ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ވައްޑެ އަށް ފާޑުކިޔުން އަމާޒުވެފައިވަނީ އެމްޑީޕީގެ ކެމްޕެއިން އިވެންޓެއްގައި މަރުގެ އަދަބާއި ގުޅޭގޮތުން އޭނާ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ ވައްޑެ ކެމްޕޭން ތަޤްރީރެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅުވައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހިންގަމުންދާ ޢަމަލުތައް އެންމެ ހަރުއަޑުން ކުށްވެރި ކުރާ ކަމަށެވެ.

އެގޮތުން ވައްޑެ، އެ ތަޤްރީރުގައި ފާހަގަކުރެއްވި ނުކުތާ އަމާޒުކުރައްވާފައިވަނީ ދީނަށް ނުވަތަ ދީނީ ޙުކުމަކަށް ނޫންކަމާއި، އެއާޚިލާފަށް އޭނާގެ ވާހަކަ އަމާޒުކުރައްވާފައިވަނީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަށް ކަމަށް އެ ބަޔާނުގައި ވެއެވެ.

"އެވާހަކަ ގަސްދުގައި އޮޅުވާލައިގެން ބައެއް ދީނީ ޢިލްމުވެރިންނާއި، ބައެއް ސިޔާސީ މީހުންނާއި އަދި ބައެއް މީޑިއާތަކުން އެކަން ފިތުނައަކަށް ވާގޮތަށް ހެދުމުގެ ސަބަބުން، އޭނާގެ ފުރާނައަށް ނުރައްކާކުރުވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ" އެ ބަޔާނުގައި ވެއެވެ.

އަދި މީގެ ކުރިން ވެސް އުނގޫފާރު ދާއިރާގެ ގޮނޑި އެއިރު ތަމްސީލުކުރައްވަމުން ގެންދެވި ދީނީ ޢިލްމުވެރިއާ ޑރ. އަފްރާޝީމް ޢަލީ ވެސް ވަނީ އަނިޔާވެރިގޮތެއްގައި އަވަހާރަކޮށްލާފައިވާ ކަމަށާއި ތަޙްޤީޤުތަކުން ދައްކާގޮތުގައި އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ ވެސް ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ބަޔަކު ހިންގަމުންދާ ޙަރަކާތްތަކެއްގެ ތެރެއިން ކަމަށް އެ ބަޔާނުފައިވެއެވެ.

އަދި މުރުތައްދުވެ، ދީނުން ބޭރުވެއްޖެކަމަށް ބުނެ އަމިއްލައަށް ގޮތްތައް ނިންމައިގެން ދީނުގެ ނަމުގައި އެހެން ފަރާތްތަކެއް ވެސް ރާއްޖޭގައި ގަތުލުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ވައްޑެ ދެއްކެވި ވާހަކައެއްގެ ޙަޤީޤަތް ގަސްދުގައި އޮޅުވާލައި ފިތުނަ އުފައްދައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ޢަމަލުކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި މިކަމުގައި ހުރި ނުރައްކާ ބޮޑުކަމަށްޓަކައި މިފަދަ މައްސަލަތައް ވަގުތުން ތަޙްޤީޤުކޮށް ފިޔަވަޅު އަޅަން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ.

ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި މާފަންނުގައި ޖަގަހައެއް ހުޅުވުމަށް ބޭއްވި ބައްދަލްވުމެއްގައި ވާހަަކަދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފުމާއި ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާ ކޮށްފައިވާ ކަމަށާ އެއީ "ސިކު" ބައެއް ކަމަށް ވަހީދު ސިފަކޮށްފައިވާ ކަމަށް ބުނެ ދީނީ އިލްމުވެރިންނާއި އާންމުން ގެންދަނީ ވަހީދަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އޭނާ އެ ވާހަކަތައް ދައްކާ ވީޑިއޯއެެއްވެސް ވަނީ އާންމުކޮށްފައެވެ.