ކޮލޮމްބޯ ޕޯރޓް ސިޓީ އިކޮނޮމިކް ޒޯން ކޮމިޝަންއާ ބެހޭ ގޮތުން ސްރީލަންކާގެ އެތައް ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމަށް ސްރީލަންކާ ޗީފް ޖަސްޓިސް ފަސް ފަންޑިޔާރުންގެ ބެންޗެއް ހަމަޖައްސަވައިފިއެވެ. މި ބެންޗްގައި އިސްކޮށް ހުންނަވާނީ ޗީފް ޖަސްޓިސް ޖަޔަންތަ ޖަޔަސޫރިޔާއެވެ.

މި ދައުވާ ހުށަހަޅާފައިވާ ފަރާތްތަކުން އެދިފައި ވަނީ ޗައިނާގެ ޚަރަދުގައި ހަދާ، ކޮލޮމްބޯ ޕޯޓް ސިޓީ ހިންގުމާ ބެހޭ ގޮތުން އެކުލަވާލާފައިވާ ބިލް ޕާލަމެންޓްގެ ތިންބައިކުޅަ ދެބައި އަޣްލަބިއްޔަތުން ފާސްކުރުމަށެވެ.

މި ދައުވާގައި އިދިކޮޅު ޕާޓީތަކާއި ސްރީލަންކާ ބަރ އެސޯސިއޭޝަނުން ބައިވެރިވެފައި ވެއެވެ.

ލަންކާގެ ބުދު ދީނުގެ އެންމެ އިސްފާދިރީ އާނަންދާ ތޭރޯ ވެސް ސިފަކޮށްފައިވާ ގޮތުގައި މި ބިލާ ފާސްކޮށް ކޮލޮމްބޯ ޕޯޓް ސިޓީ ހިންގަން ބޭރުބަޔަކު ހަމަޖެއްސުމުން އެތަން ވެގެންދާނީ ޗައިނާގެ ކޮލޮނީއަކަށެވެ.

ސަރުކާރު އެމްޕީއެއް ކަމަށްވާ، އެމްޕީ ވިޖަޔެދާސާ ރާޖަޕަކްސަ ވެސް ވިދާޅުވެފައި ވަނީ ޗައިނާއަށް ޕޯޓް ސިޓީ ހަވާލުކުރުމުން ގައުމުގެ ގާނޫނުއަސާސީން ބޭރުން ބާރު ހިންގުމަށް ޗައިނާއަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެއިރުން ޕޯޓް ސިޓީ ވެގެންދާނީ ސްރީލަންކާގައި އޮންނަ ވަކި ކޮލޮނީއަކަށެވެ.

ކޮލޮމްބޯ ޕޯރޓް ސިޓީ ކޮމިޝަން ބިލްގައި ވަނީ ސްރީލަންކާގައި އަމަލު ކުރަމުންދާ 14 އިންކަމް ޓެކްސްގެ ގާނޫނަކުން ޕޯޓް ސިޓީ އިސްތިސްނާ ވާނެ ކަމަށެވެ. އަދި މިތާގައި ސްރީލަންކާ ފައިސާ ބޭނުން ކުނުރެވޭނެ ކަމަށާއި މިތަން ހިންގަން ތިބޭނީ ބޭރު މީހުން ކަމަށެވެ.