އިންސާނުންގެ ތަރައްގީއަށް ގެނެވުނު އެންމެ ބޮޑު އިންގިލާބަކީ ދަތުރުފަރުތު ކުރުމަށް ފުރޮޅު އުފެއްދުމެވެ. ފުރޮޅުލީ އުޅަނދު ދުއްވުމަށް މަގުބޭނުންވެއެވެ. އިހުޒަމާނުގައި އުފެދުނު އެންމެ ބާރުގަދަ އެއް ވެރިކަން ކަމަށްވާ ރޫމީންގެ ވެރިކަން، ނުވަތަ ރޯމަން އެމްޕަޔަރ އަކީ ފެންވަރުގައި މަގުތައް ހަދަން އެންމެ ފުރަތަމަ ފެށި މީހުންނެވެ. އެމީހުންގެ އެއް ފަލްސަފާއަކީ ރޫމީންގެ ވެރިކަމަކީ ދާއިމީކޮށް އަބަދާ އަބަދަށް ދެމިގެން އޮންނާނެ ވެރިކަމެއް ކަމުގައެވެ. އެހެންކަމުން އެމީހުން މަގުތައް ހަދަމުންދިޔައީ ވަރަށް ވަރުގަދަކޮންނެވެ.
ގަދީމީ ރޯމުގައި އެޒަމާނުގެ އެހެން އެއްވެސް ގައުމެއްގައި ނެތް ފެންވަރަށް އިންސާނުންގެ ތަރައްގީ ކުރިއެރިއެވެ. ދަތުރުފަތުރު ކުރުމުގެ ނަޒަރުން ބެލިޔަސް، އަސްގާޑިޔާގެ އެކި ވައްތަރުގެ އުޅަނދުތައް ބޭނުންކުރިއެވެ. އޭގެ ތެރޭގައި، މިޒަމާނުގެ ބަހުރުވައިން ބުނާނަމަ، ސްޕޯޓްސް ކާ އާ އެއްގޮތް އަސްގާޑިޔާ (ޗެރިއޮޓް) އާއި، ގިނަ މީހުނަށް އެރޭވަރުގެ ބިޔަ ބޮޑެތި އަސްގާޑިޔާ (ކެރިއޭޖް) ހިމެނެއެވެ. މިހާރުގެ ބަހުރުވައިންނަމަ، އެއީ މީހުން އުފުލާ ބަހެކެވެ. މިފަދަ އުޅަނދުތައް ތަރައްގީ ކުރިވަރަކަށް، އެ އުޅަނދުތައް ދުއްވުމަށް ބޭނުންވާ މަގުތައްވެސް ތަރައްގީ ކުރަންޖެހުނެވެ.
އެހާތަނާ ހަމަޔަށް ދުނިޔޭގައިވާ މަގުތަކަކީ އާންމު ގޮތެއްގައި، މީހުންނާއި އުޅަނދުފަހަރު ދަތުރުކުރުމުގެ ސަބަބުން ބިމުގައި ވަޅުނެގިގެން އުފެދޭ ތަންތަނެވެ. އެއީ ކިސަޑުވެއްޔާއި ފަހުން ހެދިފައިވާ މަގުތަކެކެވެ. ނުވަތަ ފުނޑިފައިވާ ގަލުން ހެދިފައިވާ މަގުތަކެކެވެ.
ރޯމަނުން ހެދި މަގުތައް ހުރީ ދުރާލާ ޕްލޭންކޮށް، ކޮންކްރީޓް އާއި ގާ ބޭނުންކޮށްގެން ހަދާފައެވެ. އަދި އެ މަގުތައް ފުޅާވެފައި، ދެ އަރިމަތީގައި ނަރުދަމާ ކާނުވެސް ހަދާފައިވެއެވެ. އަދި މަގު ސީދާކޮށް ހެދުމަށް ބިންގަނޑު ހަމަކުރުމާއި، ގުދުރަތީގޮތުން ހެދިފައިވާ ގަސްގަހާއި ކޯރުފަދަ އެއްޗެތި އެއްކައިރިކުރިއެވެ. އެއް ސަހަރުން އަނެއް ސަހަރަށް ދިއުމަށް ހަދާފައިވާ މަގުތަކަކީ، އެހެން މަގުތަކަށްވުރެ ފުޅާ، އަދި އުސްކޮށް ހަދާފައިވާ މަގުތަކެކެވެ. އެހެންކަމުން، އެ މަގުތަކަށް ކިޔަނީ "ހައިވޭ" އެވެ. މިއީ މިހާރު ކިޔާ އުޅޭ ހައިވޭ ގެ އަސްލެވެ. އެ މަގުތަކުގައި "މައިލްސްޓޯން" ހަރުކޮށްފައި ހުއްޓެވެ. އެއީ ކުރިޔަށް އޮތް ސަހަރުގެ ދުރުމިނާއި މަގުގެ އެބައި ހެދި ތާރީހާއި، މަގުގެ އެބައި ހެދުމަށް ހަރަދުކޮށްދިނީ ކޮންފަރާތެއްކަން، ކަނޑާނަގާފައިވާ ހިލަގަލެކެވެ. މި ޒަމާނުގެ ހައިވޭ ތަކުގައި ހުންނަ ބޯޑުތަކުންވެސް މި މައުލޫމާތުތައް އެނގެން ހުރެއެވެ.
ރޯމަނުންނަކީ މުޅި ވިލާތު ހިފި ބަޔެކެވެ. އިނގިރޭސި ކަނޑު ހުރަސްކޮށް އިނގިރޭސިވިލާތުވެސް ހިފިއެވެ. އަދި އޭގެ ސަބަބުން ވިލާތުގައި އެންމެ ފުރަތަމަ ފުރިހަމަ މަގުތައް ހެދިގެންދިޔައެވެ. އޭގެ ތެރެއިން ބައެއް މަގުތަކަކީ އެކި ފަހަރު މަތިން ތަރައްގީ ކުރެވިގެން އަދިއަދަށް ދާންދެންވެސް ބޭނުން ކުރެވޭ މަގުތަކެކެވެ. އަދި ބައެއް މަގުތައް އޭގެ ޒާތުގައި 1000 އަހަރު ވަންދެން ބޭނުންކުރެވުނެވެ.
މި މަގުތައް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ދަތުރުފަތުރު ކުރުމެވެ. ހާއްސަކޮށް ރޯމަނުންގެ ގަދަފަދަ ސިފައިންގެ ލަޝްކަރުގެ ދަރުތުފަތުރު ތަކެވެ. އެ މީހުންނަށް ވިލާތު ހިފުމުގައި ކާމިޔާބީ ލިބުނީ މި މަގުތަކުގެ ސަބަބުންނެވެ. އެހެނީ، އެމީހުން ހިފަމުންދިޔަ ތަންނުން ލިބެން ހުރި މައުދަންތަކާއި އެހެނިހެން މުއްސަނދިކަން، މި މަގުތަކުން ލާފައި ބޭނުންވާ އެހެން ދިމަދިމާލަށް ގެންގޮސްގެން ތައްޔާރުކުރާ ހަތިޔާރާއި އެހެނިހެން ހަނގުރާމަމަތީ އާލާތްތައް ވެގެން ދިޔައީ ރޯމަނުންގެ އަސްކަރިއްޔާ އެންމެ ބާރުގަދަ ލަޝްކަރަށް ހެދުމުގެ ބިންގާކަމުގައެވެ. އަދި ވަކިން ހާއްސަކޮށް ވެރިރަށް ރޯމް ގެ ތަރައްގީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނެވެ.
ރޯމް ގައި އެމީހުން ހެދި "އެކުއެޑަކްޓް" ސިސްޓަމަކީ ސްޕެއިން އިން ތިމަރަ ނަގައިގެން، އެއިން އުފެއްދި ހޮޅި ބޭނުންކޮށްގެން ފެންވައިރުކޮށްގެން ހެދި ފެން އުފުލާ ނިޒާމެކެވެ. އެ ނިޒާމުގެ ބޭނުމަކީ ސަހަރުތެރެއަށް ބޭނުންވާ ފެން ފޯރުކޮށްދިނުމެވެ. އެކަމަށް ބޭނުންކުރި ހޮޅި ލީ ސީދާ ތެދަށެވެ. ބިންގަނޑު އަޑި ދިމާލެއްނަމަ، ފާރެއް ރޭނުމަށްފަހު، އޭގެ މަތީ ހޮޅި ހަރުކުރިއެވެ. ބިންގަނޑު އުސްނަމަ، ބިން ކޮނެ ހޮޅި ވަޅުލީއެވެ.
ރޯމަނުން ހެދި މަގުތައް ކޯރެއް ހުރަސް ކުރާނަމަ، އެ ކޯރު ހުރަސްކޮސް ފާލަމެއް، މިހާރު ކިޔާގޮތުން ބުރިޖެއް، ބިނާކުރިއެވެ. އެފަދަ އެތައް ސަތޭކަ ފާލަމެއް މުޅި ވިލާތުގައި އެމީހުން ބިނާކުރިއެވެ.
ރޯމަނުންގެ ލަޝްކަރުގެ ކާމިޔާބީއަކީ ހަމަ އެކަނި އެއްގަމުން ދަތުރުކޮށްގެން ހޯދި ކާމިޔާބީއެއް ނޫނެވެ. ކަނޑުދަތުރުކުރާ އުޅަނދުތައްވެސް އެމީހުން ބަނީ ވަރަށް ފުރިހަމަކޮށެވެ. އެ ޒަމާނު އެންމެ ބޮޑެ ނާ ފަހަރާއި، ހަނގުރާމަމަތީ އުޅަނދުތައް މެދުވެރިކޮށް، މެޑިޓަރޭނިއަން ކަނޑުން ލާފައި، ރޯމަނުންގެ ލަޝްކަރު ދަތުރު ކުރިއެވެ. އަދި ކަނޑުމަތީގައި ހަނގުރާމަވެސް ކުރިއެވެ. އެމީހުން ހެދި އެންމެ ބޮޑެތި ހަނގުރާމަމަތީ ނާ ފަހަރުގައި 300 އެއްހާ މީހުން އުފުލިއެވެ. އެއީ ބައިވަރު ރިޔާނަގާފައި، އޭގެ އިތުރުން ބޮޑެތި ފަލި ހަރުކޮށްގެން ދުއްވި އުޅަނދުތަކެކެވެ. އެއިން ކޮންމެ ފައްޔެއްޖެހުމަށް ތިން ހަތަރު މީހުން ބޭނުންވެއެވެ.
ރޯމަނުންގެ ލަޝްކަރު ހިފި ގައުމުތަކުގެ ތެރޭގައި މެޑިޓަރޭނިއަން ކަނޑުގެ އައްސޭރީގައިވާ ހުރިހާ ސަރަހައްދެއް ހިމެނެއެވެ. އޭގެ ތެރޭގައި މިސުރުވެސް ހިމެނެއެވެ. އެހާ ކާމިޔާބުކަމާއެކު އެމީހުނަށް އެތަންތަން ހިފުނީ، އެމީހުންގެ ލަޝްކަރުގެ ވަރުގަދަ ކަމުންނެވެ. ހަނގުރާމަމަތީ ހަތިޔާރުތައް އުފެއްދުމުގައި އެމީހުން ހޯދާފައިވާ ކުރިއެރުމުގެ ސަބަބުންނެވެ. އަދި އެ ހުރިހާ ސަރަހައްދެއް ހިފުމަށްފަހު، އެތަންތަން ރޯމަން އެމްޕަޔަރ ގައި ދެމެހެއްޓި ގޮތަކީ، އެތަންތަނުގެ އަމިއްލައަށް ވެރިކަންކުރަން ދޫކޮށްލުމެވެ.
ރޯމަނުންގެ ކާމިޔާބު ވެގެން ދިޔައީ މުޅިދުނިޔެއަށް އޭގެ އަސަރު އެތައް ޒަމާނަކަށް ދެމިގެންދިޔަ ކަމަކަށެވެ. ހާއްސަކޮށް އިންސާނުންގެ ދަތުރުފަތުރުގެ ކުރިއެރުމަށް ވަރަށް އެދެވޭ ކުރިއެރުމެއް ރޯމަން އެމްޕަޔަރ ގެ ސަބަބުން ލިބިފައިވެއެވެ.