އިންޑިއާއިން ސްރީލަންކާއަށް ވެކްސިން ދޭނެ ދުވަހެއް ނޭނގޭތީ ސްރީލަންކާއިން ކަން ބޮޑުވުން ފާޅުކޮށްފިއެވެ. އެޕްރީލް 10ގައި ސަހައްޓި މީހަކަށް ވެކްސިން ދިން ފަހުން އިތުރު މީހަކަށް ވެކްސިން ދީފައެއް ނުވެއެވެ.

އިންޑިއާއިން އެސްޓްރާޒެކެނާގެ ވެކްސިން ހޯދުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށްވެސް ސްރީލަންކާއިން ވަނީ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް އަދި ކޮޅު މައްޗެއް ނުފެނެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ސްރީލަންކާއަށް އިންޑިއާއިން ވެކްސިން ލިބުމުގައި ދެ މަސް ދުވަސް ލަސް ވުންވެސް އެކަށީގެން ވެއެވެ. އިންޑިއާގައި ކުއްލިއަކަށް ކޮވިޑް19ގެ ކޭސްތައް ގިނަ ވުމާގުޅިގެން ވެކްސިންގެ ތަދުކަމެއް ނެތި ހުރިހައި ސްޓޭޓަކަށްވެސް ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

ސްރީލަންކާއިން ވަނީ އިންޑިއާއިން މިލިއަނެއްހާ ޑޯޒް ހޯދުމަށް އެދިފައެވެ. އިންޑިއާގެ ވެކްސިން ޑިޕްލޮމެސީގެ ދަށުން ހަ ލައްކަ އެސްޓްރާޒެކެނާ ޑޯޒެއް އިންޑިއާއިން ވަނީ ލަންކާއަށް ހިލޭ ދީފައެވެ. މީގެ އިތުރުން ޑަބްލިއު އެޗްްއޯގެ އެހީގެ ދަށުން ދެ ލައްކަ ފަސްދޮޅަސް ހަތަރުހާސް އެސްޓްރާޒެނެކާ ޑޯޒް ލަންކާއަށް ލިބުނެވެ.

މީގެ އިތުރުން، ރަޝިޔާއިން އުފައްދާފައިވާ ސްޕްޓްނިކް ވެކްސިން ހޯދުމަށްވެސް ކޮޅުނބުން މަސައްކަތް ކޮށްފިއެވެ. ނަމަވެސް ލަންކާއިން އެދިފައި ވަނީ ރަޝިޔާގެ ވެކްސިން ފޮނުވާއިރު ލޭބަލް އިނގިރޭސިބަހުން ޖަހާފައި ފޮނުވުމަށެވެ. މި ކަމާގުޅިގެން މި ވެކްސިން ލިބުންވެސް އަދި އޮތީ ސުއާލު މާކެއްގައެވެ. ރަޝިޔާއިން އެދިފައި ވަނީ ސްޕްޓްނިކްގެ ދެ ލައްކަ ޑޯޒަށެވެ.