ޓެރަރިޒަމްގެގެ ތުހުމަތުގައި ދޫނިދޫގައި ބަންދުގައި ހުރި ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދު ފުލުހުންނަށް ހަމަލާ ދީފިއެވެ.

ފުލުހުން މިކަން ހާމަކުރީ އަހުސަން ޖަލު ގޮޅިއަށް ވެއްދުމުގައި ފުލުހުން ބާރު ބޭނުންކޮށްފައިވާގޮތާއި މެދު އާއިލާއިން ޝަކުވާއެއް ހުށަހަޅާފައިވާތީ ނެރުނު ބަޔާނެއްގައެވެ.

ފުލުހުން ބުނީ އަޙްސަން މުޙައްމަދު، ގޮޅީގައި ހަރުކޮށްފައިހުރި ކެމެރާއަށް ނުފެންނަގޮތް ހެދުމަށް އެކި އެއްޗެހި ބޭނުންކޮށް ތަކުރާރުކޮށް ކެމެރާ ބްލައިންޑް ކުރުމާ ގުޅިގެން 2021 އޭޕްރީލް 11 ވަނަ ދުވަހު 20:00 އެހައިކަންހާއިރު އަޙްސަން މުޙައްމަދު ގޮޅިން ބޭރަށް ނެރެފައިވާކަމަށެވެ.

އަޙްސަން ގޮޅިން ނެރުމަށްފަހު ކެމެރާގައި އުނގުޅާފައިހުރި ދަތްއުނގުޅާ ބޭސް ސާފުކޮށް ކެމެރާ ބްލައިންޑް ކުރުމަށް ބޭނުންކުރާ ތަކެތި ގޮޅިން ނެރެ، އަލުން ގޮޅިއަށް ވަނުމަށް އަޙްސަން މުޙައްމަދަށް އަންގާފައިވެއެވެ. ނަމަވެސް، ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އަޙްސަން މުޙައްމަދު ދެކޮޅު ހަދައި އެވަގުތު އެތަނުގައި ތިބި ފުލުހުންނަށް ތަފާތު އިންޒާރުތައްދީފައިވެއެވެ.

ސުލްހަވެރިކަމާއެކު ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ނަމަވެސް އެކަމަށް އަޙްސަން މުޙައްމަދު އިންކާރުކޮށް، އަޙްސަން މުޙައްމަދު ގޮޅިއަށް ވެއްދުމަށް މަސައްކަތްކުރި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުން ގައިގައި ޖަހައި މާރާމާރީ ހިންގުމުން ފުލުހުންވަަނީ ޕެޕަރ ސްޕްރޭ ބޭނުންކޮށް އަހުސަނު މުހައްމަދު ޖަލު ސަރަހައްދުން ނެރެ ބިޑިއަޅުވާފައިވާކަމަށް ފުލުހުން ބުނެއެވެ.

އެއަށްފަހު، އެފަދަ ކަންކަން އިތުރަށް ތަކުރާރު ނުކުރުމަށް އޭނާއަށް ނަސޭހަތްތެރިވެ، އެރޭގެ ފަހުގެ ވަގުތެއްގައި ވަނީ ގޮޅިއަށް ވައްދާފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

މިކަން ކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނުނާއި ގަވާއިދާ އެއްގޮތަށްތޯ އާއި އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލްތަކުގެ ތެރެއިންތޯ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވުއު ކޮމިޓީ އަށް ހުށަހަޅައި ދަނީ ބަލަމުންނެވެ. އަދި މިގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފުލުހުން އަމަލުކޮށްފައިވަނީ ހަމަޖެހިފައިވާ އިޖުރާތުތަކާއި ޚިލާފަށްކަމަށްވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.