އާސެނަލްގެ މެސްކޮޓަށް ދެން މުސާރަ ދޭނީ އޮޒިލް!

އާސެނަލްގެ މަޝްހޫރު މެސްކޮޓް ގުނަސަރަސްގެ މުސާރަ ދެވެން ނެތް ކަމަށް އެކްލަބުން އެންގުމުން، މެސްކޮޓަށް މުސާރަ ދިނުމުގެ ޒިއްމާ ނަގަން އެކްލަބުގެ ތަރި މެސޫޓް އޮޒިލް އިއްޔެ ނިންމައިފިއެވެ.

1993 ވަނަ އަހަރުން ފެށިގެން އާސެނަލްގެ މެސްކޮޓުގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ގުނަސަރަސްއަށް މުސާރަ ދެވެން ނެތްކަމަށް އެކްލަބުން އެންގީ ކޮވިޑް ބަލިމަޑު ކަމުގެ ސަބަބުން ސަޕޯޓަރުން ނުވައްދައި ލީގު މެޗުތައް ކުޅެން ޖެހޭތީ ކްލަބުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާތީ ކަމަށް އާސެނަލްއިން ބުނެއެވެ.

އޮޒިލް ބުނެފައި ވަނީ ގުނަސަރަސްއަށް މުސާރަ ދިނުމުގެ ކަންކަމާއި ހަވާލުވުމަށް ނިންމީ ފާއިތުވެދިޔަ 27 އަހަރު އޭނާ އެކްލަބަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. "ވަރަށް ފުންއަސަރުތަކެއް ކުރި މެސްކޮޓަށް (ގުނަސަރަސް) އަށް މުސާރަ ދެވެން ނެތްކަމަށް ކްލަބުން ހާމަ ކުރުމުން. ހަތާވިސް އަހަރު އަގުހުރި ހިދުމަތްތަކެއް އޭނާ މިކްލަބަށް ކޮށްދީފި. އެހެންވެ އަހަރެން މިނިންމީ މިކްލަބުގައި އަހަރެން ހުރިހާ ދުވަހަކު ގުނަސަރަސްއަށް މުސާރަ ދިނުމަށް" އޮޒިލް ބުންޏެވެ.

ކޮވިޑާއި ގުޅިގެން ކްލަބުގެ މާލީ ހާލަތު ދަށަށް ގޮސްފައިވާކަމަށް ބުނެ އާސެނަލްއިން ވަނީ މިހާތަނަށް 55 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ. މުސާރަ ކުޑަ ކުރަން އެއްބަސްނުވި ކުޅުންތެރިންގެ ތެރޭގައި އޮޒިލް ހިމެނެއެވެ.

ޗައިނާގެ އުއިގޫރު ދަރިކޮޅުގެ މުސްލިމުންގެ ދިފާއުގައި މީގެ ނުވަމަހެއްހައި ދުވަސް ކުރިން ވާހަކަ ދެއްކިފަހުން އާސެނަލްގެ ފުރަތަމަ އެގާރައިން އޮޒިލްއަށް ޖާގަ ލިބިފައެއް ނުވެއެވެ. އަދި މިދިޔަ އޭޕްރީލްމަހުގެ ފަހުން އާސެނަލްގެ އެއްވެސް މެޗެއްގައި އޮޒިލްއަށް ކުޅުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.