މިއިން ގިނަ މީހުންނަކީ މިހާރު އިނގިތރޭސިވިލާތުގައި ރެފިއުޖީންގެ ގޮތުގައި ތިބި މީހުންނެވެ.

އޭނާ ޖހިންގާފައިވާ އަމަލުތަކުގެ ތެރޭގައި ހަސްފަތާލުތަކަށް ބޮން އެޅުމާއި ކާނާ ހޯދަން ކިއުގައި ތިބި މީހުންގެ ތެރެއަށް ހަމަލަތައް ދިނުމާއި އަމާންކަން ދިފައިޥާ ސަރަހައްދުތަކަށް ބޮން އެޅުން ހިމެނެއެވެ. މިއަމަލުތަކުގެ އިތުރުން މީހުން ރޭޕް ކުރުމާއި އަނިޔާކުރުން ފަދަ އަމަލުތައްވެސް އޭނާއާއި އޭނާގެ ސިފައިން ހިންގާފައި ވެއެވެ. މިފަދަ އަމަލުތަކަކީ އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ދަތިކުރުމުގެ ފިޔަވަޅު އެޅުމުގައި އިސްކަން ދިނުމުގައި ބަލާ ކަންތައްތަކެވެ.

ސްރީލަންކާގެ އިންސާނީ ހައްގުތަކުގެ މައްސަލަތަކާ މެދު އިންސާނީ ހައްގުތަކާ ބެހޭ އދގެ ހިއުމަންރައިޓްސް ކައިންސިލުންވެސް ވަނީ ބަހުސްކޮށް ލަންކާ ކުށްވެރިކޮށްފައެވެ.

އިނގިރޭސި ޕާލަމެންޓްގެ ބަހުސްތަކުގައިވެސް ޑިސިލްވާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ނުވާ ސަބަބުތަކާ މެދު މެންބަރުން ވަނީ ސުއާލު އުފައްދާފައެވެ.

ސްރީލަންކާގައި ސިންގަޅައިންނަށް ތާއިދުކޮށް، ނަސްލީ ވާދަވެރިކަން ކުރިއަށް ނެރެގެން އިންތިޚާބު ކާމިޔާބު ކުރާ މެލޭ ދަރިކޮޅުގެ ކްރިސްޓިއަން ދީނަށް އުޅޭ، ރާޖާޕަކްސަ އާއިލާއިން ދަނީ ބައިމަދު މީހުންނާ ދެކޮޅަށް އިތުރަށް ފިއްތަމުންނެވެ.