އިނގިރޭސި ގައުމީ ޓީމުން ފުރުސަތު ލިބުމަކީ ދެކެމުން ދިޔަ ހުވަފެނެއް ސީދާވުން ކަމަށާއި މިހާއްސަ އުފަލުގެ ޝުކުރު އެންމެ ބޮޑަށް ހައްގުވަނީ އެވަޓަންގެ ކޯޗް ކާލޯ އަންޗެލޮއްޓީއަށް ކަމަށް ކަލްވާޓް ލެވިން ބުނެފިއެވެ.

މިސީޒަނުގައި އެވަޓަންގައި މޮޅު ކުޅުމެއް ދައްކައި ލީގުގައި މިހާތަނަށް ކުޅުނު 4 މެޗުގައި ދެހެޓްރިކް ހަދާފައިވާ ލެވީ ބުނީ އޭނާ މިހާރު ހުރި ފޯމަށް ގެނެސްދިނީ އަންޗެލޮއްޓީ ކަމަށެވެ. " ރަނގަޅު ވަގުތުގައި ރަނގަޅު ޕޮޒިޝަނަށް އަރަން ބުނެދީ، ލަނޑު ޖަހާނެ ގިނަ އުކުޅުތަކެއް ދަސްކޮށްދިނީ އަންޗަލޮއްޓީ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފޯވާޑުންނާއެކު އަންޗެލޮއްޓީ މަސައްކަތް ކޮށްފައިވާތީ އޭގެ ފައިދާ އަހަންނަށްވެސް ކުރޭ. ގައުމީ ޓީމުން ފުރުސަތު ލިބުމަކީ އާދައިގެ އުފަލެއް ނޫން. މިކަމުގެ ޝުކުރު ހައްގުވަނީ ކޯޗް އަންޗަލޮއްޓީއަށް" ލެވިން،23، ބުންޏެވެ.

މީގެ އިތުރުން ލެވިން ބުނީ އޭސީމިލާނާއި އިޓަލީގެ ކުރީގެ ނުރައްކާތެރި ފޯވާޑް ފިލިޕޯ އިންޒާގީ އާއި އޭނާއާ އެއްގޮތަށް ކަންތައްތަކެއް ހުރިކަމަށް އަންޗެލޮއްޓީ ބުނާ ކަމަށެވެ. "އަންޗެލޮއްޓީ އަހަރެން ކައިރީގައި ބުނި އިންޒާގީގެ ވީޑިއޯތައް ބަލައިގެން ގިނަ ކަންތައްތަކެއް ދަސްކުރުމަށް. އިންޒާގީ ވަނީ ފުރަތަމަ ޓަޗުން ގިނަ ލަނޑުތަކެއް ކާމިޔާބު ކޮށްފައި. އިންޒާގީގެ ބައެއް ހުނަރުތައް ދަސްކުރުމަށް މަސައްކަތް ކުރަމުން މިދަނީ. އެކަމަކު އަހަންނަކީ އޭނާގެ ކާބަން ކޮޕީއެއް ނޫން" ސަމާސާ ރާގެއްގައި އަންޗެލޮއްޓީ ބުންޏެވެ.

ލެވިންއަށް އިނގިރޭސި ގައުމީ ޓީމުގެ ކޯޗް ގެރަތު ސައުތު ގޭޓް ފުރުސަތު ދީފައި ވަނީ ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ޔުއެފާ ނޭޝަންސް ލީގުގައި ކުޅެން ޖެހޭ 2 މެޗަށާއި އަންނަ ހުކުރު ދުވަހުގެ ރޭ ވޭލްސްއާ ވާދަކުރުމަށް އެކުލަވާލި ސްކޮޑުންނެވެ. ޔުއެފާ ނޭޝަންސް ލީގުގައި އާދިއްތަ ދުވަހުގެ ރޭ ވަރުގަދަ ބެލްޖިއަމްއާ ދެކޮޅަށް ކުޅުމަށްފަހު ބުދަ ދުވަހުގެ ރޭ އިންގްލެންޑް ބައްދަލު ކުރާނީ ޑެންމާކާއެވެ.