ޓައިވާނަށް އެމެރިކާގެ ރައީސްގެ ވަފްދެއް ވަޑައިގަތުމާ ގުޅިގެން ދިރޭ ވަޒަން ބޭނުންކޮށްގެން އަސްކަރީ ތަމްރީންތައް ޓައިވާންގެ ކަނޑު އޮޅި ކައިރީގައި އާއި ދެކުނު ޗައިނާ ކަނޑުގެ ބައެއް ސަރަހައްދުތަކުގައި ބޭއްވުމަށް ޗައިނާއިން ނިންމައިފިއެވެ.

އޭޝިއާ ޕެސިފިކްގެ ގައުމުތަކުގެ މީޑިއާއިން ޗައިނާއާއި ތައިވާނާ ދެމެދު ހިނގަމުންދާ އަސްކަރީ ހަރަކާތްތައް ދިފަ ކުރަމުން ދަނީ "އޭޝިއާގެ ސަރިއޭވޯ"ގެ ގޮތުގައެވެ. ސަރިއޭވޯއަކީ، އޮސްޓްރިއާ ހަންގެރީ އެމްޕަޔަރގެ އަރޗްޑިއުކް ފަރޑިނަންޑް ފްރާންސިސް އެސިޓީގައި އަވަހާރަކޮށްލުމާ ގުޅިގެން ފުރަތަމަ ބޮޑު ހަނގުރާމަ އުފެދުމަށް މަގުފަހިކޮށްދިން ސިޓީއެވެ.

ޗައިނާއިން ބުނެފައި ވަނީ އަންގާރަ ދުވަހާ ހަމައަށް ދެކު ޗަައިނާ ކަނޑުގެ ނާންޕެންގް އައިލެންޑްތައް ކައިރީ ދިރޭވަޒަން ބޭނުންކޮށްގެން އަސްކަރީ ތަމްރީންތައް ކުރިއަށް ދާނެ ކަމަށެވެ.

އެމެރިކާގެ ރިއާސީ ވަފްދުގެ ދަތުރާ ގުޅިގެން ޓައިވާނުން ބުނެފައި ވަނީ އެއީ، އެއް އަޚްލާގެއް ހިއްސާ ކުރާ ދެ ގައުމުގެ ދެމެދުގެ މަޝްވަރާތަކެއް ކަމަށެވެ. އަދި ސަޕްލައި ޗެއިންއާއި ޓެކްނޮލޮޖީއާއި ވިޔަފާރިއާއި ޓައިވާންގެ ރައްކާތެރިކަމާއި ހަމަޖެހުމާއި އިންޑޯ ޕެސިފިކްގެ މައްސަލަތަކާއި ޗައިނާ ކަނޑުގެ މައްސަލަތައްވެސް ބަހުސް ކުރެވުނު ކަމަށެވެ.

އެމެރިކާގެ ރައީސް ބައިޑެން ވަނީ ޓައިވާނަށް ރިއާސީ ވަފްދެއް ފިނުއްވި އިރު ހަމަކޮށްލުމުގެ ގޮތުން ތިމާވެށްޓާ ބެހޭ މުޝީރު ޖޯން ކެރީވެސް ހަމަ އެދުވަހު ބެއިޖިންގއަށް ފޮނުއްވާފައެވެ.

ޗައިނާއިން ބުނެފައިވާ ގޮތުގައި ބީޗަށް ސިފައިން ބޭލުމާއި ޖަޒީރާތއް ހިފުމާ ބެހޭ ތަމްރީންތައް ދެކުނު ޗައިނާ ކަނޑުގެ ލއއިޒޯ ޕެނިންސޫލާއާއި ބޯހާއި ބޭގައިވެސް ޗައިނާއިން ބާއްވާނެއެވެ.